ތިނަދޫ ސިޓީ ކައުންސިލަށް ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައި ނުވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އިދިކޮޅު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، ތިނަދޫގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކުރީ މިދިޔަ ބުދަ ދުވަހެވެ.
އެލްޖީއޭއިން އެ ގޮތަށް އަމަލުކޮށްފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއެއް ފަހުގައެވެ.

ތިނަދޫ ސިޓީ ކައުންސިލު --
އެ އަމަލު ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައިވަނީ އެލްޖީއޭއިން އެ ކައުންސިލަރުންނަށް ފިޔަވަޅު އަޅާފައިވަނީ ސައުދުﷲ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލުކުރަމުން ނުދާތީ އެ އެލްޖީއޭއަށް ހުށަހެޅި ހަގީގަތެއް ނެތް މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކަމަށް ތުހުމަތުކޮށްފައެވެ.
އޭގެ ފަހުން ރޭ މެންބަރު ސައުދުﷲ ވަނީ އެ ޕާޓީއަށް ރައްދުދެއްވާފައެވެ.
ރޭ ސައުދުﷲ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ކައުންސިލަރުންނަށް ފިޔަވަޅު އެޅި ސަބަބު އެލްޖީއޭއިން ހާމަކޮށްފައިވަނިކޮށް މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭހެން އެމްޑީޕީން ނެރުނު ނޫސްބަޔާން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެގޮތުން، ތިނަދޫ ކައުންސިލުން ވަކި ގޮތަކަށް އަމަލުކުރުމަށް ދުވަހަކު ވެސް އެ ކައުންސިލްގައި އެދިފައިނުވާ ކަމަށާއި އެލްޖީއޭއަށް އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާއިން ކަމުގެ ހަގީގީ ތަފުސީލު މައުލޫމާތު ހާމަކޮށްފައި ވަނިކޮށް، ކަނޑައެޅިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލުކުރުމަށް ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ގުޅޭގޮތުން މިފަދަ ވާހަކައެއް ދެއްކުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ދެކެން، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
އޭގެއިތުރުން، އެމްޑީޕީގެ ނޫސްބަޔާނަކީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ނާންގައި ނެރެފައިވާ ބަޔާނެއް ކަމަށް ޝާހިދު ވިދާޅުވި ކަމަށް ސައުދުﷲ ތުހުމަތުކުރެއްވިއެވެ. އަދި، އެއީ ބަލަންވާ ވަރަށް ނުބަލާ ނެރެވިފައިވާ ކަމަށް ބަޔާނެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވިކަން މެންބަރު ފާހަގަކުރެއްވިއެވެ.
އެކަމަކީ އެމްޑީޕީގެ ހައިބަތާއި ފެންވަރާމެދު ވަރަށް ބޮޑަށް ސުވާލު އުފެދުނު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދުﷲ އިތުރަށް ފާހަގަކުރެއްވި ކަންކަން:
- ތިނަދޫގެ ކައުންސަލަރުންނަށް ފިޔަވަޅު އެޅި ސަބަބުތަކަށް ރިއާޔަތްކުރާއިރު، އެ ކައުންސިލުން އަމަލުކޮށްފައިވާ ގޮތްތަކީ ރަށުގެ ރައްޔިތުން ލަދުގަންނަން ޖެހޭ ފަދަ ކަންކަން
- ކައުންސިލްތަކާ މެދު އިތުބާރު ދަމަހައްޓައި، ރައްޔިތުންގެ މުދަލާއި ފައިސާ ހިމާޔަތްކުރުމަށްޓަކައި އެ ކައުންސިލުން ހިންގާފައިވާ ފަދަ އަމަލުތައް ކުރުމުގެ ފުރުސަތު ދެވިގެންނުވާނެކަން
- ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ތިނަދޫގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ ކޮންމެ ކަމަކަށް މެންބަރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން
އެ މައްސަލައިގައި ތިނަދޫގެ މޭޔަރު ވިދާޅުވީ، އޭނާއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކުރީ ސިޔާސީ ބޭނުމުގައި ކަމަށެވެ.
އެ މައްސަލައިގައި އިންސާފު ހޯދުމަށް އެ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި އެލްޖީއަށް ވީތީ ވަކި މައްސަލަ ނުބަލައި، ދޫކޮށްނުލާނެކަމަށް ވެސް އޭނާ ފާހަގަކުރެެއްވިއެވެ. އަދި، އެލްޖީއޭއިން ދިނީ ލާމަރުކަޒީ ނިޒާމަށް ކަޅު ދުވަސްތަކެއް ކުރިމަތިވާނެކަމުގެ ސިގުނަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.