ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތްކުރުމަށްފަހު، ނުވަ މީހުން މަރާލި ޖަޕާނު މީހަކު މިއަދު ދަންޖައްސައި މަރާލައިފިއެވެ.
މިއީ ގާތްގަޑަކަށް ތިން އަހަރު ފަހުން ޖަޕާނުގައި މަރުގެ އަދަބު ދިން ފުރަތަމަ މީހާއެވެ. ޖަޕާނުގައި މަރުގެ އަދަބު އެންމެ ފަހުން ދީފައި ވަނީ 2008 ވަނަ އަހަރު ޓޯކިޔޯގެ އަކިހާބާރާ ޝޮޕިން ޑިސްޓްރިކްޓްގައި ވަޅިން ހަމަލާދީ ބަޔަކު މަރާލި މީހަކަށެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ކައިރީގައި އޮންނަ ކަނާގާވާގެ ޒާމާ ސިޓީގައި ހުންނަ އޭނާގެ އެޕާޓްމަންޓުގައި 2017 ވަނަ އަހަރު އަށް އަންހެނުންނާއި އެއް ފިރިހެނަކު މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވައި، ތަންފީޒުކުރީ ޓާކާހިރޯ ޝިރައިޝީއަށް މައްޗަށެވެ.
މަރާލި މީހުންނާ އޭނާ ގުޅުން ބަދަހި ކުރީ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ކުރީގެ ޓްވިޓާ އަދި މިހާރުގެ އެކްސް މެދުވެރިކޮށެވެ. އެހެންވެ، އޭނާ މަޝްހޫރުވެފައި ވަނީ "ޓްވިޓާ ކިލާ" ގެ ނަމުންނެވެ.
ޝިރައިޝީ ވަނީ އެ މީހުން މަރާލި ކަމަށް އެއްބަސްވެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހުންގެ ހަށިގަނޑުތައް ބަހައްޓާފައި ހުރީ އޭނާގެ ކުޑަ އެޕާޓްމަންޓުގެ ކޫލަރުތަކެއްގައެވެ.
އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާ ހަވާލާދީ އެސޯސިއޭޓް ޕްރެސްއިން ބުނީ ޝިރައިޝީ ވަނީ ޓްވިޓާ މެދުވެރިކޮށް މީހުންނާ މުއާމަލާތްކޮށް، އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ މީހުން މަރުވުމަށް އެހީތެރިވުމަށް ހުށަހަޅާފައެވެ.
ޖަޕާނުގައި މަރުގެ އަދަބު ދެނީ ދަންޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަޑިއެއްހާއިރު ކުރިން ގައިދީންނަށް އެކަން އަންގައެވެ. އެހެންވެ، އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުގެ ފާޑުކިޔުން އެކަމަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ޖަޕާނުގައި މިހާރުވެސް މަރުގެ ހުކުމް އިއްވާފައިވާ 105 މީހުން އެބަތިއްބެވެ.
ޖަޕާނާއި އެމެރިކާއަކީ ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ތެރެއިން މަރުގެ އަދަބު ކަނޑައަޅާފައި އޮންނަ ހަމައެކަނި ދެ ގައުމެވެ.
ޖަޕާނުގައި މިކަމަށް އާންމުންގެ ވަރަށް ބޮޑު ތާއީދެއް އޮވެއެވެ. ސަރުކާރުން 2024 ވަނަ އަހަރު 1،800 މީހުންގެ ހިމަނައިގެން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 83 ޕަސެންޓް މީހުން ދެކެނީ މަރުގެ އަދަބު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ.
ޖަޕާނަކީ ނިސްބަތުން ކުށް މަދު ގައުމެއް ނަމަވެސް ފާއިތުވި އަހަރުތަކުގައި މީހުން މެރުމުގެ ކޭސްތައް ވަނީ އިތުރުވެފައެވެ.