ފައިނު އެކްސިޑެންޓުގައި އަނިޔާވި 2 ކުދިންނާއި ޓީޗަރު އިތުރު ފަރުވާއަށް މާލެއަށް

ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން އިތުރު ފަރުވާއަށް މާލެ ފޮނުވާލަނީ ---- ފޮޓޯ/ އުނގޫފާރު ޑޮޓްކޮމް

ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން އިތުރު ފަރުވާއަށް މިއަދު މާލެއަށް ފޮނުވައިފިއެވެ.

ފައިނުން ރޭ "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ މީހުންގެ ގައިގައި ޖެހިގެންނެވެ. އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ މީހުން ގެންދިޔައީ އުނގޫފާރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.

ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން މާލެއަށް ފުރުވާލުން ---- ފޮޓޯ/ އުނގޫފާރު ޑޮޓްކޮމް

އެގޮތުން، އެ މީހުންނަށް ފަރުވާދިނީ އެ ހޮސްޕިޓަލުގެ އީއާރުގައި ކަމަށް އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލު ރޭ ވިދާޅުވިއެވެ.

އޭގެ ފަހުން، އެ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެ މީހުންގެ ތެރެއިން އަނިޔާވި ދެ ކުދިން މާލެއަށް ފުރުވާލާފައިވާ ކަމަށާއި ޓީޗަރު ވެސް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މީހުންގެ ހާލު ސްޓޭބަލް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޕްރިންސިޕަލްގެ ހާލު ސްޓޭބަލް ކަމަށާއި އޭނާ ފަރުވާއަށް ފަހު މިއަދުގެ ވަގުތެއްގައި ގެއަށް ދޫކޮށްލާނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން މާލެއަށް ފޮނުވާލި ތަނަށް ބަޔަކު އެއްވެފައި ---- ފޮޓޯ/ އުނގޫފާރު ޑޮޓްކޮމް

އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް އަދި ނުލިބެއެވެ.

ފުލުހުން ރޭ "ސަން"އަށް ބުނީ، 19:30ހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 20:23ހާއިރު ކަމަށެވެ.

އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި، އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

comment ކޮމެންޓް