މިދިޔަ އެމްޑީޕީ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަޙްމަދު ޒުހައިރު, މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ)ގެ ޑިރެކްޓަރަކަށް އިއްޔެ އައްޔަންކުރައްވައިފިއެވެ.
އައްޑޫ ސިޓީ, ހިތަދުއަށް ނިސްބަތްވާ ޒުހައިރަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެކެވެ. އެއާ މޯލްޑިވްސް ޒަމާނުންސުރެ އެ ދާއިރާގެ އިސް މަގާމުތައް ފުރުއްވާފައިވާ, ޒުހައިރު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނެޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.
ހަމަ އެހެންމެ އޭނާއަކީ އޭވިއޭޝަން ދާއިރާއިން އަމިއްލަ ވިޔަފާރި ވެސް ފުޅާދާއިރާއެއްގައި ކުރައްވާ ބޭފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު, އެމްޓީއެސްބީ އުފެއްދެވީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހެވެ. އެ އިދާރާ ހިންގަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންނެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.