ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ރެއާލް މެޑްރިޑުން އާރްބީ ސާލްޒްބާގް ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ފިލަޑެލްފިއާގެ ލިންކަން ފައިނޭޝިއަލް ފީލްޑްގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ފުރަތަމަ ލަނޑު ރެއާލުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއަސް ޖޫނިއާއެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ރެއާލްގެ ފަހު ލަނޑު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ. ސާލްޒްބާގަށް ލަނޑެއް ނުޖެހުނު ނަމަވެސް އެ ޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ރެއާލްގެ ދެ ފަރާތުން ކުޅޭ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑާއި ފްރޭން ގާސިއާއަށް ވަރަށް ބޮޑަށް ކުރިއަށް އަރައިގެން ކުޅުމުގެ ފުރުސަތު ކޯޗު ޒާބީ އަލޮންސޯ ދީފައިވިކަން ފާހަގަވިއެވެ.
އެންމެ ފަހުން ރެއާލަށް ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ޒައިނުއްދީން ޒިދާނާއި ކާލޯ އެންޗެލޯޓީ ގެންގުޅުނު 3-3-4 ސިސްޓަމުގެ ބަދަލުގައި އެ ޓީމަށް 2000 ވަނަ އަހަރު ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ވިސެންޓޭ ޑެލް ބޮސްކޭ ގެންގުޅޭ ކުޅުމުގެ ގޮތްގަނޑު ގެންގުޅޭކަން ފާހަގަވިއެވެ.
މި ކާމިޔާބީއާ އެކު ރެއާލުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ޖުލައި މަހުގެ ދެވަނަ ދުވަހު ކުޅޭ ދެވަނަ ބުރުގެ މެޗުގައި ރެއާލް ބައްދަލުކުރާނީ ގްރޫޕް ޖީގެ ދެވަނަ ޓީމު ކަމުގައިވާ ޔުވެންޓަސްއާއެވެ. މެޗުން ބަލިވުމުން ސާލްޒްބާގް މިވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.
މި ގްރޫޕްގައި އަލް ހިލާލާއި ޕަޗޫކާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، އަލް ހިލާލުންވަނީ ދެވަނަ ޓީމުގެ ގޮތުގައި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މެޗުގައި އަލް ހިލާލްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ސަލެމް އަލްދައުސަރީއާއި މާކޯސް ލިއޮނާޑޯއެެވެ. މި ކާމިޔާބީއާ އެކު އަލް ހިލާލް ދެވަނަ ބުރުގައި ޖުލައި މަހުގެ އެއްވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް ޖީގެ އެއްވަނަ ޓީމު މެންޗެސްޓާ ސިޓީއާއެވެ. އަލް ހިލާލްއަކީ ސިޓީއަށް ކުރިން ކުޅުނު ޖާއޮ ކަންސޭލޯ ކުޅޭ ޓީމެވެ.
ދެ މެޗާ އެކު ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާގެ މެޗުތައް ނިމުނީއެވެ. އަދި، ފަހު 16 ޓީމުގެ ބުރަށް މިވަނީ ޓީމުތައް ހޮވިފައެވެ. މީގެ ތެރޭގައި ޔޫރަޕްގެ ނުވަ ޓީމު ހިމެނޭއިރު ދެކުނު އެމެރިކާގެ ހަތަރު ޓީމު، އުތުރު އަދި މެދުތެރޭ އެމެރިކާގެ ދެ ޓީމު އަދި އޭޝިއާގެ އެއް ޓީމު ހިމެނެއެވެ.