ދިވެހިރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮއްނަ ގައުމަކަށްވާއިރު އެ ދާއިރާއަށް މުޅި ދުނިޔެއަށް މަގުބޫލު މަންޒިލެކެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދާއިރާ ފުޅާކޮށް އާ ހަރުފަތަކަށް ގެންދަން އަޒުމުކަނޑައަޅައިގެން ކުރާ މަސައްކަތުގެ ތެރެއިން ހަލާލް ޓޫރިޒަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. އެކަމަކު، އެ ކަމަށް ޚާއްސަކޮށްގެން ދޫކުރަނީ ކިތައް ރަށްކަމެއް އެ މަނިކުފާނު ވިދާޅެއް ނުވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔެއަށް މަޝްހޫރު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު ބޭނުންވަނީ ހަލާލް ޓޫރިޒަމްގެ ލީޑަރަކަށްވާން ކަމަށެވެ.
އެހެންވެ، ހަލާލް ޓޫރިޒަމަށް ޚާއްސަކޮށްގެން ރަށްތަކެއް ދޫކުރާނެކަން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.
އެކަން ކުރައްވާނީ އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް ލިބޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ސިންދަފާތުކުރެވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
ރައީސް ވިދާޅުވީ، އެ މަޝްރޫއާ ގުޅޭ ތަފުސީލުތައް އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އޮތީ އިންވެސްޓްމަންޓަށް ތައްޔާރަށް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"ދިވެހިރާއްޖެ އޮތީ އިންވެސްޓްމަންޓަށް ތައްޔާރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރުވެ،" އެ މަނިކުފާނުގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.
ރައީސް މުއިއްޒު އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ހަލާލް ޓޫރިޒަމް ފުޅާކުރަން މަޝްވަރާކުރައްވައިފައެވެ. އޭގެ ކުރިން މިދިޔަ ސަރުކާރުގައި ވެސް ރާއްޖޭގައި ހަލާލް ޓޫރިޒަމް ޕްރޮމޯޓުކުރަން ބައެއް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ރާއްޖޭގެ އިގުތިސާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމަށެވެ.
މި ސަރުކާރުގައި ޙައްޖު ކޯޕަރޭޝަނުން ވެސް ވަނީ ހަލާލް ޓޫރިޒަމަށް ވަދެ ކ. މާފުށީގައި ގެސްޓްހައުސްތަކެއް ހަދަން ނިންމައިފައެވެ. އެކަމަކު، ފަހުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އެ މަޝްރޫއު ކުރިއަކަށް ނުދެއެވެ.