މަޒުމޫނާއި، ކުރުވާހަކައާއި ޅެންހެދުމުގެ ޤައުމީ މުބާރާތް 2630 ދަރިވަރުންނާއެކު މާދަމާ ފަށަނީ

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތެއްގެ ތެރެއިން: ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ މުބާރާތްތަކުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ މާދަމާ ހެނދުނު 8:00 ގައި މުޅި ރާއްޖޭގައި މުބާރާތްތައް ފަށާނެ ކަމަށެވެ.

ތިން ދަންފަޅިއަށް ބަހައިލައިގެން ޖޫން 28ވަނަ ދުވަހު މި މުބާރާތްތައް ކުރިއަށްދާނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައެވެ.

މި މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެ ގޮތުން އަތޮޅުތަކުން މި މުބާރާތުގައި77 ސްކޫލަކުން ވާދަކުރެއެވެ. އަދި މާލޭ ސަރަހައްދުން 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔާނީ އެ ދަރިވަރަކު ބައިވެރި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔާނީ ކަލާފާނު ސްކޫލުގައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔާނީ އެ ބޭފުޅަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކުރައްވައިފައި ވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ.

މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.

މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 1095 ފަރާތެއް ބައިވެރިވެފައި ވެއެވެ. އަދި ކުރުވާހަކަ ލިޔުމުގައި 1006 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 529 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ބާއްވާ މި މުބާރާތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި، ކުރިއަށްދާ ތަން އެ ސެންޓަރުތަކުން ދިވެހިބަހުގެ އެކެޑަމީއާ ދާދިވަރުކޮށް ހިއްސާކުރަމުން ދާނެއެވެ.

މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތަށް މި ވަނީ ބަދަލުތަކެއް ގެނެވިފައެވެ. މީގެ ކުރިން މުބާރާތުގައި މަޒުމޫނު ލިޔަނީ މަޒުމޫނު ލިޔުމަށް އެކެޑަމީން ދީފައިވާ ދާއިރާތައް ގުރުއަތުލައިގެން ގުރުއަތުން ދިމާވި ދާއިރާއެއްގައި ހިމެނޭ މައުޟޫޢުތަކުން އެ ބައިވެރިއަކު އިޚްތިޔާރުކުރާ މައުޟޫޢަކަށެވެ.

އެހެން ނަމަވެސް މި އަހަރުގެ މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުޟޫޢުތައް ވަނީ މުބާރާތް ބޭއްވުމުގެ 45 ގަޑިއިރު ކުރިން އާންމުކޮށްފައެވެ. ކޮންމެ އުމުރުފުރައަކަށް ވެސް ދީފައިވާ މައުޟޫއުތަކުގެ ތެރެއިން، ބައިވެރިން މަޒުމޫނު ލިޔާނެ މައުޟޫޢު ކަނޑައަޅާނީ މުބާރާތް ބާއްވާ މާލަމުގައި ވަގުތުން ގުރުއަތު ނަގައިގެންނެވެ.

މި މުބާރާތަކީ ދާދިވަރުކޮށް މޮނިޓަރުކުރެވެމުންދާ މުބާރާތްތަކެއް ނަމަވެސް ބައެއް އަތޮޅުތަކުގައި ދިވެހިބަހުގެ އެކެޑަމީގެ ކޯޑިނޭޓަރުން މި އަހަރު ހަރަކާތްތެރިވާނެއެވެ. އެއީ އެއް ސްކޫލަށް ވުރެ ގިނަ ސްކޫލު، ބައިވެރިވާ، އެއްފަސްކޮށް ހުރި މަރުކަޒުތަކެވެ.

މި ގޮތުން ހދ. ކުޅުދުއްފުށި، ލ، ޏ، އަދި ސ. އަތޮޅުގައި އެކެޑަމީގެ މަންދޫބުން މުބާރާތުގެ ހޯލު ބަލަހައްޓަވާ ފަރާތާއެކު، ހަރަކާތްތެރިވާނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަންކަން ހިއްސާކުރާނީ ދާދިވަރުކޮށެވެ.

comment ކޮމެންޓް