މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މި މަހުގެ ނުވަވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވި، ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާއިން ނިންމަވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.
ޝެއިޚް ފަރީދު މަސައްކަތްކޮށްދެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން، މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށައިދިނުމުގެ ގޮތުން ޝެއިޚުގެ ދެ ފިރިހެން ދަރިކަލުން ކަމަށްވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގްލަދޭޝަށް ފުރީ މީގެ ދެ ދުވަސް ކުރިންނެވެ.
އެއާއެކު މިއަދު ޚިދުމަތް ޖަމިއްޔާއިން ވަނީ ބިންގާ އެޅިކަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. ބިންގާ އަޅައިދިނީ ޝެއިޚްގެ އެ ދެ ދަރިކަލުންނެވެ.

ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުން -- ވީޑިއޯ ސްކްރީން ޝޮޓް/ ޚިދުމަތް ޖަމިއްޔާ
އެ ދެބެއިން ވަނީ، އެ މިސްކިތުގެ ބިންގާ އެޅިފައިވާއިރު، މިސްކިތް ބިނާކުރުމަށް ދިވެހީންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އާއިލާއާއި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޝުކުރު އަދައިކޮށްފައެވެ.
ބަންގްލަދޭޝްގައި ބިންގާއެޅުމަށް ތައްޔާރުވެފައިވާ މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފައެވެ.
ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ.
ޚިދުމަތް ޖަމިއްޔާއިން ވަނީ ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. ނަމަވެސް، ރާއްޖޭގައި އަޅަން ނިންމާފައިވާ މިސްކިތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ޚިދުމަތް ޖަމިއްޔާއިން އަދި ހާމައެއް ނުކުރެއެވެ. އެ ޖަމިއްޔާއިން ބުނީ، އެ ނިންމުން ނިންމާފައިވަނީ ގިނަ ބަޔަކު އެކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ކަމަށާއި އިތުރަށް ފަންޑު ވެސް ލިބޭތީ ކަމަށެވެ.