ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް މިހާރު ފަށައިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން މިއަދު ބުނެފިއެވެ.
ޑީއެންއާރުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ހޯރަފުށީގައި ފެށުމަށް، އެ ރަށު ކައުންސިލާއެކު ސޮއިކުރިކަން ހާމަކޮށްފައެވެ.
ޑީއެންއާރުން ބުނީ ހޯރަފުށީގައި މި ޚިދުމަތް ފެށުމާއެކު މިހާރު ޖުމްލަ 23 ރަށުން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި މި ޚިދުމަތް ގާއިމްކުރުން ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
މިދިޔަ މަހުގެ 21ވަނަ ދުވަހު ވަނީ ބ. ދަރަންވަންދޫއާއި އެ އަތޮޅު އޭދަފުށީގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ދޭން ވެސް ފަށައިފައެވެ.
އައިޑީ ކާޑު އާކުރުމަށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހެއެވެ. ގިނަ ރަށްތަކުގައި އައިޑީ ކާޑު ހައްދަން ޖެހެނީ މާލެ ފޮނުވައިގެންނެވެ. ޑީއެންއާރުން އައިޑީކާޑު ފޮނުވަނީ އަތޮޅު ކައުންސިލަށެވެ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށު ކައުންސިލްތަކަށް އައިޑީކާޑުތައް ފޮނުވަން ވެސް އެތައް ދުވަހެއް ނަގައެވެ.
އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.