މި އަހަރުތެރޭ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ވެބް ސީރީސް "ދަ ފެމިލީ މޭން 3"ގެ ފުރަތަމަ ޓީޒާއާއެކު އެ ވެބް ސީރީސްއަށް އިތުރު ދެ ފިލްމީ ތަރިން ގުޅިފައިވާކަން އިއުލާނުކޮށްފިއެވެ.
އެމޭޒަން ޕްރައިމްއިން މިހާތަނަށް ގެނެސްދިން އެންމެ މަގުބޫލު އަދި ކާމިޔާބު ވެބް ސީރީސްގެތެރޭ ހިމެނޭ "ދަ ފެމިލީ މޭން 3"ގެ ޓީމާ ގުޅުނު ދެ ތަރިންނަކީ ވެބް ސީރީސްތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ޖައިދީޕް އަހްލަވާތު އަދި ބަތަލާ ނިމްރަތު ކައުރުއެވެ.
މި ވެބް ސީރީސްގެ ބައެއް މަންޒަރުތައް ދައްކުވައިދީފައިވާ ޓީޒާއިން އެކްޓަރު ޖައިދީޕް އަދި ނިމްރަތުގެ ފެނިލުމެއް ދައްކާލިރު ދެ ތަރިންގެ ކެރެކްޓާއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

"ދަ ފެމިލީ މޭން 3"ގެ އާ ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެކްޓަރު މަނޯޖް ބަޖްޕައީ 'ސްރީކާންތު ތިވާރީ'ގެ ކެރެކްޓާ ތިން ވަނަ ސީޒަންއިން ވެސް ފެންނާނެއިރު ބަތަލާގެ ރޯލްއިން ޕްރިޔާމަނީ ފެންނާނެއެވެ.
މި ވެބް ސީރީސްގެ ޓީޒާ އަދި ތިން ވަނަ ސީޒަންގެ މުޅިން އައު ޕޯސްޓަރެއް ބެލުންތެރިންނަށް ދައްކާލާފައިވީ ނަމަވެސް މި ސީޒަން ޕްރީމިއާކުރާނެ ދުވަހެއް އެމޭޒަންއިން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
އެމޭޒަން ޕްރައިމްއަށް ގިނަ ކޮންޓެންޓްތައް އުފައްދަމުން އަންނަ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭގެ "ދަ ފެމިލީ މޭން" އެންމެ ފުރަތަމަ ގެނެސްދިނީ 2019 ވަނަ އަހަރެވެ.
އޭގެފަހުން މި ސީރީސްގެ ދެވަނަ ސީޒަންއެއް 2021 ވަނަ އަހަރު ގެނެސްދިންއިރު ތިން ވަނަ ސީޒަން ބެލުންތެރިންނަށް މި ގެނެސްދެނީ ބޮޑު ބްރޭކަކަށްފަހުއެވެ.