ބްރަސަލްސް (28 ޖޫން 2025): އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްފަހު ކާބޯތަކެތި ބަހާ ތަންތަނަށް އެމީހުން ދިޔުމުން އިސްރާއީލު ސިފައިން އެމީހުންގެ ގަޔަށް ބަޑިޖަހައި ކޮންމެ ދުވަހަކު 80 އިން 90 އިން މީހުން މަރަމުން ގެންދާއިރުވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ދެކޮޅު ހަދައިފިއެވެ.
ޔޫރަޕްގެ ލީޑަރުން ބްރަސަލްސްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޔޫރަޕްގެ ބައެއް ލީޑަރުން މަތިމަތިން އިސްރާއީލު ކުށްވެރިކޮށްލައި ވާހަކަ ދެއްކެވި ނަމަވެސް އަނެއްބައި ލީޑަރުންވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމާއި މީހުން ބަނޑަށް ޖައްސައިގެން މެރުމުގެ ޖަރީމާތަކާ ދެކޮޅަށް ބަހެއް ބުނުމަށްވެސް ދެކޮޅު ހައްދަވާފައެވެ.
ޣައްޒާގައި އިސްރާއީލު ހިންގާ އާދަޔާ ޚިލާފަށް އަނިޔާވެރި މި ޖަރީމާތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިހާތަނަށް ދުނިޔެ ނުދެކޭފަދަ ބޮޑެތި ޖަރީމާތަކެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ސްޕެއިން އާއި އަޔަލޭންޑް އަދި ސްލޮވީނިއާ ފަދަ ޔޫރަޕްގެ މަދު ގައުމުތަކެއްގެ ލީޑަރުންވަނީ އިސްރާއީލުގެ މިޖަރީމާތަކަކީ ޔޫރަޕްގެ އިއްތިހާދާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހި ކުރުމަށް 2000 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމާ އިސްރާއީލު ޚިލާފުވުން ކަމަށް ވިދާޅުވެ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.
ނަމަވެސް ޔޫރަޕްގެ ބޮޑެތި ބާރުތައްކަމަށްވާ ޖަރުމަނާއި ފަރަންސޭސިވިލާތް އަދި އިޓަލީ ފަދަ ގައުމުތަކުގެ ލީޑަރުންވަނީ އިސްރާއީލު ކުށްވެރި ކުރުމަށާއި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފާޅުގައި ދެކޮޅު ހައްދަވައި އިސްރާއީލުގެ ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ.
އިސްރާއީލާއި ޔޫރަޕްގެ އިއްތިހާދާ ދެމެދު 2000 ވަނަ އަހަރު ސޮއިކުރި އެއްބަސްވުން ބިނާކޮށްފައިވަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމުގެ މައްޗަށެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމަށްފަހު ގެންދަނީ އެމީހުންގެ ގަޔަށް ބަޑިޖަހައި ކޮންމެ ދުވަހަކު 80 އިން 90 އިން މީހުން މަރަމުން
ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނުގެ އާންމުން ބަނޑަށް ޖައްސައި އަދި އާންމުންގެ ފޭލިގެތަކަށް ބޮން އަޅައި ކާބޯތަކެތި ހޯދުމަށް ކިޔުހަދާ މީހުންނަށް ހަމަލާދީ ކޮންމެ ދުވަހަކު 80 އިން 90 އިން މީހުން މަރަމުން ގެންދާއިރުވެސް މިއީ އިސްރާއީލު ހިންގާ ޖަރީމާތަކަކަށްވާތީ ޔޫރަޕްގެ ގައުމުތަކަށް މިއީ އިންސާނީ ހައްގުތަކާ ޚިލާފުވުންކަމަކަށް ޔޫރަޕްގެ ލީޑަރުން ދެކެވަޑައި ނުގަންނަވައެވެ.
އިސްރާއީލު ސިފައިންގެ އެތަށްބަޔަކު ވަނީ ހައިހޫނު ކަމުގައި ތިބޭ މީހުން ކާބޯތަކެތި ބަހާތަނަށް ދިޔުމުން އެމީހުންގެ ގަޔަށް ބަޑިޖަހައި މެރުމަށް އިސްރާއީލުގެ ކޮމާންޑަރުން އެމީހުންނަށް އަމަރު ކޮށްފައިވާކަން ހާމަކޮށް ބަޔާންތައް ދީފައެވެ.
ނަމަވެސް މިއީ އިސްރާއީލު ނޫން އެހެން ގައުމަކުން ހިންގާ ޖަރީމާތަކެއްނަމަ އެ ގައުމަކާ ދެކޮޅަށް ޔޫރަޕުން މިހާރު ނުކިޔާ އެއްޗެއް އަދި ނާޅާފިޔަވަޅެއް ނޯންނާނެކަން ޔޫރަޕްގެ މުނާފިގުކަން ބޮޑު މާޒީގެ ސުލޫކުންވަނީ ފެނިފައެވެ.
މީގެއިތުރުން އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދީ ހޮސްޕިޓަލްތައް ފުނޑާލައި ނަރުހުންނާއި ޑޮކްޓަރުންނާއި ބަލިމީހުން މަރަމުން ގެންދިޔަ އިރުވެސް މިއީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށް ގަބޫލު ކުރުމަށް ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތައްވަނީ ފަސްޖެހިފައެވެ.
ޔޫރަޕްގެ އިއްތިޙާދު ލީޑުކުރާ އެންމެ ބޮޑު ގައުމުކަމަށްވާ އަދި އިންސާނީ ހައްގުތަކުގެ ނަމުގައި އެންމެ ބޮޑަށް އެހެން ގައުމުތަކަށް ފިލާވަޅުދޭ ގައުމުކަމަށްވާ ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މިޓްރިސް ވަނީ އިސްރާއީލަކީ ޔޫރަޕަށް މިޒަމާނުގައި ކުރަން ނުކެރޭ ހަޑިމުޑުދާރު އަމަލުތައް ދުނިޔޭގައި ހިންގުމަށް އުފައްދާފައިވާ ގައުމެއްކަމަށް ސިފަކުރައްވައި އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.
ޖީ7ގެ ސަމިޓްގައި އޭނާ ވިދާޅުވީ އިސްރާއީލު އުފެއްދުމުގެ މައިގަނޑު އެއް ބޭނުމަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ހުޅަނގުގެ ގައުމުތަކަށް ކުރަން ނުކެރޭ ހަޑި މުޑުދާރު ކަންކަން އިސްރާއީލު ލައްވައި ކުރުވުމެވެ.
އޭނާ މި އިޝާރާތް ކުރެއްވީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް ހިންގާ ޖަރީމާތަކަށް ކަމަށް ރިޕޯޓްތަކުގައިވަނީ ސިފަކޮށްފައެވެ.