ނިއުކްލިއާ ހަރަކާތްތައް އަލުން ފަށައިފިނަމަ، އީރާނަށް ބޮން އަޅާނަން: ޓްރަމްޕް

އީރާނުގެ ރައީސް އާޔަތުﷲ ޢަލީ ޚާމަނާއީ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ). ފޮޓޯ/އޭއެފްޕީ

އީރާނުން ނިއުކްލިއާ ހަރަކާތްތައް އަލުން ފަށައިފިނަމަ، ބޮން އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އިސްރާއީލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމަ އީރާނުން ކާމިޔާބުކޮށްފައިވާ ކަމަށް އެ ގައުމުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވުމާ ގުޅިގެންނެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ޓްރަމްޕް 'ޓްރޫތް' ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ލިޔުއްވީ، ޚާމަނާއީ "ވަރަށް ހުތުރު އަދި ނިކަމެތި" މަރަކުން ސަލާމަތްކޮށްދެއްވައިފައިވާ ކަމަށާއި، ހަނގުރާމައިގައި އީރާނަށް ކާމިޔާބު ލިބިފައިވާ ކަމަށް ވިދާޅުވި ވިދާޅުވުމަކީ ބޮޑު ދޮގެއް ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ މަސައްކަތްތައް ކުރާ ނަމަ އެ ގައުމަށް 'ޔަގީނުން ވެސް' ބޮމުގެ ހަމަލާ ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ހަނގުރާމައިގެ އީރާނަށް ކާމިޔާބު ލިބިފައިވާ ކަމަށް ޚާމަނާއީ އިއްޔެ ވިދާޅުވެފައިވާއިރު، އެއީ ހަނގުރާމަ ނިމުނުފަހުން، ޚާމަނާއީ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއާ ގާބިލްކަމަށް ހުރަސް އެޅިފައިވޭތޯ، ސުވާލު އުފެދިފައިވާއިރު، ލީކުވެފައިވާ ޖާސޫސީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެ ހަމަލާގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުމެއް އީރާނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ހަމަލާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތައް އެއްކޮށް ހަލާކުވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ނުވަތަ އެފަދަ އެހެން އިދާރާއަކަށް އީރާނުގެ ނިއުކްލިއާ ސައިޓްތައް ބަލަން ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު އީރާނުން ވަނީ އައިއޭއީއޭއަށް އެއްބާރުލުން ނުދިނުމަށް ނިންމައި ބިލެއް ފާސްކޮށްފައެވެ.

މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން ހަމަލާ ދިން ފަހުން އެއްވެސް ވަރަކަށް ނިއުކްލިއާ މަރުކަޒުތައް ޗެކް ކޮށްފައި ނުވާތީ، އައިއޭއީގެ ޑިރެކްޓަރު ގްރޮސީ ވަނީ އެ މަރުކަޒުތަކުގެ އިންސްޕެކްޝަންތައް އަލުން ފެށުމަކީ އެންމެ އިސްކަން ދޭން ޖެހޭ ކަން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކުރުމާ އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދާފާނެ ކަމުގެ އިޝާރާތެއް އީރާނުގެ ދިފާއީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ ދެއްވާފައެވެ.

"އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް، ގްރޮސީ ސަލާމަތީ ކަންކަން ބެލުމަށް ކަމަށް ބުނެ، ބޮން ގޮއްވާލި ތަންތަނަށް ޒިޔާރަތް ކުރުމަށް ބާރުއެޅުމަކީ މާނައެއް ނެތް ނެތް ކަމެއް. އީރާނަށް އަމިއްލަ ގައުމުގެ މަސްލަހަތާއި ރައްޔިތުންނާއި އިސްތިގުލާލު ދިފާއުކުރުމަށް ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު ލިބިގެންވޭ،" އަރަޣްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

އީރާނަށް ބޮން އަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އިސްރާއީލުން ބޭނުންވީ ޚާމަނާއީ އަވަހާރަކޮށްލަން ކަމަށާއި އެކަމަށް އެމެރިކާގެ ހުއްދައެއް ބޭނުންނުވާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު، އިސްރާއީލު ކަޓްޒްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލާއި އީރާނުން މިފަހުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށީ އިސްރާއީލުން ކުއްލި ގޮތަކަށް އީރާނުގެ އަސްކަރީ ލީޑަރުންނާއި ނިއުކްލިއާ މަރުކަޒުތަކަށް މިސައިލް ހަމަލާ ދިނުމުންނެވެ. ދެ ގައުމުގެ ހަމަލާތަކުގައި އާންމު ރައްޔިތުން މަރުވެފައިވާއިރު، ހަމަލާތައް ހުއްޓާލައިފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާދީ، އޭގެ ރައްދުގައި އީރާނުންގެ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިން ފަހުންނެވެ.

comment ކޮމެންޓް