ށ. ފުނަދުއަށް އުދަ އެރުމުގެ ސަބަބުން ރަށުގައި ހުންނަ ނަރުދަމާ އޮފީހަށް ވެސް ރާޅުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިދިޔަ ދެ ދުވަހާއި މިއަދު ވެސް އެ ރަށުގެ ސިނާއީ މަސައްކަތްތައް ކުރާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރަައީސް އަހުމަދު އިބްރާހީމްފުޅުވިދާޅުވިއެވެ. އުދައަރާފައިވާ ސަރަހައްދަކީ ލޮނުމަސް ތައްޔާރުކުުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްގެންދާ ސަހަރައްދެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، 2019އިން ފެށިގެން ދިޔަވަރު ބޮޑުވާ ދުވަސްވަރު އެ ސަރައްދަށް އުދަ އަރައެވެ. ކުރިން އެ ސަރަހައްދަކީ ރަށުގެ ވާ އޮންނަ ސަރަހައްދެވެ. އުދަ އަރައިގެން ލިބޭ ގެއްލުންތައް ބޮޑަށް ފެންނަން ފެށީ އެ ސަރަހައްދުގައި ސިނާއީ މަސައްކަތްތައް ކުރަން ފެށި ހިސާބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފުނަދޫގެ ނަރުދަމާ އޮފީސް އިމާރާތާއި ޕަމްޕު ސްޓޭޝަން ވެސް ހުންނަނީ އުދަ އަރާ ސަރަހައްދުގައެވެ.
"މިސާލަކަށް ނަރުދަމާގެ ޕަމްޕު ސްޓޭޝަން ހަލާކުވެއްޖެއްޔާ ވަރަށް ބޮޑު ގެއްލުމަކަށްވާނެ ސަރުކާރަށް ވެސް. މިހާރު އެ ތަނުގައި ހުރި އޮފީސް އިމާރާތް ވެސް ހުރީ އެއްބައި މޫދުގައި، އެއްބައި ގިރައިގެން ގޮސްފައިވީ، ގުދަން ބައި ނުވެސް ނެތް މިހާރު" އަހުމަދު ވިދާޅުވިއެވެ.
މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، މައްސަލަ ހައްލުނުވެ ދިގުލައިގެން ދާތީ އޭނާވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ފުނަދޫ އަކީ ރަށްގިރުމުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ކުރިމަތިވާ ރަށެެކެވެ. އެހެންކަމުން އެރަށުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ސަރުކާރުން ފެށިނަމަވެސް، އެ މަސައްކަތް ވެސް މިހާރު ވަނީ ހުއްޓިފައެވެ.
އަހުމަދު ވިދާޅުވީ އުދަ އެރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި 2020އިން ފެށިގެން ސަރުކާރުގައި އެދެމުންދާ ކަމަށެވެ.
ފުނަދުއަށް އުދަ އަރާ މައްސަލައަކީ ޚައްސާސް ކަމެއްގެ ގޮތުގައި ދެކިގެން، އެކަން ވީހާ ވެސް އަވަހަކަށް ހައްލުކޮށްދިނުމަށް އެދި އެރަށު ކައުންސިލުން ހައުސިން މިނިސްޓްރީއަށް ވަނީ 2022 ހިސާބުގައި ސިޓީ ފޮނުވައިފައެވެ.
އޭގެ ފަހުން، އޭރު އޮތް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023ވަނަ އަހަރު، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރިއެވެ.
އެއީ ދައުލަތުގެ ބަޖެޓުން 18.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ހިމެނެނީ:
- 12,145 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން
- 7,878 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން
- 670 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 60 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
އެހެން ނަމަވެސް އެ މަސައްކަތް ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.