ރަނީމްގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ، އޭނާގެ އެންމެ ގާތް އެކުވެރިޔާ، ހައިފާ މަސައްކަތްކުރަން އިންނަ މޭޒަށެވެ. ހައިފާއަކީ އަބަދުވެސް އޭނާއަށް ވުރެ ކުރިން އޮފީހަށް އަންނަ ކުއްޖެކެވެ. މިއަދު ހައިފާ ނެތުމުން އަނެއްކާ ކަމެއްދިމާވީ ބާއޭ ރަނީމްގެ ހިތަށް އެރިއެވެ. އޭނާ ހައިފާއަށް ގުޅާލަންވެގެން އުޅުނު ވަގުތު، ފޯނަށް މެސެޖެއް އައެވެ. ރަނީމް ބަލައިލިއެވެ. އެއީ ހައިފާގެ މެސެޖެކެވެ.
މެސެޖުގައިވަނީ މީޓިން ރޫމަށް އައުމަށް ބުނެފައެވެ. ރަނީމް ދަބަސް އޭނާގެ މޭޒުމަތީގައި ބާއްވަމުން، ފޯނު ހިފައިގެން ގޮސް އަނެއް ފަޅީގައި ހުންނަ މީޓިން ރޫމަށް ވަދެލިއެވެ.
"އައްސަލާމު ޢަލައިކުމް." ރަނީމް ސަލާމް ގޮވައިލިއެވެ. ކުރިން މީޓިންއެއް އޮންނަ ވާހަކަ ބުނެފައި ނުވާތީ އޭނާ ހައިފާއަށް އަވަސް ކަޅިއެއް އެއްލާފައި ބުމަ އަރުވައިލިއެވެ. ހައިފާ ނޭނގެޔޭ ބުނުމުގެ ގޮތުން ކުޑަކޮށް ކޮނޑު އަރުވައިލިއެވެ. އެމީހުންގެ ބޮސް ޔޫނުސް, ސަލާމް ބަލައިގަތުމުން ރަނީމް ގޮސް ހައިފާގެ ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީނެވެ. ޔޫނުސް އިނީ މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އެންމެން ފެންނާނެހެންނެވެ. އޭނާގެ ކަނާއަތް ފަރާތުން އެންމެ ކައިރިއަށް ހުރި ގޮނޑީގައި އިން ޒުވާނާ ރަނީމްގެ ލޮލުގައި އަޅައިގަތްއިރު، އެ ޒުވާނާ އިނީ ކަޅި ޖަހާނުލާ އޭނާއަށް ބަލަންކަން ރަނީމްއަށް ފާހަގަކުރެވުނެވެ. އެއީ އެހެންޏާ އޮފީހުން ފެންނަ ޒުވާނެއް ނޫނެވެ. ރަށުތެރޭގައި އުޅޭ އުޅުމުގައި ވެސް ދުވަހަކުވެސް ފެނުނު ޒުވާނެއް ވައްތަރެއް ނުޖަހައެވެ. އެހެން ނޫނަސް އޭނާއަކީ އެއް އިރެއްގައިވެސް މާގިނައިން ބޭރަށް ގޮސް އުޅޭ މީހެއް ނޫންކަމުން އޭނާއަށް ނޭނގޭ މީހަކު ހަމަ ހުރެދާނެކަމުގައި ރަނީމްއަށް ވިސްނުނެވެ. އެމޫނަށް ރަނގަޅަކަށް ބަލައިލުމުން ކޮންމެވެސް ވަރަކަށް ޔޫނުސްއާ ވައްތަރު ގޮތެއް ރަނީމްއަށް ފާހަގަކުރެވުނެވެ.
"މީ ޝާރިފް. އަހަރެންގެ ދޮށީ ދަރިފުޅު. މީގެ ފަހުން، ގެސްޓް ހައުސްގެ ހުރިހާކަމަކާ ހަވާލުވެ ހުންނާނީ ޝާރިފް. އެހެންވީމަ ތީގެ ތެރެއިން ކޮންމެ މުވައްޒަފެއް ވެސް މީގެ ފަހުން މަސައްކަތްކުރަން ޖެހޭނީ ޝާރިފްގެ ދަށުން." ޔޫނުސް އެންމެނަށް ޝާރިފް ތަޢާރަފްކޮށްލަދިނެވެ. ޔޫނުސްގެ އަޑުން އޭނާ ޝާރިފްއާ މެދު ފަޚުރުވެރިވާ މިންވަރު ހާމަވަމުން ދިޔައެވެ. އެހެން ބުނެލިއިރު ވެސް އޭނާގެ ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ.
ގިނަ ވަގުތު ޝާރިފްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުންނަކަން ރަނީމްއަށް ފާހަގަ ވިއެވެ. އޭނާއަށް ވެސް އިރުއިރުކޮޅަކާ ޝާރިފްއަށް ބަލައިލެވެނީ އެހެންވެގެންނެވެ.
ޝާރިފްއަކީ ރީތި ފިރިހެންވަންތަ ޒުވާނެކެވެ. ގިނަ އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ސިފަތަކެއް އޭނާއަށް ލިބިފައިވެއެވެ. ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެކެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން ވަކީން ބޮޑަށް ފާޅުވެއެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާލާފައި ހުރިނަމަވެސް، ރީތިގޮތަކަށް ސްޓައިލް ކޮށްލާފައިވާ ގޮތް އޭނާއާ ނުހަނު ގުޅެއެވެ. އެހެންނަމަވެސް، އެ ހުރިހާ ސިފަތަކަކާ އެކުވެސް ރަނީމްގެ ހިތުގެ ހިނގުމަށް ޝާރިފްއަކަށް ބާރެއް ނުފޯރުވުނެވެ. އެހެން އަންހެން ކުދިންނާ ޚިލާފަށް ރަނީމްގެ ހިތުގައި ޝާރިފް ފެނިގެނެއް ވަކި އާދަޔާޚިލާފް ވިންދެއް ނުޖަހައެވެ. އޭނާއަށް ޝާރިފް ޚާއްޞައެއް ނުވިއެވެ. އެހެނެއްކަމަކު ޝާރިފްގެ ބެލުމުން ރަނީމްއަށް ވީ އުނދަގުލެކެވެ. އެ ނަޒަރު ގިނަ ވަގުތު އޭނާއާ އަމާޒުވެފައި ހުންނާތީ އެކަމާ ކުޑަކޮށް ހިތަށް އުނދަގޫވީއެވެ. ހައިފާއަށް ބަލައިލުމާއެކު، ހައިފާ ރަނީމްއަށް ބުމަ އަރުވައިލިއެވެ. އޭނާ އިނީ ފާޑަކަށް ހީނގަނެގެންނެވެ. އެހެން އެކަކަށް ފާހަގަ ނުކުރެވުނު ނަމަވެސް ހައިފާއަށް ޝާރިފްގެ އެ ނަޒަރުގެ ތޫނުކަން ނަގައިގަނެވުނެވެ. ރަނީމް އެތަނުގައި ތިބި އެންމެނަށް ކަޅި ހިންގާ ބަލައިލުމާއެކު، ނުވާކަމަކަށް ކުޑަކޮށް ދެފަރާތަށް ބޯ ހޫރާލާފައި، ދެބުމަ ގޮށް ޖަހައިލިއެވެ.
"ސާރ ދެން މިހާރު މި ގަސްތުކުރަނީ ރިޓަޔަރވެލަން... ދެން އޮތް ވާހަކައަކީ، ކުރިއަށް އޮތް ދުވަސްތަކުގައި ވުޑްލޭންޑް ސްޓޭއިގެ އިތުރުން އެހެން ސްޓްހައުސްއެއް ހުޅުވިގެން ދާނެ. އެއީ ވުޑްލޭންޑް އިން. މިހުރިހާކަމަކާ ވެސް މީގެ ފަހުން ހަވާލުވެ ހުންނާނީ ޝާރިފް." ޔޫނުސް އޮޅުން ފިލުވައިލަދިނެވެ. ވުޑްލޭންޑް ގެސްޓްހައުސްސެސްގެ ނަމުގައި އޭނާ ރަޖިސްޓްރީކޮށްފައިވާ ކުންފުނީގެ ދަށުން ގިނަ ގެސްޓް ހައުސްތަކެއް ހުޅުވުމަކީ ޔޫނުސްގެ އުންމީދެކެވެ. އޭނާއަކީ ވަރަށް ކުރިން ފަށައިގެންވެސް ގެސްޓް ހައުސްގެ ވިޔަފާރި ކުރާ މީހެކެވެ. އެހެންނަމަވެސް އެ ޚިދުމަތް އެހާ ފުޅާވީ މީގެ ތިން އަހަރު ކުރިން އޭނާ ހުޅުވި ވުޑްލޭންޑް ސްޓޭއާއެކުގައެވެ. ކުރީގައި އޭނާ ގެސްޓް ހައުސް ހިންގި ދެ އިމާރާތް ތަޅާލާފައި، އެތަނުގައިވެސް ތަނަވަސް އިތުރު ގެސްޓް ހައުސްއެއް އެޅުމަށް މިހާރު ބަޔަކާ ހަވާލުކޮށް މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާ ރަށެކެވެ. އެހެންކަމުން އެ ވިޔަފާރިން އޭނާއަށް ރަނގަޅު ނަފާއެއް ލިބެއެވެ. އެ ވިޔަފާރި އާއެކު، އޭނާ ވެފައިވަނީ ވެސް ރަށުގައި ހުރި އެންމެ ފޯރާ، މުއްސަނދި މީހާއަށެވެ. އެހެން ނަމަވެސް ޔޫނުސް އަކީ އެއް އިރެއްގައިވެސް ބޮޑާ ކިބުރުވެރި މީހެއް ނޫނެވެ. އޭނާ އަކީ މީހުންނަށް ދީލަތި، އަބަދުވެސް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ. ތަނަވަސްކަމާއި، ފޯރުންތެރިކަމަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެ ނިޢުމަތާ މެދު ފަހުން ސުވާލު ވެވޭނެއެވެ. މުދަލާ ފައިސާ އޭނާ ހޭދަކުރީ ކިހިނެއްކަމާ މެދު ސުވާލުވެވޭނެއެވެ. އެކަން ޔޫނުސް ދަނެއެވެ. މުއްސަނދިކަމާ، މުދަލާ، ފައިސާއަކީވެސް އޭނާއަށް ކުރިމަތިކުރައްވާފައިވާ އިމްތިޙާނެއްކަން އޭނައަށް އެނގޭތީއެވެ. ޔޫނުސްގެ ހިތްހެޔޮކަމާއި، އޯގާތެރިކަމުގެ ސަބަބުން ރަށުގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް އޭނާއަށް ލިބިފައިވެއެވެ.
ޔޫނުސް އޭނާގެ ވާހަކަ ނިންމާލަމުން އެހާ ކުއްލި ގޮތަކަށް ބައްދަލުވުމެއް ބޭއްވުނީތީ މަޢާފަށް އެދުނެވެ. އަދި ތެދުވެލިއެވެ. އެއާއެކު ހުރިހާ އެންމެންވެސް ޔޫނުސްއަށް އިޙްތިރާމް ކުރުމުގެ ގޮތުން ތެދުވެލިއެވެ. އޮފީހުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ފަހަރަކު މީހަކު ޝާރިފްއާ ސަލާމްކޮށް މަރުޙަބާ ކިޔެވެ.
ރަނީމްއާއި ހައިފާވެސް މަރްޙަބާ ކިޔެވެ. ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން ހައިފާއާއި ރަނީމްއާ ދެމީހުން ލަސްނުކޮށް އެމީހުންގެ ސެކްޝަނަށް ދިޔައެވެ.
"އޭނަ ހާދަ ވަރަކަށޭ ރަނީމްއަށް އެ ބެލީ." ހައިފާ ރަނީމްގެ ކޮނޑުގައި އޭނާގެ ކޮނޑުން ޖަހައިލިއެވެ. އެއާއެކު ރަނީމް ލޯ އަޅައިލިއެވެ.
"އޯކޭ ސޮރީ ސޮރީ… އެކަމުވެސް ނުބަލާ ކަމަކަށް ނުވާނެތާ!" ހައިފާ ގޮސް އޭނާގެ މޭޒުކައިރީގައި އިށީނެވެ. އިތުރަށް ރަނީމްއާ ދިމާކޮށްލަން އުޅުނު ނަމަވެސް އެވަގުތު އޮފީސް ފޯނު ރިންގުވުމުން އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ހައިފާ ފޯނު ކަންފަތުގައި ޖައްސައިލުމުން ރަނީމް ގޮސް ލެޕްޓޮޕު ހުޅުވާލާފައި ބަަލައިލިއެވެ. މިއަދު އިތުރު ދެ ގެސްޓަކު އަންނަން ހަމަޖެހިފައިވާތީ ގަޑިއާއި އަދި އެހެނިހެން މައުލޫމާތު އޭނާ އެކަމާ ހަވާލުވެގެން ތިބޭ ސެކްޝަންގެ ކުދިންނަށް މެއިލްއަކުން އަންގާލުމަށްފަހު، ގުޅާފައިވެސް ބުންޏެވެ. ދެން ފޯނު ހުޅުވާލާފައި އޭނާ ބަލައިލީ ސަމްރާގެ ޙާލަތެވެ. ރަނީމްވަނީ ސަމްރާ ގޭގައި އެކަނި އޮންނާނެތީ، އޭނާ އޮފީހުގައި އުޅޭ ވަގުތު ސަމްރާ ފެންނާހެން، ކެމެރާއެއް ގޭގައި ބަހައްޓާފައެވެ. މަސައްކަތުގައި އުޅޭ ވަގުތުވެސް ސަމްރާއަށް ވާނުވާ ބަލައިލެވޭތީ ރަނީމްގެ ހިތަށް ކުޑަ ލުޔެއް ލިބެއެވެ. އޭގެ އިތުރުން މެންދުރުވެސް އޭނާ ހުސްވަގުތުކޮޅެއް ނަގައިގެން ގެއަށް ދެއެވެ. ދެން އަންނަނީ ސަމްރާއަށް ކާން ދީ ހަދާފައެވެ. އެހެން އެންމެންނަށް ލިބެނީ އެއް ގަޑިއިރުގެ ހުސްވަގުތުކޮޅެއް ނަމަވެސް، ރަނީމްގެ ޙާލަތު ހުންނަ ގޮތުން ޔޫނުސް އޭނާއަށް އެއްގަޑިއިރާއި ތިރީސް މިނެޓު ދެއެވެ. އެހެންނަމަވެސް، ރަނީމް އަބަދުވެސް ބަލަނީ އެއް ގަޑިއިރުގެ ތެރޭގައި އޮފީހަށް އާދެވޭތޯއެވެ. ދިމާލަށް ނުބުނި ނަމަވެސް އެކަމާ ހިތްހަމަނުޖެހޭ މީހުން އެތަނުގައި މަސައްކަތްކުރާކަން އޭނާއަށް އެނގޭތީއެވެ.
އޮފީސް ނިންމާލާފައި ރަނީމް ގެއަށް ދާން ނުކުތްއިރު އުޑުމަތި ބަނައެވެ. އޭރު ހަވީރު ހަތަރު ގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ނުސިޔާނުކަން އެކުލެވިގެންވީ ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ބީހެމުން ދިޔައީ އެ ހިސާބުގެ ވެސް ގޮތުން ކަންނޭނގެއެވެ. އެއްފަރާތުގައި އޮތީ ގޮނޑުދޮށެވެ. އުޑުމަތި ކަޅު ކޮށްލުމާއެކު، މަތިމައްޗަށް ނަގަމުންދިޔަ ކަޅުވިލާތަކުން އިރުގެ އަލިން ދުނިޔެ މަޙްރޫމް ކޮށްލައިފިއެވެ. ޖައްވު އަނދިރިކޮށްލައިފިއެވެ. ރަނީމް އޭނާގެ ގެއާ ދިމާލަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އަވަށު ތެރެއަށް ދެވުމުން ކޮންމެވެސް ވަރަކަށް ވައިގެ ހަމަލާއިން ސަލާމަތްވެވުނަސް ގެ ހުންނަ ހިސާބަށް ނުކުމެވުމާއެކު، އަނެއްކާވެސް ރޯޅިތަކުގެ ބާރު ހަމަލާ އިޙްސާސްކުރެވުނެވެ. ރުއްފަލާ ދިމާލުން ހާމައަށް އޮންނަނީ މޫދުކަމަށްވީތީއެވެ. ވައިޖެހެމުން ދިޔައީ، އެ ދިމާލުންކަމުން، ބާރުގަދަ ބޫން އަޑެއް ފަޒާގައި ހިފާލާފައިހުއްޓެވެ.
ތޫފާނެއްގެ އިންޒާރު ދެމުން ގޮސް އެންމެފަހުން ކެރީގެ ހަމަލާ ދުނިޔެއަށް އަމާޒުވެއްޖެއެވެ. އޭރު، ރަނީމްއަށް ހުރެވުނީ ގެއާ ކައިރީގައެވެ. ވަޔާއެކު އަންނަ ވާރޭގެ ތިކިތަކުން ސަލާމަތްވާންވެގެން އަތް މޫނާ ދިމާލަށް ހުރަސްކޮށްލަން އުޅުނު ވަގުތު، އިއްޔެ އޭނާ އިން އުނދޯންޏާ ދިމާ މޫދުކައިރީގައި ފުރަގަސްދީގެން ހުރި މީހާ ރަނީމްގެ ލޮލުގައި އަޅައިގަތެވެ. ލޯ ހުޅުވައިލަން އުނދަގޫ ވި ނަމަވެސް ރަނީން އެ މީހާއަށް ބަލައިލިއެވެ. ވާރޭގެ ސަބަބުން މާހައުލު ފުސްވެފައި ވީނަމަވެސް، އެމީހާ ފެންނަ ވަރުވެއެވެ. ހުރީ ކަޅުލުލައިގެ ޖީންސް އެއްއްގައެވެ. ހުސްގަޔާއެވެ. ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އަންނަމުން ދިޔަ ކެރީގެ ހަމަލާއިން ރެކޭކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އެއީ އިސްކޮޅުން ދިގު ޒުވާނެކެވެ. ހަމައެއާއެކު ކަސްރަތީ ބާމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. އެތަނުގައި، އެވަގުތު މީހަކު، އެގޮތަށް ހުރުމުން ކުޑަކޮށް ހައިރާންވި ނަމަވެސް، ވާރޭއިން ސަލާމަތްވާންވެގެން ބޭނުންވެފައި ހުރި ރަނީމް އެކަމަކާ މާ ބޮޑު ސަމާލުކަމެއް ނުދީގޮސް ގެއަށް ވަނެވެ. އޭރު އޭނާ ހުރީ ކުޑަކޮށް ތެމިފައެވެ.
ގެއަށް ވަނުމަށްފަހު ރަނީމް އެންމެ ފުރަތަމަވެސް ދިޔައީ މަންމަ ކައިރިއަށެވެެ. އޭނާ ފެންވަރަން ދިޔައީވެސް ސަމްރާގެ ޙާލެއް ބަލައިލާފައެވެ.
ފެންވަރާލައިގެން ނުކުމެ އޭސީގެ ފިނި ދަށްކޮށްލުމަށްފަހު، ރޫރޫ އަޅަމުން ދިޔަ ހަށިހަނޑު ހޫނުކުރުމަށްޓަކައި އެއް އަތުން އަނެއް އަތުގައި ކާތަން ފެށުނެވެ. ރާޅުބާނީ އިސްތަށިގަނޑުގައި ޖަހާފައިވާ ދަތި ނައްޓާލަމުން، އިސްތަށިގަނޑުގައި ފުނާ އަޅައިލިއެވެ. ގަދަމުށިކުލައަކަށްދާ އެ އިސްތަށިގަނޑު އޭނާއަށް ވާރުތަވީ ބައްޕަގެ ފަރާތުން ކަމަށް މާމަމެން ދުނިޔޭގައި އޭނާގެ ގާތުގައި ބުނެފައި ވެއެވެ. އަދި ބައްޕައަކީ ރާއްޖޭ މީހެއް ނޫކަންވެސް އޭނާގެ ގާތުގައިި ބުނެފައިވެއެވެ. އެ ނޫނީ އޭނާގެ އެހެން ސިފަތަކަކީ މަންމަގެ ފަރާތުން ލިބިފައިވާ ސިފަތަކެވެ. އަތުގައި އަޅާފައިވާ އުޅާއަށް ނަޒަރު ހުއްޓާލުމާއެކު ރަނީމް އޭގައި ފިރުމައިލިއެވެ. ބައްޕަގެ އެއްވެސް ހަނދާނެއް އެނޫނީ ނުވެއެވެ. ބައްޕަ މި ދުނިޔެއާ އަލްވަދާޢު ކީ އޭނާ ދުނިޔެއަށް އުފަންވުމަށްފަހު ގިނައިރުތަކެއް ނުވެ ކަމަށް މާމަ އޭނާގެ ގާތުގައި ބުނެފައިވެއެވެ. އަދި އެ އުޅާއަކީ އެންމެ ފަހު ހަދިޔާއެއްގެ ގޮތުން ބައްޕަ އޭނާއަށް ހަދިޔާކުރި އެއްޗެއްކަމުގައި ވެސް އޭނާއަށް އަޑު އިވިފައިވެއެވެ. މާމަ ބުނެފައިވާ ގޮތުން ބައްޕަ އެ އުޅާ އޭނާއަށް ހަދިޔާކޮށްފައި ބައްޕަގެ އެ ހަނދާނަށް ރައްކާތެރިވުމަށާއި އަތުން އެ ދުވަހަކު ވަކިނުކުރުމަށް އެދުނެވެ. ވުމާއެކު އޭނާ ހަނދާން ހުންނަން ފެށީއިރުއްސުރެވެސް އެ އުޅާ އޭނާގެ އަތުގައި އޮވެއެވެ. އެއީ ސައިޒު ބޭނުންވަރަކަށް ބަދަލުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅައަކަށްވާތީ ކުޑައިރުން ފެށިގެން މިއަދާ ހަމައަށްވެސް އަތުގައި އަޅައިގެން އުޅޭކަށް އުނދަގުލެއް ނުވެއެވެ.
އިޝާނަމާދަށްފަހު، ސަމްރާ ނިދައިފިއެވެ. މަންމަގެ ގާތުގައި ރަނީމް އިނީ ވާހަކަ ފޮތެއް ކިޔާށެވެ. ބުރަކަށި ފާރުގައި ޖައްސާލައިގެން، ފައި ދަމާލައިގެން ގޮދަނޑީގައި އިށީނދެލައިގެން އިންއިރު، ފައި އިރުއިރުކޮޅަކާ ތަޅުވައިލައެވެ. ފޮތުގެ ވަކި ހިސާބަކަށް ކިޔާލާފައި ރަނީމް ހިންދެމިލިއެވެ. ކުޑަކޮށް ތެދުވެލާފައި، ފޮތް މޭޒުމަތީގައި ބާއްވަމުން އޭނާ ގޮދަޑީގައި އޮށޯވެލިއެވެ. ގައިގައި ރަޖާ އަޅާލަން އުޅެފައިވެސް ރަނީމް މަޑުޖެހިލިއެވެ. ބޭރު ދޮށޯށި ތަޅު ނުލާ ހުރިކަން ހަނދާން ވުމުންނެވެ.
ކޮޓަރިން ނުމުމެގެން ގޮސް ގެއިން ނުކުމެ ދޮރޯށި ދޮށަށް ގޮސް ދޮރު ތަޅުލާންވެގެން އުޅުނު ވަގުތު، ދޮރުގެ ތިރީ ކައިރިން މީހަކުގެ ހިޔަންޏެއް ވެލިއެވެ. ރަނީމްގެ ހިތް އެދުނީ ދޮރު ހުޅުވާލާށެވެ. އޭރު ވާރޭ ވެސް އޮތީ ނަސީބަކުން ހުއްޓާލާފައެވެ. އެހެންނަމަވެސް ތެތްފިނިކަން ފަޒާގައި ހިފާލާފައިވެއެވެ.
ރަނީމް ދޮރޯށި ހުޅުވާލާފައި ނުކުމެލިއެވެ. އަދި އޭނާ ފަރާތް ފަރާތަށް ބަލައިލިއެވެ. ރުއްފަލާ ދިމާލުގައި މީހަކު އެބަ ހުއްޓެވެ. އެމީހަކު ހުރީ މޫދާ ވީ ފަޅިއަށް އެނބުރިގެންނެވެ. ރަނީމް ހަނދާންވީ މިއަދު ހަވީރު އޭނާއަށް ފެނުނު މަންޒަރެވެ. އެ ޒުވާނާއެކޭ އެއްގޮތް ސިފަތަކެއް ލިބިފައި ހުއްޓެވެ. އިސްކޮޅުން ދިގެވެ. އެ ދިމާލުގައި ހުރި މަގު ބައްތީގެ އަލި ކޮންމެވެސް ވަރަކަށް އެޅިފައިވުމުން އެ ވަރު ވަކިކޮށްލަން ރަނީމްއަށް އެނގުނެވެ. އޭނާ ގެއިން ނުކުމެލިއެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. އަނެއް ފަރާތަށް ނަޒަރެއް ދީފައި ދެން އެނބުރިލާފައި ބަލައިލިއިރު އެމީހަކު ފެންނާކަށް ނެތެެވެ. ރަނީމް މަޑުމަޑުން އެ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭނާ ހުއްޓުނީ އުނދޯއްޔާ ދިމާ ގޮނޑު ދޮށުގައެވެ. އެހިސާބުން ދިރޭ ފުރާނެއްގެ ހިލަމެއް ވެސް މިހާރަކު ނުވެއެވެ. އެތަނުގައި މީހަކު ހުއްޓާ ހަމަ ގައިމުވެސް ރަނީމްއަށް ފެނުނެވެ. ވީއިރު އެމީހާ އެހާ އަވަހަށް އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ވިއްސާރައިގެ ސަބަބުން އޮއިބާރުވެފައިވާ ކަނޑުން އަންނަ ރާޅުތައް ގޮނޑު ދޮށަށް ބީއްސަމުން ދިޔައީވެސް ހަރުކަށި ކަމާއެކުގައެވެ. އެ މަންޒަރަށް ގެއްލިފައި އިރުކޮޅަކު ރަނީމްއަށް ހުރެވުނެވެ. އެހެންނަމަވެސް ގިނައިރުވާން ފެށުމުން ލޮނާ އެކުވެގެން އަންނަ ވައިރޯޅިތަކުން ރަނީމް ހީކަރުވަން ފެށިއެވެ. ދެ އަތް މޭގައި ހުރަސްކޮށްލަމުން އޭނާ އެއްގަމާ ދިމާލަށް ދާން އެނބުރިލިއެވެ. އެވަގުތު އޭނާ ގޮސް ޖެހުނީ މީހެއްގެ މޭމަތީގައެވެ. ނޭފަތް ޖެހުނު ގޮތުން ތަދު ވިނަމަވެސް، އެ ދަތަށް ވުރެ ބޮޑަށް ލިބުނު ސިހުމުން ރަނީމްއަށް ހަޅޭއްލަވައިގަނެވުނީއެވެ.
(ނުނިމޭ)