އެފްއޭއެމުގެ މަގާމުތަކަށް ހުޅުވާލައިފި، ބައްސާމް ޝަރުތުހަމަނުވޭ!

އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް-- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ ޖުލައި މަހުގެ 26ވަނަ ދުވަހުގައެވެ. އިންތިޚާބުގައި އެފްއޭއެމުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިއިރު، އެ މަގާމަށް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރިމަތިނުލެވޭނެއެވެ.

ބައްސާމަށް ކުރިމަތިނުލެވެނީ ކެނޑިޑޭޓުންގެ ޝަރުތުތަކަށް ނުފެތޭތީއެވެ. އެގޮތުން ނަޒާހާތްތެރިކަމާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުމުގެ އިތުރުން ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފުސީލް ފީއާއާ ހިއްސާކުރަން ޖެހެއެވެ. މި ޝަރުތުތަކަށް ބައްސާމް ނުފެތެއެވެ.

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް، ބައްސާމަށް ވަނީ ދައުވާތަކެއްކޮށްފައެވެ.

ގެޒެޓުގައި އިންތިޚާބަށް ކޮށްފައިވާ އިއުލާނުގައި، މި އިންތިޚާބުގައި ކުރިމަތިލާ މީހުންގެ ޝަރުތު ވަނީ ބަޔާންކޮށްފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ފީފާއިން ވަނީ މިދިޔަ ޖޫން މަހު ނުވަ މަސް ދުވަހަށް ބައްސާމް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭގެ ކޯޓުތަކުުގައި ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ގިނަ ދައުވާތަކެއް އުފުލާފައެވެ.

ޝަރުތުތަކުގެ ތެރޭގައި ދެން ހިމެނެނީ ފާއިތުވި ފަސް އަހަރުގެ ތެރެއިން މަދުވެގެން ދެ އަހަރު ފުޓުބޯޅަ އޮފިޝަލެއްގެ ގޮތުގައި ނުވަތަ ކުޅުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވުމެވެ. މިކަމުގައި އުޅުނުކަން ސާބިތުކޮޮށްދޭ ލިޔެކިޔުން ހުށަހެޅުމާއި އެފްއޭއެމް މެމްބަރު ކްލަބްތަކުގެ ތެރެއިން ފަސް ކްލަބެއްގެ ތާއީދު ސިޓީ ހުށައަޅަންޖެހެއެވެ. މީގެތެރޭގައި ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބެއްގެ ނަން ހުށައަޅަންޖެހެއެވެ.

އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އަންނަ މަހު ހަވަނަ ދުވަހެވެ. ކަންކަން ފުރިހަމަކުރަން ދޭ ފަހު މުއްދަތު ހަަމަވާނީ އަންނަ މަހުގެ 13އަށެވެ.

އެފްއޭއެމުގެ ރައީސްކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް)އެވެ.

ކެންޑިޑެސީ ހުށަހަޅަން ޖެހޭ ހިންގާ ކޮމިޓީގެ މެމްބަރުންގެ ލިސްޓުގައި ހިމެނެނީ، ރައީސް، ސީނިއާ ނައިބު ރައީސް، ދެ ނައިބު ރައީސުން އަދި ހިންގާ ކޮމިޓީގެ ހަތް މެމްބަރުންނެވެ. މި ކޮމިޓީގެ ޖުމްލަ މެމްބަރުންގެ ތެރޭގައި، ދެ އަންހެން މެމްބަރުން ހިމެނުން މިހާރު އަމަލުކުރާ އަސާސީ ގަވާއިދުން ލާޒިމްކުރެއެެވެ.

comment ކޮމެންޓް