ޒަމާނީ ހަތިޔާރާއެކު ކުރާ ހަނގުރާމަތައް މިހާރު ވަނީ، އަގުބޮޑުވެފައި ގެއްލުން ވެސް އެހާ ބޮޑު ހަނގުރާމަތަކަށެވެ. އީރާނާއި އިސްރާއީލުން މިފަހުން މިސައިލް ހަމަލާތައް ބަދަލުކުރީ އެންމެ 12 ދުވަހަށް ކަމަށްވީ ނަމަވެސް، މާލީ ގޮތުން އެތައް އަހަރަކަށް ދިގުދެމިގެންދާ ފަދަ ގެއްލުންތަކެއް ދެ ގައުމަށް ވެސް ވަނީ ލިބިފައެވެ.
މި މަހުގެ 13ގައި އިސްރާއީލުން އީރާނުގެ އަސްކަރީ ލީޑަރުންނާއި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުން ބަދަލުކުރި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އުމްރާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އެ ހަނގުރާމަ ހުއްޓާލީ، އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުން، އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިން ފަހުންނެވެ. އެ ހަމަލާ ދިންތާ މާގިނައިރެއް ނުވެ އެމެރިކާއިން ވަނީ އެ ގައުމު މެދުވެރިވެގެން މަޝްވަރާތައް ބާއްވައި، އީރާނާއި އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާކަން އިއުލާންކޮށްފައެވެ.
މިހާރު އީރާނާއި އިސްރާއީލުން ވެސް އަންނަނީ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އީރާނަށް ލިބުނު ގެއްލުންތައް
އީރާނަށް އިސްރާއީލާއި އެމެރިކާއިން ހަމަލާތައް އަމާޒުކުރީ، ހުޅަނގުން އެތައް އަހަރެއް ވަންދެން އެ ގައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މާލީ ގެއްލުންތަކާ ކުރިމަތިލަމުން ދަނިކޮށެވެ.
މެދުއިރުމަތީގެ ސަލާމަތާއި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި ކަންތައްތައް ދިރާސާކުރައްވާ ޑިފެންސް އެނެލިސްޓެއް ކަމަށްވާ ޑރ. އެންޑްރިއަސް ކްރީގްއާ ހަވާލާދީ ޓީއާރްޓީ ވޯލްޑް ނިއުސްގައިވާ ގޮތުން، ހަނގުރާމައިގައި އީރާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ އަގު 24 ބިލިއަނާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެއެވެ. އެއީ އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަ ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދުގެ އަދަދެކެވެ.

އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނަށް ގެއްލުންތަކެއް ލިބިފައި -- ފޮޓޯ/ ގެޓީ
މީގެ އިތުރުން އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ގެއްލުންވެފައިވާއިރު، ގެއްލުން ފޫބައްދަން ވަގުތު ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް، ތެޔޮ ވިއްކުމަށް ބަރޯސާވެފައިވާއިރު، އެ ގައުމުގެ ހަކަތަ އުފައްދާ ކާރުހާނާތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އެ މަސައްކަތަށް ބުރޫ އަރައި، އިގުތިސާދު ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތަށް ވެސް ހުރަސް އެޅޭނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އިސްރާއީލަށް ފަހުގެ ތާރީޚެއްގައި ނުލިބޭ ފަދަ ބޮޑު ގެއްލުމެއް
އިގްތިސާދީ ޚަބަރުތައް ގެނެސްދޭ އެމެރިކާގެ ބްލޫމްބާގް ނޫހުގެ ރިޕޯޓެއްގައިވާ ގޮތުން، އީރާނުގެ މިސައިލްތަކުން އިސްރާއީލަށް ލިބުނު ގެއްލުން ތިން ބިލިއަން ޑޮލަރަށް ވުރެ އިތުރުވުން އެކަށީގެންވެއެވެ. އޭގެ ތެރޭގައި ގެއްލުން ލިބުނު އުމްރާނީ ވަސީލަތްތައް މަރާމާތު ކުރުމަށް ހޭދަވާ ފައިސާއާއި އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ބަދަލަށް ހިނގާނެ ޚަރަދު ހިމެނެއެވެ.
"މިއީ އަހަރެމެންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން. އިސްރާއީލުގެ ތާރީޚުގައިވެސް މިހާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ." އިސްރާއީލުގެ ޓެކްސް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ޝޭ އަހަރޮނޮވިޗް ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.
އެ ހަނގުރާމައިގެ ޚަރަދާއި ގެއްލުމާ ގުޅޭ ގޮތުން އިސްރާއީލުގެ އޮފިޝަލުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން މީގެ ކުރިން އިސްރާއީލުގެ މާލީ ވަޒީރު، ބެޒާލެލް ސްމޮޓްރިޗް ވަނީ ހަނގުރާމައިގެ ޚަރަދާއި ލިބުނު ގެއްލުމުގެ އަގު 12 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރައްވާފައެވެ. ނަމަވެސް ބޭންކް އޮފް އިސްރާއީލުގެ ގަވަރުނަރު އަމީރު ޔާރޮން ލަފާ ކުރައްވާ ގޮތުގައި އަސްލު ޚަރަދާއި ގެއްލުމަށް އަރާނީ ހަ ބިލިއަން ވަރެވެެ.

އީރާނުން ދިން ހަމަލާއެއްގައި ތެލް އަވީވަށް ގެއްލުން ލިބިފައި -- ފޮޓޯ/ އޭޕީ
ފަލަސްތީނުގެ ޣައްޒާ ސުންނާފަތި ކުރުމަށް ވަރުގަދަ ހަމަލާތައް ދެމުން އައިސް، އިސްރާއީލުން އީރާނަށް ހަމަލާ ދިނީ، އެ ގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް އަޑު އުފުލުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ ފަލަސްތީނުގައި ހިންގާ ޖަރީމާތަކުގެ އިތުރުން، ކޮރަޕްޝަންގެ ތުހުމަތާއި އިހުމާލުވުމުގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެންނެވެ.
އީރާން ހަނގުރާމައަށް ފަހު ބަޖެޓުގެ ދަތިކަން ކުރިމަތިވެދާނެތީ އިސްރާއީލުން މިހާރު އަންނަނީ ޚަރަދުތައް ކުޑަކޮށް، ޓެކްސްތައް ބޮޑުކޮށް، ދަރަނި ނެގުން އިތުރުކުރުމަށް ވިސްނަމުންނެވެ. އެއާއެކު އިސްރާއީލުގެ ދަރަނި ޖީޑީޕީގެ 75 ޕަސެންޓަށް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން އުފެދި، ރައްޔިތުންގެ ނުރުހުން އަނެއްކާވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އިސްރާއީލުން އަދިވެސް ދަނީ ހަނގުރާމައަށް އިތުރަށް ޚަރަދުކޮށް، ގައުމުގެ މުހިންމު ދާއިރާތަކަށް ކުރާ ޚަރަދުތައް މަދުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ރިޒާވް ދަށްވަމުންދާ ކަމަށް ބުނެ، ދިފާއީ ދާއިރާއަށް އިމާޖެންސީ ފަންޑުގެ ގޮތުގައި 857 މިލިއަން ޑޮލަރުގެ ފައިސާ ހޯދުމަށް އެދިފައެވެ. އަދި، ސިއްޙަތާއި، ތައުލީމާއި، އިޖުތިމާއީ ރައްކާތެރިކަން ފަދަ މުހިންމު ދާއިރާތަކުން 200 މިލިއަން ޑޮލަރު މަދުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.
އެމެރިކާގެ 'އޮޕަރޭޝަން މިޑްނައިޓް ހެމާ'ގެ އަގު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް 'އޮޕަރޭޝަން މިޑްނައިޓް ހޭމާ'ގެ ނަމުގައި އިސްރާއީލާއި އީރާނުގެ ހަނގުރާމައިގެ ތެރެއަށް އެގައުމުން ވަދެ ދިން ހަމަލާތަކުގެ އަގު ގާތްގަނޑަކަށް 1-2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެމެރިކާއިން އީރާނުގެ ފޯޑޯ، ނަޓަންޒް، އަދި އިސްފާހާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނީ 125 މަތިންދާބޯޓާއި އެތައް ޓޮމާހޯކް މިސައިލެއް ބޭނުންކޮށްގެންނެވެ.
ހަނގުރާމަ ނިމުނަސް ގެއްލުންތައް ދެމިގެންދާނެ
އީރާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލިތާ ހަފުތާއެއްވާއިރު، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ޖުމްލަ މިހާތަނަށް ކަށަވަރުވެފައިނުވެއެވެ. ނަމަވެސް ސާފުވާ ކަމަކީ މި ހަމަނުޖެހުމުގެ ސަބަބުން ދެ ގައުމަށް ވެސް އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމެވެ.
އެތައް އަހަރެއް ވަންދެން އަޅައިފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އީރާނަށް، ތެޔޮ އެކްސްޕޯޓް ކުރުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އިސްރާއީލަށް ވަނީ އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގައުމުގެ ތާރީޚުގައި ވެސް މީގެ ކުރިން ނުހިންގާ ފަދަ، ގައުމު އާރާސްތުކުރުމުގެ ހަރަކާތެއް ހިންގަން މަޖުބޫރުވެފައެވެ.
ދެ ގައުމަށް ވެސް ލިބުނު ގެއްލުމުގެ އަސަރު އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.