ޣައްޒާގައި ކާނާ ނުލިބުމުގެ ސަބަބުން 66 ކުދިން މަރުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކާނާ ނުލިބި 66 ކުދިން ވަނީ ޣައްޒާއިން މަރުވެފައި. ފޮޓޯ/އަނަދޮލް

އިސްރާއީލުން ފަލަސްތީނުގެ ޣާއްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަ ކުރަމުންދާއިރު، ހަނގުރާމައިގެ ތެރޭގައި ކާނާ ނުލިބުމުގެ ސަބަބުން މަދުވެގެން 66 ކުދިން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ބަނޑުހައިހޫނުކަމުގެ ސަބަބުން 66 ކުދިން މަރުވެފައިވާއިރު، މިއީ އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި، ގަސްތުގައި މީހުން މެރުމަށް ކާބޯތަކެތި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރަނީ ކަމަށެވެ.

މިއީ ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ބުނެ މީޑިއާ އޮފީހުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށް ވާން ދޫކޮށްލައިފައި ތިބި ކުދިންގެ ތަކުލީފުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ހަނު އޮތުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އަދި އިސްރާއީލުގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނު ހިމެނޭ ގޮތަށް "މި ކާރިސާ" ގެ ޒިންމާ އެ ގައުމުތަކުން އުފުލަން ޖެހޭނެ ކަމަށާއި، ޣައްޒާއަށް އެހީ ވައްދާ މަގުތަށް ވަގުތުން ހުޅުވާލުމަށް އެ އިދާރާއިން ވަނީ އދ.އަށް އިލްތިމާސްކޮށްފައެވެ.

މި ބަޔާނަކީ ޣައްޒާގައި ކާނާ ނުލިބޭ ކުދިންގެ އަދަދު "ބިރުވެރި ރޭޓެއްގައި" އިތުރުވަމުންދާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ (ޔުނިސެފް) އިން އިންޒާރު ދިންތާ ދުވަސްކޮޅެއް ފަހުން ނެރުނު ބަޔާނެކެވެ. ޔުނިސެފުން ބުނެފައިވާ ގޮތުގައި މިދިޔަ މެއި މަހު އެކަނިވެސް އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ 5،119 ކުދިން ބަނޑުހައިހޫނުކަމުގެ ސަބަބުން ދިމާވެފާއިވާ އެތައް ސިއްޚީ މައްސަލަތަކަކަށް ފަރުވާ ހޯދުމަށް ވަނީ އެޑްމިޓްކޮށްފައެވެ.

ޔުނިސެފުން ބުނީ މި އަދަދަކީ އޭޕްރީލް މަހު އެޑްމިޓްކުރި 3،444 ކުދިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އިއްޔެ އެކަނި ވެސް 60 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިއްޔެ ހަމަލާ ދިން އެއް ތަނަކީ ޣައްޒާ ސިޓީގެ ތޫފާ ސަރަހައްދުގައި ހުރި މީހުން ދިރިއުޅޭ އިމާރާތެކެވެ. އެ ހަމަލާގައި ނުވަ ކުޑަކުދިން ހިމެނޭހެން 20 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް