މިއަދު ވެސް އުދައިގެ އަސަރު އެކި ހިސާބުތަކަށް ކުރާނެ، ސަމާލުވޭ: މެޓު

ސިނަމާލެ ބުރިޖަށް މީގެ ކުރިން އުދަ އަރާފައި: މިއަދުވެސް އުދައިގެ އަސަރު އެކި ހިސާބުތަކަށް ކުރާނެތީ ސަމާލުވާން އެދެފި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށާއި، ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދަ އެރުން އެކަށީގެންވާ ކަމަށް އިއްޔެ އެ އޮފީހުން ލަފާކުރިއެވެ.

'ސަން' އަށް މައުލޫމާތު ދެމުން މިއަދު ވެސް އެ އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވިފައިވާތީ އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އެ އޮފީހުން އިލްތިމާސްކުރިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާއްމު ގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

އިއްޔެ މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް މެޓުން ލަފާ ކުރި ނަމަވެސް, 'ސަން' އަށް މައުލޫމާތުދެއްވައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދު ވިދާޅުވީ އުދަ އަރައިގެން ގެއްލުމެއްވެގެން އެއްވެސް ރަށަކުން އިއްޔެ އެ އޮތޯރިޓީއަށް ރިޕޯޓެއްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އެހީ ފޯރުކޮށްދިނުމަށް އެ އޮތޯރިޓީ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އދ. މާމިގިއްޔަށެވެ. އެގޮތުން އެ ރަށަށް 30 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް 23.3 މިލިމީޓަރުގެ ވާރެއާއެކު އެންމެ ގިނައިން ވެހިފައި ވަނީ ހުޅުލެއަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހުކުރު ދުވަހު މާލެއަށް ވަރަށް ބޮޑަށް އުދަ އަރައިފައިވެއެވެ. އެގޮތުން ކާނިވާ ސަރަހައްދުން އުދަ އަރައި، އެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކަށް އުދައިގެ އަސަރުކޮށްފައިވެއެވެ. އަދި އިއްޔެ ށ. ފުނަދުއަށް އުދަ އެރުމުގެ ސަބަބުން ރަށުގައި ހުންނަ ނަރުދަމާ އޮފީހަށް ވެސް ރާޅުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

comment ކޮމެންޓް