އަނެއްކާ ވެސް އާ އެމްބަސީއެއް، މި ފަހަރު ހުޅުވަނީ ގަތަރުގައި

ޤަތަރުގެ ސަފީރާއި ރައީސް މުއިއްޒު: ދެގައުމުގެ ދެމެދުގައި ގުޅުންތައް ކުރިއެރުވުމަށް، ރައީސް ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި --- ފޮޓޯ/ ރައީސް އޮފީސް

ދެ ގައުމުގެ ދެމެދުގައި، ގުޅުންތައް ކުރިއެރުވުމަށް ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް މުޅިން އަލަށް ހުޅުއްވުމަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ބޭރު ގައުމުތަކުގައި އެމްބަސީތައް ހިންގުމަކީ ވަރަށް ހަރަދު ބޮޑު ކަމަކަށްވާއިރު މިއީ އަދި ދެ އަހަރު ނުވާ މި ސަރުކާރުން މުޅިން އަލަށް ހުޅުވާ ދެވަނަ އެމްބަސީއެވެ. މިއަހަރުގެ އޭޕްރީލް މަހު މި ސަރުކާރުން ވަނީ ތުރުކީގައި މުޅިން އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފައެވެ.

އިސްލާމީ, އަދި ވަރަށް ތަނަވަސް ގައުމެއް ކަމަށްވާ ގަތަރާއި ރާއްޖެއާ ދެމެދު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމު ކުރީ 1984 ވަނަ އަހަރުއެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގި ދެބަސްވުންތަކެއްގެ ތެރެއަށް ރާއްޖެ ވެސް ވަދެ, ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވަނީ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. އަލުން އެ ގުޅުން ގާއިމު ކުރީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ.

https://sun.mv/147576

ރައީސް އޮފީހުން މިއަދު ބުނީ ގަތަރުގައި އެމްބަސީ އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ, ރާއްޖެއާއި އެ ގައުމާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީއާއި ސިޔާސީއާއި އިގުތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށެވެ.

މި އެމްބަސީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ސަރުކާރާއި ގަތަރު ސަރުކާރާ ދެމެދު ހިންގަންޖެހޭ މުއާމަލާތްތައް ހިންގުމާއި ރާއްޖެއާއި ގަތަރާ ދެމެދު އެކުވެރިކަން ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނެއެވެ.

އެމްބަސީގެ އިތުރު ބައެއް މަސައްކަތްތައް:

  • ގަތަރުގައި ރާއްޖެ ތަމްސީލުކޮށް، އެ ގައުމުގައި ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން
  • ގަތަރަށް ޒިޔާރަތްކުރާ ދިވެހިންނާއި ގަތަރުގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
  • ގަތަރު ސަރުކާރުގެ އިސްފަރާތްތަކާއި ޕާލަމަންޓް މެންބަރުންނާއި މީޑިއާ ފަރާތްތަކާއި ގަތަރުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތައާރަފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  • ގަތަރުގައި ހިނގާ މުހިންމު ސިޔާސީ އަދި އިގުތިސާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ އެ ނޫން ވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  • ގަތަރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރަންޖެހޭ ކަންތައްތައްކުރުން.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރާއްޖޭގެ އެމްބަސީތައް އަންނަނީ ހިންގަމުންނެވެ. އެތަންތަނުގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ ހަރަދަށް ބޮޑު ހޭދައެއް ކުރެއެވެ. އެތަންތަނުން ވަޒީފާގެ ފުރުސަތުތައް ދޭ މީހުންގެ ތެރޭގައި އޭރަކު އޮންނަ ސަރުކާރަކާ ސިޔާސީ ގޮތުން ގާތް މީހުން ހިމެނެއެވެ. އާދަޔާ ހިލާފު ބޮޑު މުސާރަތައް އެ މީހުންނަށް ލިބޭއިރު ގައުމަށް އޭގެ ސަބަބުން ވާ ފައިދާއެއް ނޯންނަ ކަމަށް ބުނެ ފާޑުކިޔުން ބޮޑެވެ.

https://www.sun.mv/199251

ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރެވޭނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމުލަ އަދަދުގެ 20 ޕަސެންޓަށްވުރެ މަދުންނެވެ.

ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އެއަށް ވުރެން އިތުރެވެ.

މިފަދަ ހަރަދުތައް ކުރާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށްވާތީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ ހަރަދު ކުޑަކުރުމަށް އެތައް ފަހަރަކު އިންޒާރު ދީފައެވެ. ނަމަވެސް ސިޔާސީ މަގާމުތައް ހިމެނޭ ގޮތަށް މުސާރައަށް ކުރާ ހަރަދު މަހަކަށް ވުރެން މަހެއް އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް