ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެ މަހަށް ހުއްޓާލަނީ

ވީއައިއޭގައި ބެންކޮކް އެއާވޭސްގެ ފްލައިޓެއް: ބެންކޮކް އެއާވޭސްއިން މާލެއަށް ކުރާ ދަތުރުތައް 2 މަހަށް މެދުކަނޑާލަނީ -- ފޮޓޯ/ ވީއައިއޭ

ތައިލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ބެންކޮކް އެއާވޭސްއިން މި ދެމެދުގައި ކުރާ ދަތުރުތައް ދެ މަހަށް ހުއްޓާލަން ނިންމައިފިއެވެ.

ބެންކޮކް އެއާވޭސްގެ ވެބްސައިޓުން ދައްކާ ގޮތުގައި، އަންނަ އަންގާރައިގައި ފެށޭ ޖުލައި މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް އެ އެއާލައިނުން ދެ ގައުމުގެ މެދުގައި ދަތުރުތައް ނުކުރާނެއެވެ. ނަމަވެސް ސެޕްޓެންބަރު މަހުން ފެށިގެން އެ އެއާލައިނުން އަނެއްކާވެސް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް ވެބްސައިޓުން ދައްކައެވެ.

ބެންކޮކް އެއާވެސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމި ސަބަބެއް އިއުލާންކޮށްފައިވެއެވެ.

އެ ނިންމުމާ ގުޅޭ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ މިހާރު ފަތުރުވެރިކަމުގެ މާކެޓު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ އެއާލައިނާއެކު މަޝްވަރާކޮށް، ސެޕްޓެންބަރު މަހަށް ވުރެ އަވަހަށް އަލުން ދަތުރުތައް ފަށަން އެއްބަސްކުރެވިދާނެއެވެ.

'ސަން'އާ ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ އެއާލައިނަކުން ދަތުރުތައް ހުއްޓާލުމަކީ ރާއްޖެއާމެދު ނުރަނގަޅު ތަސައްވުރެއް އުފެދޭނެ ކަމެއް ކަމަށެވެ. އެހެންވެ، ރާއްޖެ އިޝްތިހާރު ކުރުން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮގަސްޓު މަހަކީ ފަތުރުވެރިކަން ރަނގަޅުވާ މަހެއްކަމަށާއި، އޭގެ ކުރިއަށް ބެންކޮކް އެއާލައިންސްގެ ފުލައިޓްތައް އަންނާނެ ގޮތެއް ވެއްޖެ ނަމަ ރަނގަޅުވާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

ތައިލެންޑުން މަހެއްގެ މައްޗަށް ރާއްޖެއަށް 1،000އާއި 2،000އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރެއެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އޭޕްރިލް މަހު އެ ގައުމުން 2،695 މީހުން ޒިޔާރަތްކޮށްފައިވާއިރު އޭގެ ކުރީ މަހު 1،387 މީހުން އައިސްފައިވެއެވެ.

ތައިލެންޑުން ގިނަ އަދަދަކަށް ޗައިނާ ފަތުރުވެރިން ވެސް ރާއްޖެ އާދެއެވެ. ޗައިނާ މާކެޓަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ މާކެޓެވެ.

އަހަރުގެ މިހާތަނަށް 1,097,729 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު އޭގެ ތެރޭގައި ޗައިނާގެ 138,846 ފަތުރުވެރިން ހިމެނެއެވެ.

މީގެ އިތުރުން ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހީން ޗުއްޓީއަށާއި ވިޔަފާރިއަށް ވެސް ދާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް