ތެހެރާން (29 ޖޫން 2025): އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފައޭލް ގްރޮސީ ދެން އީރާނަށް ވަނުމުގެ ފުރުސަތު ނުދޭނެކަމަށް އެ ގައުމުގެ ޕާލަމެންޓްގެ ނައިބު ރައީސް ހަމީދު ރިޒާ ވިދާޅުވެއްޖެއެވެ.
އީރާނުގެ ތަސްނީމް ނޫސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ރިޒާ ވިދާޅުވީ "އައިއޭއީއޭ"އަކީ ނިއުކްލިޔާ ކަންތައްތަކާބެހޭ އދ.ގެ ފަންނީ އެޖެންސީއަކަށް ވީނަމަވެސް އެމެރިކާއާއި ޔޫރަޕުން އެ އެއެޖެންސީ ހަދާފައިވަނީ އީރާނަށް ޖާސޫސުކުރާ ޖާސޫސީ މުއައްސަސާއަކަށް ކަމަށެވެ. އަދި އެ އެޖެންސީގެ ދައުރު ވެސް ހަދާފައިވަނީ ފަންނީ ދައުރަކަށް ވުރެ ބޮޑަށް ސިޔާސީ ދައުރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކޮށްގެން ލިބޭ މައުލޫމާތު "އައިއޭއީއޭ"ގެ ވެރިޔާ ރަފައޭލް ގްރޮސީ އަންގައިގެން އެމެރިކާއާއި އިސްރާއީލަށް ދީފައިވާކަމުގެ ގިނަ ހެކިތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޕާލަމެންޓްގެ ނައިބު ރައީސް ހަމީދު ރިޒާ ވިދާޅުވިގޮތުގައި "އައިއޭއީއޭ"ގެ އިތުބާރު އީރާނަށްވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ގަވައިދާ ޚިލާފަށް ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން އުޅޭ ދެ ގައުމު ކަމަށްވާ އެމެރިކާއާއި އިސްރާއީލުން، އީރާނުގެ މަދަނީ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަނަށް ގެއްލުންތައް ދިންއިރު އެތަންތަން ހިމާޔަތް ކުރުމަކީ އީރާން ސޮއިކޮށްފައިވާ އެންޕީޓީ މުއާހަދާގެ ދަށުން "އައިއޭއީއޭ"އަށް ލާޒިމް ކުރާ ކަމެކެވެ.
ނަމަވެސް އެމެރިކާއާއި އިސްރާއީލުން މިހުރިހާ ޖަރީމާތަކެއް ހިންގިއިރު އެކަމާދެކޮޅަށް "އައިއޭއީއޭ"އިން ބަޔާނެއްވެސް ނެރެލާފައިނުވާކަމަށާއި "އައިއޭއީއޭ"ގެ ވެރިޔާ ރަފައޭލް ގްރޮސީއަށް އެކަން ކުށްވެރިކޮށްލަންވެސް ނުކެރުނުކަމަށް ރިޒާ ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާއާއި ޔޫރަޕުން "އައިއޭއީއޭ"އަށް ބާރާއި ނުފޫޒު ހިންގަނީ އެ އެޖެންސީގެ ގަވަނިންގް ބޯޑަށް ވެރިވެގަނެގެންނެވެ. "އައިއޭއީއޭ"ގެ ގަވަނިން ބޯޑުގެ މެންބަރުންގެ ގޮތުގައި ގިނައީ އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކެވެ.
މީގެއިތުރުން އެބޯޑުގައި ހިމެނޭ ޔޫރަޕް ނޫންގައުމުތަކަށްވެސް ބިރުދައްކައިގެން އިސްރާއީލު ބޭނުންވާގޮތަށް ގަގާރުތައް ފާސްކުރަން އެމެރިކާއާއި ޔޫރަޕުން ގިނަ ފިއްތުންތަކެއް ކުރިމަތިކުރެއެވެ.
"އައިއޭއީއޭ"ގެ ބެލުމުގެ ދަށުގައި ދުނިޔޭގެ 30 އަށް ވުރެގިނަ ގައުމުގެ މަދަނީ ނިއުކްލިޔާ ފެސިލިޓީސްތައް ހުރިނަމަވެސް "އައިއޭއީއޭ" މަސައްކަތުގެ 80 އިންސައްތަ އަމާޒުކުރަނީ ހަމައެކަނި އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބެލުމަށްކަން އެ އެޖެންސީގެ ލިޔެލިޔުންތަކާއި ރިޕޯޓްތަކުން އެނގެއެވެ. މިއީވެސް އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒު އެއެޖެންސީއަށް ކޮށްފައިވާ މިންވަރު ހާމަވާކަމެއްކަން އީރާން ދެކެއެވެ.
އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި އެޓަމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފައޭލް ގްރޮސީ ދެން އީރާނަކަށް ނާރުވާނެއެވެ. އޭނާއަށް އީރާނުން މަރުހަބާ ނުކިޔާނެއެވެ.
އީރާނުގެ ޕާލަމެންޓުންވަނީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން މިވަގުތަށް އީރާން ވަކިނުވި ނަމަވެސް އެ އެޖެންސީއަށް ދޭ އެއްބާރުލުން ވަރަށް ބޮޑަށް ކުޑަކޮށްލުމާބެހޭ ޑްރާފްޓް ގާނޫނެއް ފާސްކޮށްފައެވެ. އީރާނުގެ ގާޑިއަން ކައުންސިލުން މިގާނޫނު ވަރަށް އަވަހަށް ރަސްދީގު ކުރާނެކަމަށްވަނީ ބެލެވިފައެވެ. އޭރުން ގާނޫނަކަށްވާނެއެވެ.
ނިއުކްލިޔާ ހަކަތައާބެހޭ ތަޖުރިބާކާރުން ބުނާގޮތުން އީރާން މިހާރު މަސައްކަތްކުރާނެ ކަމަށް ބެލެވެނީ ސިއްރިޔާތުގައި ނިއުކްލިޔާ ބޮން އުފެއްދުމަށެވެ. އެއީ އެގައުމުގެ ސަލާމަތާއި ރައްކާތެރިކަން އެނޫންގޮތަަކަށް ހިފެހެއްޓޭނެ ގޮތެއް ނެތުމުންނެވެ. ނަމަވެސް ޑިޕްލޮމަސީއަށްޓަކައި ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ވަކިނުވެ އީރާން އޮންނާނެއެވެ. އެއީ ނިއުކްލިޔާ ހަތިޔާރު އުފައްދަން ބޭނުންވާ ވަގުތު ހޯދުމަށްޓަކައެވެ. ހަމައެކަނި ބޭރުފުށުގެ ދަޅައެއްގެ ގޮތުންނެވެ.
އީރާނަކީ މީގެ ވިއްސަކަށް އަހަރު ކުރިން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބިމުއަޑީގައި ނިއުކްލިޔާ ފެސިލިޓީތަކެއް ގާއިމްކޮށްގެން ނިއުކްލިޔާ އަސްކަރީ ސިއްރު ޕްރޮގްރާމެއް ހިންގިކަމަށްވެސް ޝައްކުކުރެވިފައިވާ ގައުމެކެވެ. އެމެރިކާގެ އެހީގައި އިސްރާއީލުން އީރާނަށް ޖާސޫސީ ގޮތުން ކިތަންމެ ވަރަކަށް ވަދެގެންފައިވީނަމަވެސް ބޭރުގެ ޖާސޫސުންނަށް ފޫއަޅުވައި ނުލެވޭ ސިއްރު އެތަށް ތަނެއް އީރާނުގެ ފަރުބަދަތަކުގެ އަޑީގައި ހުރިކަމަށް ވެއެވެ.