ހަށިގަނޑުގައި ރައްކާކޮށްގެން ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ހައްޔަރުކޮށްފި

ހަށިގަނޑުގައި ރައްކާކޮށްގެން ކޮލަމާފުއްޓަށް އަރުވަނިކޮށް އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ/ ޕޮލިސް

ހަށިގަނޑުގައި ރައްކާކޮށްގެން ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެއީ ވިލިނގިލިން ކޮލަމާފުއްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފުތަރު ނަންބަރު ރސ5268، އުމުރުން 36 އަހަރުގެ މުހައްމަދު ތާހާއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު، އެ ރަށުގެ ބަނދަރު ސަރަހައްދުން ކަމަށެވެ.

ހަށިގަނޑުގައި ރައްކާކޮށްގެން ކޮލަމާފުއްޓަށް މަސްތުވާތަކެތި އަރުވަނިކޮށް ހައްޔަރުކުރުމުން، ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާފައި -- ފޮޓޯ/ ޕޮލިސް

އޭނާ ހައްޔަރުކޮށް، ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅުތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 20 ގުރާމެވެ.

މި މައްސަލައިގައި ތާހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުން ކަމަށްވާއިރު، މިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1،673 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވެއެވެ.

އެއީ ފުލުހުންނަށް ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން ވައްކަމާއި ޓްރެފިކް އެކްސިޑެންޓަށް ފަހު އެންމެ ގިނައިން ރިޕޯޓުކުރި މައްސަލައެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 890 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް