ގްރޭސް ޕީރިއަޑްގައި ކުލި މައާފުކުރެވޭ ލުޔަކާއެކު، ފަސް އަތޮޅެއްގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަނީ

ފަތުރުވެރިން ތަކެއް ރަށެއް މަގެއްގައި ހިނގާފައި ދަނީ: ގްރޭސް ޕީރިއަޑްގައި ކުލި މައާފުކުރެވޭ ލުޔަކާއެކު، ފަސް އަތޮޅެއްގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން ވަނީ ނިންމައިފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިސޯޓު ތަރައްގީކުރަން ދޭ މުއްދަތު (ގްރޭސް ޕީރިއަޑް)ގެ ކުރިން އެ ރިސޯޓު ތަރައްގީކޮށް އޮޕަރޭޝަނަށް ގެނެވިއްޖެ ހާލަތެއްގައި، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތައް އަރާ ބިމު ކުލި މައާފުކުރެވޭ ގޮތަށް ދޭ ލުޔަކާއެކު ފަސް އަތޮޅެއްގައި ހަލާލް ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ފަތުރުވެރިކަން ކުރިއަރައިފައި ނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ފަސް އަތޮޅެއްގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ނިންމާފައި ވާކަމަށެވެ. ހަލާލް ޓޫރިޒަމް ކުރިއެރުވުމަށް ނިންމާފައިވާ ރަށްތަކަކީ:

  • ހއ. އަތޮޅު
  • ހދ. އަތޮޅު
  • ށ. އަތޮޅު
  • ތ. އަތޮޅު
  • ލ. އަތޮޅު އަދި
  • ސ. އަތޮޅު

ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ފަތުރުވެރިންނަށް ވެސް އެކަށިގެންވާ ގޮތަށް ފަރުމާކުރާ ޚިދުމަތްތަކެވެ. މި ކޮންސެޕްޓް ތަންފީޒުކުރާނީ ރިސޯޓު ތަރައްގީކުރާ މަރުހަލާއާއި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ "ހަލާލް ޓޫރިޒަމް"ގެ ކޮންސެޕްޓަށް ރާއްޖޭގައި ރިޒޯޓު ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އިތުރު ލުއިތަކެއް ވެސް ދިނުމަށް ނިންމަވައިފައi ކަމަސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އެގޮތުން ދިނުމަށް ނިންމާފައިވާ ލުއިތަކަކީ:

  • ލީސް އެކުއިޒިޝަން ކޮސްޓް އިތުރު 20 ޕަސަންޓު ދަށްކުރުން
  • ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނޭ މަގު ފަހިކުރުން: ރިޒޯޓު ތަރައްގީ ކުރުމަށް ދޭ މުއްދަތުގެ ފަސްވަނަ އަދި ހަވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލީސް އެކުއިޒިޝަން ދައްކާގޮތަށް ހަމަޖެއްސުން
  • ރިޒޯޓް ތަރައްޤީކުރުމަށް ދީފައިވާ ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކޮށްފި ނަމަ، އެދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް
    މައާފުކޮށްދިނުން
  • ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެއްޗަށް (ކެޕިޓަލް އިންވެސްޓްމަންޓް) 20 ޕަސަންޓާ ހަމައަށް ޑިއުޓީ މައާފުކޮށްދިނުން
  • ތަންތަން ތަރައްގީ ކުރުމަށް ގެންނަ ފަރުނީޗަރާއި، ބަދިގޭގެ ސާމާނު އަދި އިލެކްޓްރޯނިކް އެހެނިހެން ސާމާނު ޑިއުޓީ މާފުދޭ ކެޓެގަރީއަށް އިތުރުކުރުން

ޓޫރިޒަމް މިނިސްޓްރީން ބުނީ، މި ލުއިތަކުގެ ސަބަބުން މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިތުރަށް ތަރައްގީވެ، ޓޫރިޒަމް ސިނާއަތް
ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަށެބެ. އަދި މި ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި
ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާކަން މީގެ ކުރިން ވެސް ރައީސް ވަނީ އިއުލާނު ކުރައްވައިފައެވެ.

ރައީސް މުއިއްޒު އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ހަލާލް ޓޫރިޒަމް ފުޅާކުރަން މަޝްވަރާކުރައްވައިފައެވެ. އޭގެ ކުރިން މިދިޔަ ސަރުކާރުގައި ވެސް ރާއްޖޭގައި ހަލާލް ޓޫރިޒަމް ޕްރޮމޯޓުކުރަން ބައެއް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގެ އިގުތިސާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމަށެވެ.

މި ސަރުކާރުގައި ޙައްޖު ކޯޕަރޭޝަނުން ވެސް ވަނީ ހަލާލް ޓޫރިޒަމަށް ވަދެ ކ. މާފުށީގައި ގެސްޓްހައުސްތަކެއް ހަދަން ނިންމައިފައެވެ. އެކަމަކު، ފަހުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން އެ މަޝްރޫއު ކުރިއަކަށް ނުދެއެވެ.

comment ކޮމެންޓް