އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއު، ހަލާލު ޓޫރިޒަމްގެ މޮޑެލަށް ނުހިންގޭނެ ކަމަށާއި މަޝްރޫއަށް ބަދަލު ގެނައުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ފަސް ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި، ހަންކެޑެ ކަނޑައެޅުމުން އެކަމާ ނުރުހުން ފާޅުކުރައްވައި، ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވަނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހަންކެޑެ މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް ޔަގީންކޮށްދީފައި ވާކަމަށެވެ. އަދި މިއީ ހުރިހާ ޕްލޭނެއް ނިމި، ފައިސާ ވެސް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި އައްޑޫގެ ޓޫރިޒަމާއި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.
"އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ. އެކަން ވެސް ކުރެވިފައި ނުވޭ. މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް،" އެ ޕޯސްޓުގައި ވެއެވެ.
މި ޕޯސްޓުގައި ވަނީ ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމްގެ މޮޑެލަށް ނުހިންގޭނެކަމަށެވެ. ނަމަވެސް، އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގައި ހިއްކާފައިވާ އެހެން ރަށްތައް ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރެވިދާނެކަމަށް މި ޕޯސްޓުގައި ވެއެވެ.
"އެ ރަށްރަށް އޮއްވައި ހަންކެޑެ މަޝްރޫއު ހުއްޓުވައިލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް،" އެ ޕޯސްޓުގައި ވެއެވެ.
ހަންކެޑެ މަޝްރޫއު ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރިކަން ސަރުކާރުން އިއުލާނުކުރީ މިއަދެވެ.
ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓު ތަންފީޒު ކުރާނީ ރިޒޯޓު ތަރައްގީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިޒޯޓު އޮޕަރޭޝަންސްގެ މަރުހަލާގައެވެ.
އައްޑޫ ސިޓީ ހަންކެޑެއިގައި ތަރައްގީކުރާ ހަލާލް ޓޫރިޒަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ޓަކައި، އެ ސަރަހައްދުތަކުގައި ރިޒޯޓު ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދިނުމަށް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ.
އެގޮތުން 2023ވަނަ އަހަރު އެމްއެފްއެމްސީއާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރުމަށްފަހު، މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ގައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އެ މަޝްރޫއު އިފުތިތާހު ކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.
ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ.