"މަންމަގެ ވާހަކަދެއްކުމާއި ހުނުމުގެ އަޑަކީ ތިބާގެ ފުރާނައިގެ ކިހާ ބޮޑު ބަޔެއްކަން އިހުސާސްވާނީ އެ އަޑު ތިބާއަށް ނީވޭ ދުވަހެއް އައުމުންނެވެ."

***

"އަހެދްއަށް ސަލާމްކޮށްލުމެއްނެތި މުރުތަސިމް ފުރައިގެން ދިޔަކަން އެނގުމުން ހިތް ހަލާކުވާވަރުވިއެވެ. ނުކައި ނުބޮއި ކޮޓަރީގައި އިނދެ އަމިއްލަ ނަފުސަށް އަނިޔާދެވޭކަން އެނގުމުން ބަދިގެއަށް ދިޔައީ ކޮފީއަކާއި އެއްޗެއް ކައިލުމަށެވެ. ބާބިލް ބަދިގެއިން ބަގީޗާއަށް ނުކުމެވޭ ދޮރުން އެތެރެއަށް ވަދެގެން އައީ ވައިލެޓްކުލައިގެ ލިލީ ޕޮޓެއް ހިފައިގެންނެވެ. މާ އަޅާ ފުރިފައިވާއިރު ނިކަން ރީއްޗެވެ.

"އަހެދް...ކިހިނެއް؟ ނުވެސް ފެނޭ..." ބާބިލް އެ ވަށިގަނޑު ކުޑަދޮރުގެ ފުޅާސީޓުމަތީގައި ބެހެއްޓިއެވެ.

"މިއުޅެނީ މިގެއިން ދާންވެގެން..."

"ޖޫރީ އެހެން ކިޔާ އަޑުއެހިން. މުރުތަސިމް އެލީޒީއާއި މެރީކޮށްގެން އަބޫދާބީއަށް ދިޔަވާހަކަ...އަހެދްއަށް އެނގޭތަ؟ އަހަރެންވެސް މިހިރީ ވަންނާނެތަނެއް ނެތިފައި...ވަރަށް ބޮޑު ކުށެއްކުރެވުނީ......."ބާބިލް ގޮނޑިއެއް ދަމާލައިގެން އިށީނެވެ. އޭނަގެ ވާހަކަ ނިމެންދެން އަޑުއަހަން އިނދެފައި އަތުގައި ހިފަހައްޓައިލެވުނެވެ. ހިތްވަރުދިނެވެ. ދެމީހުން ކޮންމެވެސް ގޮތަކަށް މި ތިންމަސް މިގޭގައި ހޭދަކުރާނީ ކަމަށާއި ﷲ ކޮންމެވެސް މަގެއް ދައްކަވާނެކަމަށް ގަބޫލުކުރާކަމުގައެވެ. ދެކުދިންވެސް މިނިވަންވެއްޖެއެވެ.

"މިނިވަންކަމަށްވުރެ ބޮޑު ބްލެސިންއެއްނުވާނެ. މި މެންޝަންގައި ޒަހްރާއްތަގެ އަންހެންދަރިންނަށްވެގެން ތިންމަސް ހޭދަކުރުމަކީވެސް ބްލެސިންއެއް...އޭގެ ފަހުން..........ދެން ބަލަމާ..ހަނދާން އެބަހުރި އުމްރާ ދަތުރު؟ އަހަރެމެން ކަހަލަ އޯފަންސްއިންނަށް އެހިސާބަށް ދެވޭނެކަމަށް ހީކުރާނީ ކާކު؟ އެހެންވީމަ...މިހާރުން ފެށިގެން ހުރިހާ އަޅުކަމެއް ބަރަބާރަށް ކޮށްފައި ދުއާކުރަންވީ...."

އަހެދްއާއި ބާބިލް އަތާއި އަތް ޖެހިއެވެ.

"އެކަމަކު އަހަރެމެންވެސް މަސައްކަތެއް ފަށަންވީ. އަހަރެން ކޭކު އަޅާފައި ވިއްކާނަން. ޒަހްރާއްތަ ދޭ މުސާރައިން ބާކީކޮށްފައި އެކި އޮކޭޝަަންތަކުގައި ދޭ ފައިސާ ކޮޅު ފޮރުވާފައި ހުންނާނެ...ކޭކު ވިއްކަން ފެށީމަ ލިބޭ ފައިސާއިން އިތުރު ކަމެއްވެސް ފެށިދާނެ.. އަހެދް ކޮންކަމެއްކުރާނީ؟"

"ޒަހްރާއްތަގެ ކުންފުނިން ވަޒީފާއެއް ލިބިއްޖެއްްޔާ ރަގަޅު. އެނގޭތަ ބާބްއަށް؟ އަހަރެންގެ ވަރަށް ބިޒިނަސް މައިންޑްއެއް ހުންނަނީ. އެވެސް ޖަވާހިރާއި ގަހަނާ...ޖަވާހިރު ވިޔަފާރިއެއް ފެށޭނެނަމަ......"

"ލޯނެއް ހޯދަންވީނު..."

"ކާކު އެވަރު ބޮޑު އިންވެސްޓެއްކުރާނީ؟"

"ޒަހްރާއްތަ.."

"އަސްތަޣުފިރުﷲ....ބާބް ތިކަހަލަ މޮޔަ ވާހަކަ ނުދައްކާ..އެއީ ވަރަށް މާތް ރަގަޅު ލޭޑީއެއް. އެއްވެސް ވަރަކަށް އެޑްވާންޓޭޖް ނަގާހިތެއްނެތް...އެހެން ދިމާލަކަށް ދެން ވިސްނާނީ...ބާބް ބުނާހެން އަމިއްލަ ފައިމައްޗަށް ތެދުވެވިގެން މި ޒަމާނުގައި ދުނިޔޭގައި އުޅެވޭނީ ނޫނީ އަންހެންކުދިން ނިކަމެތިވާނެ.."

"ޒަހްރާއްތައަށް ވަރަށް މީރު ކަމަށްވަނީ ބާންޓް ޗީޒް ކޭކު......"

"އޯ......އަހަރެން މިއުޅެނީ ހަމަ ތިކަހަލަ ކޭކު ހަދާފައި ވިއްކަން ޒަހްރާއްތައަށް ކޮންމެ ދުވަހަކު ހަވީރު ސަޔާއެކު ޗީޒްކޭކު ކާންދެވިދާނެ.." ބާބިލް ހީލިއެވެ. ދެކުދިންގެ ހުރިހާވެސް އަމާޒަކީ ޒަހްރާއަށް ޚިދުމަތްކޮށްދިނުމެވެ.

***

ނައީމްގެ އުދަގޫ ބޮޑުކަމާއި ފައިސާއާއިހެދި މޮޔަވެފައިވާވަރު ފެނުމުން ވިލްދާންއަށް ކެތްކުރަން ދަތިވިއެވެ. މިއަށްވުރެ ދުނިޔެއަށް ހަގީގަތް ހާމަވިޔަސް މާ ރަގަޅުކަމުގައި ދެކުނެވެ. ބްލެކްމެއިލްކޮށްގެން އޭނައަށް އުދަގޫކޮށް ފަހަތުން ނުނެއްޓިގެން އުޅޭގޮތުން އޭނައަށް ނަފްސާނީ އަސަރުތައްވެސް ކުރަން ފަށައިފިއެވެ.

"ދެން ކަލޭ ބޭނުންކަމެއްކުރަން ދޭ. އިތުރަށް އެންމެ ލާރިއެއްވެސް ނުދޭނަން..."ވިލްދާންގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އިންތިހާ ކުލަވަރެވެ.

"އަހަންނަށް ކަމެއް ނުކުރޭވެނެކަމަށް ހީކުރީ ދޯ...ބަލާތި..."ނައީމް ދާން ހިނގައިގަތެވެ.

މިޒަމާނުގައި މުޅި ދުނިޔެއަށް މީހަކު ބަދުނާމުކޮށްލާނެ ވަސީލަތްތައް މަދެއްނޫނެވެ.ހިސާބަށްވުރެ ދަހިވެތި ވާންވެއްޖެއްޔާ ލިބެން ހުރި އެއްޗެއްވެސް ބައެއްފަހަރު ބީވެގެން ހިނގައިދާނެއެވެ. ނައީމްއަށްވެސް ޖެހުނީ އެދަތުރެވެ. އޭނައަށް ލިބޭ އެއްޗެއް ޚަރަދުކުރަނީ ޖުވާ ކުޅުމަށާއި ބެންކޮކަށް ބުރު ޖަހަން ދިޔުމަށެވެ.

***

ޒަހްރާއަށް ބާބިލް ގެނެސްދިން ބާންޓް ޗީޒްކޭކު ފޮތި ވަރަށް މީރުވެގެން އެއްކޮށް ކައިލެވުނެވެ. އަހެދް ވީޑިއޯ ކޮށްފައި މައިރާއަށް ފޮނުވުމަށްފަ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޒަހްރާއްތަގެ އެންމެ ދަރިއެއް ކައިރީގައި ނެތަސް އެދެ އަންހެންކުދިން ޒަހްރާ އުފަލުގައި އެބަ ގެންގުޅޭ ނޫންހެއްޔެވެ؟ މައިރާއަށް އެގޮތަށް ހީކުރުވާކަށް ނޫނެވެ. އަހެދްގެ ބޭނުމަކީ ޒަހްރާ އުފަލުގައި ހުރިކަން އެންގުމެވެ.

އިރުކޮޅެއްނުވަނީސް މައިރާ އޭނައަށް ގުޅިއެވެ.

"ޒަވިއާ ވަރަށް ހިތްހަމަނުޖެހިފައި ހުރީ. މަންމަ މިހާރު ބަލިވީމަ ތަރުކާރީއާއި މޭވާ އަދި ސިއްހަތަށް ފައިދާ ހުރި އެއްޗެހި ކާންދޭށޭ...ޒަވިއާ ވަރަށް ދެކޮޅު މިކަހަލަ އެއްޗިސް މަންމައަށް ދޭން..."

"އޯ......އައިމް ސޮރީ.."އަހެދްގެ ހިތަށް ފިނިފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ.

"މިއޮތީ ލިސްޓް.....މީގައި ހުރި ގޮތަށް ބްރެކްފާސްޓް ލަންޗް ޑިނާ...ދެން ގްރީން ސްމޫތީ ވެސް ކޮންމެ ދުވަހަކު ދޭންވާނެޔޯ....އަހެދް...އާ ޔޫ އޯކޭ؟ "

"ފައިން..."އަހެދްގެ ލޮލަށް ކަރުނަ އައެވެ.

"ހިތްވަރު ކުރައްޗޭ. އަދި ސިމް އެނބުރި އަންނާނެ އިރާދަކުރެއްވިއްޔާ.."

އަހެދްއަށް ބަދިގެއާއި ދިމާލުން ބޭރަށް ނިކުމެވުނެވެ. ގާޑެނިއާ މަލުގެ މީރުވަސް މުޅި އެހިސާބުގައި ހިފާލާފައިވިއެވެ. ހިތަށް ފިނިކަން ގެނެސްދޭފަދަ މީރު ލުއި ވަހާއި ފެހިކަމެވެ. "އަހެދް ރޮނީ ކީއްވެތަ؟ އަހެދްކަހަލަ ހިތް ނުބައި ކުދިންނަށް ލިބެން ޖެހޭ ހައްގު އަޒާބެއްނު ތިލިބުނީ؟ނުބައި ނިޔަތެއްގައި އައިމީހާއަށް ޖެހުނީ އުމުރުދުވަހު ރޯން.."

"އަހެދް.. ނެގެޓިވްކޮށް ނުވިސްނާ. އަހެދްއަށްވެސް ކުރިން ނޭގުނީ..އަހެދްގެ ކުށެއްނެތް. ދުނިޔޭގައި އުޅެވޭނީ މާފުކޮށްގެން...އެފަދަ ރީތި ސިފަތަކުން ހިތް ފުރާލުމުން އުފާވެރިކަން ލިބޭނީ....ހަމައެކަނި ﷲއަށް ވަކީލުކުރޭ. އެއްވެސް މީހަކަށް ނުނިޔަތް ލާނެކަމެއްނެތް. ޒަހްރާއަށް ކުރަންވީ ޚިދުމަތެއްކޮށްދީފައި ތިންމަސްވީމަ ރަށަށް ދޭ..ނައީމްވެސް މިހާރު އެއުޅެނީނު ޓިކްޓޮކްގައި ބެންކޮކްތަންތަނަށް ދަތުރުކޮށްގެން އުފަލުގައި. އެތަނުން އަންހެނެއް ހޯދައިގެން އިދެގެން ހުރެފިއްޔާ ބޮލަށް ފަސޭހަވާނެ..."

"އަހެދް.....މިދަނީ ޗީޒް އެއްޗެހި ގަންނަން...ބޭނުންތަ އެއްޗެއް؟"

"އެވޮކާޑޯއާއި ސްޕިނެޗް އެއްޗެހިވެސް ގެނޭ. ޑޮކްޓަރ ޒަވިއާރު އަންގަވައިފި ގްރީން ސްމޫތީ ދޭން. މަންމައަށް ހަކުރާއި ކްރީމް އެއްޗިއްސާއި ތެޔޮ އަދިވެސް ގްލޫޓެންވެސް ނުދޭށޯ. ދެން ހުރިހާ މީރު އެއްޗެއް ނުދޭންވީ..."އަހެދް ތުންފިތައިލިއެވެ.

"އޯ.....ޒަހްރާއްތަ ކައިރިންވެސް ހުއްދަ ހޯދަން ޖެހޭނެ ދޯ...ލޮލަށް ބޭސް އަޅައިފިންތަ؟"

ދެކުދިންވެގެން ޒަހްރާގެ ހުރިތާ ތަދުތަކާއި ވޭންތައް ފިލުވަން މަސައްކަތްކޮށްދެއެވެ. ޔަގީނުންވެސް ޖިސްމާނީގޮތުން ޒަހްރާއަށް އުނިވާކަމެއްނެތެވެ. ނޭގެނީ އެތެރެހަށީގައި އަޅާނެ ވޭނެވެ. ނަފްސާނީގޮތުން ވާނެ އުދަގޫތަކެވެ. ކޮންމެގޮތެއްވިޔަސް އަމިއްލަ ދަރިންފަދައިން އެކުދިންދެކެ ޒަހްރާއަށް ލޯތްބެއްނުވެވޭނެއެވެ.

***

ޒަވިއާރު މަންމަދެކެ ވާ ލޯބީގެ ބޮޑުކަން އެނގުމުން ޒަހްރާއަށް އުފަލުން ހިނިތުންވެލެވުނެވެ. ކެއުމާއިމެދުވެސް ހާދަ އަޅާލައެވެ. ޑޮކްޓަރުވެސް އަންގާފައިވަނީ ބައެއް ބާވަތްތަކުގެ ކާއެއްޗެހި ދޫކޮށްލުމަށެވެ. ޗޮކްލެޓާއި ކޭކުކަހަލަ ފޮނި އެއްޗެހި ކެއުމުން ސިއްހަތަށް އިތުރު ގެއްލުންވުން ނޫންކަމެއްނުވާނެއެވެ.

ޒަހްރާ އެދިގެން ޒަވިއާރުއަށް ގުޅާފައި ފޯނު އަތަށް ދިނެވެ.

"ހެލޯ މަންމާ ކިހިނެއް؟"

"އަލްހަމްދުލިﷲ...ޒަވިއާ ކޮންތާކު؟ ޚަބަރެއްވެސް ނުޥާތީ. މައިއާއި އަބަދު ވާހަކަދެއްކެނީ....ވީޑިއޯ ކޯލު ޖައްސަބަލަ..ކައިގެން ތިހިރީ؟"

"މަންމާ ޑިއުޓީގައި މިހިރީ.... ވަރަށް ބިޒީ ފަހުން ގުޅާނަން، ގެއަށް ގޮސްފައި އިނގޭ....ލަވް ޔޫ މަމް...."

"ޑިއުޓީގައި ހުއްޓަސް ރަގަޅަށް ކައިގެން އުޅެއްޗޭ.....ނަމާދަށް އަރަންތަ؟"

"އޮފްކޯޒް....މިވަގުތު ބާއްވަނީ މަންމާ....ބާއި.."

ޒަހްރާއަށް ވާހަކަދެއްކުނީ ހުސް ފޯނަކަށެވެ. އަހެދް އެއްފަރާތުގައި އިށީދެލައިގެން އިންއިރު އެކަން ރަގަޅަށް އެނގުނެވެ. ޒަވިއާރު ފޯނު ބޭއްވިކަން ނޭގުނީއެވެ.

"ފޯނު ކެނޑުނީ...ނެޓް ވަރަށް ސަކަރާތް.."އަހެދް ބުނެލިއެވެ.

"ސައި ހަދައިފިންތަ؟"

"ގްރީން ސްމޫތީއެއް ހަދާފައި ހުރީ..."

"ނޫން. ސަޔާއި ބާންޓް ޗީޒް ކޭކު ކާނ.ީ...ހިނގާ އަވަހަށް ސައިބޯން..."

"އެކަމަކު......"އަހެދް ކަންބޮޑުވިއެވެ.

"މިއީ ތިން ކުދިންގެ ސިއްރެއް. އަބަދު ދުނިޔޭގައި ތިބެވޭނެތަ އަހެދް؟ ތިބި ދުވަސްކޮޅު ކޮންމެހެން މީރު ކާއެއްޗެއްސާއި ދުރުވާނެކަމެއްނެތް. އަދި މިއުމުރުގައި..."ޒަހްރާ ހެމުން އަހެދްގެ އަތުގައި ހިފިއެވެ.

ޒަހްރާއާއި އަހެދް އަދި ބާބިލް އެއް އުމުރުގެ ކުދިންހެން ހީހީފައި ވާހަކަދައްކަން ތިބެ ސައި ބޮއި ނިންމައިލުމަށްފަހު އަނގަތަޅަން އިރުކޮޅެއްވާންދެން ތިއްބެވެ. އިރުއޮއްސުމާއެކު ވުޟޫކޮށްލައިގެން ގަޑިއަށް ނަމާދުގެއަށް ވަދެ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަން އިޝާގަޑި ޖެހެންދެން ތިބެއެވެ. އިޝާއަށްފަހު އެއްޗެއް ކާލައިގެން ދެން ޒަހްރާގެ ފައި މަސާޖްކޮށް ބޭސްކާންދިނުމަށްފަހު ގުރުއާން އަޑު އަހަން އޮތްވާ ނިދުނެވެ. ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަމަކީވެސް އަހެދްއަށް އުފަލެކެވެ.

"މި ދުވަސްތައް ވަރަށް އަވަހަށް ފާއިތުވެގެން ހިގައިދާނެ. ހިތަށް އަރާ އަލްބާންއަށް އޮޅުވާލައިގެން ހުރެވޭނީ ކިހާ ދުވަހަކަށްހެއްޔޭ؟ އަލްބާން އަންނަންވާއިރަށް ކޮންމެވެސް އެހެން ދިމާލަކަށް ދާން ޖެހޭ. ޒަހްރާއްތައަށށް ވައުދުވިން އަލްބާންއާއި އެފަދަ ގުޅުމެއް ނުބާއްވާނެކަމަށް...."

"މަރުގެ ކިއޫވެސް ނޭގޭނެ. ކޮންމެ ސިކުންތުކޮޅުވެސް އަހަރެމެންގެ ޓައިމް ޖެހިދާނެ. ޑޯންޓް ވޮރީ. މަގެއް ދައްކަވާނެ.."އަހެދް ނުބަލަން އިނަސް ފޯނު ހުޅުވާލައިގެން އިނދެ ބެލުނީ ފޭސްބުކަށެވެ. އެލީޒީއިނީ މެރީޑް ޓު މުރުތަސިމް ޖަހާފައި ދެމީހުންގެ ފޮޓޯވެސް ލައިގެންނެވެ. ހިތަށް ބުނަން ނޭގޭފަދަ އަސަރުކޮށް ނުބަލަން ހުއްޓަސް ހަމަ ބެލެނީއެވެ. މިއީ އެންމެ ފަހު ފަހަރު ކަމުގައި އަމިއްލަ ނަފުސަށް އެންގިޔަސް ހުޅުވެނީ އެލީޒީގެ ސޯޝަލްމީޑިއާ އެކައުންޓުތަކެވެެ. އެދެމީހުން ހަނީމޫން ހޭދަކުރީ ޔޫރަަޕްގައެވެ. ޕެރިހުގެ އައިފެލް ޓަވަރއާއި ލަންޑަންގެ ބިގްބެން އަދި ވެނިސްގެ ފޮޓޯއެއް ފެނުމުން އަހެދްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"އަހެދް ސްޓުޕިޑް. ކިތައް ފަހަރު ބުނާނީ ނުބަލާށޭ. އެމީހެއްގެ ސްޓޯރީ އޯލްރެޑީ ރިޓެން....ދެން ހަމަ ބަލާފައި ރޯންވީ....މުރުތަސިމްއަށް ކޮންކަމެއް އަހެދް ރޮއި މަރުވިޔަސް...އެވަރުންވެސް ހަމަ މި މޮޔަގަނޑު..."އަހެދް ސިއްސައިގެން ދިޔައީ މީހަކު ގުޅަން ފެށުމުންނެވެ.

"އަހެދް....މިއުޅނީ ބެންކޮކްގައި ތާށިވެގެން...ވިލްދާންވެސް ވަރަށް ކަޑަ....ބިޒިނަސް ދަތުރެއްގައި ފޮނުވާފައި ބަޔަކުކެހި ދިނީމަ އަޅާނުލި. އެވަރަށް އާދޭސްކުރީމަވެސް މަގޭ ސަލާމަތަކަށްޓަކާއި އިނގިއްޔެއް ހަލުވައިލަންވެސް ނުކެރުނު......."ނައީމް ބުނެލިއެވެ.

"އައި ޑޯންޓް ހޭވް..."

"ޒަހްރާ ގާތު ބުނޭ....ނޫނީ ...."ނައީމް އަނދައިގަތެވެ.

"ނިދާފައި އޮތީ..."

"ހެވޭ....ހޯދާތަނަކުން ފައިސާ ހޯދާފައި އެކައުންޓަށް ލާ...ނޫނީ ހަމަ ދާގޮތަށް ގޮސް އެ އަންހެނާގެ ކަރުގައި ހިފާ މަރާލާނަން..."

އަހެދްގެ މޭބޮޑުވިއެވެ. ހުރިހާ އެންމެންވެސް މިއުޅެނީ ކޮންވައްތަރަކަށްހެއްޔެވެ؟ އެންމެންގެ ތެރެއިންވެސް އެންމެ ފޫހިމީހަކީ މި ނައީމްއެވެ.އެލީޒީއަށްވުރެވެސް ފޫހިހެއްޔެވެ؟ އޭނަ ވިސްނަނީ އެ ނައީމްގެ ފަރާތުން ބޮޑުދައިތައަށް ކުރިމަތިވެދާނެ ބިރަކާއިމެދުގައެވެ.

"ދެތިން ދުވަސްދީ...އެބަ ބަލަން ފައިސާ ހޯދަން.."

އަހެދް އެނދުގައި އޮށޯވެލުމާއެކު ޚިޔާލުތައް އޭނަ ވަށާލައިފިއެވެ. ދެފަރާތަށް ފުރޮޅި އޮތްއިރު ހިތް ބާރު އަޅަމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް ބަލައިލުމަށެވެ. އެންފަހުން އުދަގޫވެގެން ހަތިޔާރު ބަހައްޓާފައި އޭނަ ފޯނު ހުޅުވާލިއެވެ. އެލީޒީ ހުރީ އިތިހާދު އެއަބަސް ސިޑިމަތީގައި ހުރި މުރުތަސިމްގެ ފޮޓޯއެއްލާފައެވެ. ޔުނިފޯމްގައި ހުރިއިރު ނިކަން ސްމާޓެވެ.ހަމަ މޮޑެލްކުރާހިތުން އަވި އައިނުވެސް ޖަހާލާފައެވެ. އެހެން ހުރުމުން ފޮނިފާޑުވެސް ޖަހައެވެ. ތިރީގައި ޖަހާފައި އޮތީ" މަގޭ ކައްޕިތާނު"އެވެ. އަހެދްގެ ހިތް ރޫޅުނުހެން ހީވިއެވެ. ރުޅިގަނޑު ފަޅައިގެން ދިޔުމާއެކު ފޯނު އަތުކޮޅަށް އެއްލައިލެވިއްޖެއެވެ. ތަޅައިގެން ދިޔަ އަޑަށް ދުވެފައި ގޮސް ފޯނު ނެގިއިރު ސްކްރީންވަނީ ތަޅައިގެންގޮސްފައެވެ. އޭނަގެ ހިތްފަދައިން އެވެސް ކުދިކުދިވެއްޖެއެވެ. ފޯނު ހަލާކުވުމުން އިތުރަށް ދެރަވެ ލޮލުން ކަރުނަ އޮހިގަތެވެ.

"މި ރޮވެނީ ހަމަ ފޯނު ހަލާކުވީމަ. އަހަންނަށް ކީއް މުރުތަސިމްއާއި އެލީޒީ ކޮންމެ ވައްތަރަކަށް އުޅުނަސް....ޖޭވަނީއެއްވެސް ނޫން. ﷲ ގެ ނިއުމަތްތައް އިރާދަކުރެއްވި އަޅަކަށް ދެއްވާނެ...އެކަމައި ހިތާމަނުުކުރޭ. އަހެދް...."

އަހެދް މޫނާއެކު ރަޖާ އަޅައިގެން އޮވެ ބާލީސް އަޅާ ބާރުކޮށްލީ ސިކުނޑިއަށް ލިބިފައިވި ވާންކަން ކަނޑުވައިލާ ޚިޔާލުތައް ހުސްކޮށްލުމަށެވެ.

***

ދެތިން ދުވަސްތެެރޭގައިވެސް އަހެދްއަށް އެ ފައިސާ ހޯދާނެގޮތެއް ނޭގުނެވެ. ނައީމްއަށް އެކަން އެންގުމުން ރުޅިގަދަވެފައި ކުޅިދައްކާލާނަމޭ ބުނެ އިންޒާރުދިނެވެ. އަހެދް އަޅާނުލާ ފޯނުބޭއްވިއެވެ.

"ޔާﷲ ހެލްޕް މައި އާންޓް....... ޔޫ އާ ދަ އޮންލީ ވަން ހޫ ކެން ޕްރޮޓެކްޓް ހާރ"

އަހެދްއަށްވެސް ޔަގީންވާކަމަކީ ހަޔާތުގެ މިފަދަ ބައެއް ކަންތައްތަކުގައި އަމިއްލަ ނަފުސަށް އެހާ ބާރެއް ނޯންނަކަމެވެ. އިންސާނާއަށް ކުރެވޭނެކަމަކީ ހަމަ މަސައްކަތްކުރުމެވެ. ފައިސާއާއިހެދި ނޫނީ އެހެން ސަބަބަކާއިހެދި ސިކުނޑި ބަނަވެފައިވާ މީހުންގެ އަނިޔާތަކާއި ދުއްތުރާތަކުން ސަލާމަތްވާން އެމީހަކަށް ވެވުނު ވަރަކުން އުޅެ ދެން އޮތީ ހަމަ ދުޢާކުރުމެވެ. ﷲ ތައާލާއަށް ޔަގީންކަން ބޭއްވުމެވެ.

***

ޒަހްރާ މުރުތަސިމްގެ ފޯނަށް ގުޅުމުން ނެގީ އެލީޒީއެވެ. ވާހަކަދައްކަން ފެށުމާއެކު އެލީޒީ ބެލްކަންޏަށް ނުކުމެ ވާހަކަދައްކަންފެށިއެވެ.

"ޒަހްރާއްތަ އެހާ ގިނައިން މުރުތަސިމްއަށް ނުގުޅާ..... ދަރިން މީހުންނާއި އިނދެގެން ދިޔައީމަ ފިރިހެނަކު މަންމަ އިސްކުރާނީ އެއީ ރަގަޅަށް ތަރުބިއްޔަތު ނުދެވުނީމަ. އެކަމަކު މަ ބުނާނީ ޒަހްރާއްތަ ސިމް ތަރުބިއްޔަތު ކުރީ ވަރަށް ފުރިހަމައަށޭ.. މުރުތަސިމް މަންމަގެ މައްޗަށްވެސް އިސްކުރާނީ އަނބިމީހާ. ވީއިރު ސިމްއަށް ގުޅައިގެން އަންނަން ނުކިޔާ ހެޔޮނުވާނެ...މުރުތަސިމްގެ ކެރިއާ އިން ކިރިޔާ ފިވަޅެއްކުރިއަށް އެޅީ... ދެން އަހަރެމެންގެ ދިރިއުޅުން ފަނިކުރީމަ ރަގަޅެއްނުވާނެ ދޯ......"

އެލީޒީ ދެއްކި ވާހަކަތައް އަހެދްއަށް އިވުނެވެ.

ސަބަބަކީ އަބަދުވެސް އެ ފޯނުން ދަރިންނަށް ގުޅުވަން އެހީތެރިވަނީ އަހެދްކަމަށްވާތީއެވެ. ޒަހްރާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް ފޯނާއި ކުޅެން އުދަގޫވެ މެސެޖްތައް ބަލައިލާކަށްވެސް ނޭގެއެވެ. ކޯލެއް މިސްވިޔަސް ނޭގެއެވެ. ފޯނުގެ ގޮތުން އެކޮޅުން ދައްކާ ވާހަކަ ވަރަށް ރީތިކޮށް ޖެހިގެން ހުންނަ މިހާއަށް އިވެއެވެ. އެލީޒީގެ ނުލަފާކަން ފަޅާ އެރުމުން ވަކި ގަދަޔަށް ހިތުގައި ފޫހިކަމާއި އެހެން އިހުސާސްތަކެއް ހިތުގައި އުފެދި އަލިފާންގަނޑެއްގައި ހުޅު ހިފާ އުސޫލުން މުޅި ހަށިގަނޑަށް ފެތުރިގަތެވެ.

"ކިތަންމެ ވައްތަރެއް ޖެއްސިޔަސް ޒަހްރާއްތަގެ ކުދިންނާއި ވާހަކަަދެއްކެން ޖެހޭނެ...މުރުތަސިމް ޖެހޭނީ ހަމަ ގުޅަން..." އެންމެފަހުން ކެތްނުކުރެވިގެން އަހެދް މެސެޖްކޮށްލިއެވެ.

"ޝަޓަޕް އަހެދް..."އެލީޒީ ޖަވާބުދިނެވެ.

"އަސްތަޣުފިރުﷲ.....ފުރަތަމަ ތިވަރަށް ޝޯއޮފް ނުކޮށްބަލަ. ހަގީގީ ހެޕިނަސް މީހުންނާއި ޝެއާކުރަން ނުޖެހޭނެ..."އަހެދްވެސް އިނީ ޖަދަލުކުރާ މޫޑެއްގައެވެ."ތިވަރަށް އުފާވެރިނަމަ އެސްފީނާ ޖެހިދާނެތީ ބިރުން ދުނިޔެއަށް ފޮރުވަން ދޯ އުޅޭނީ..އެކަމަކު މޭކަޕްކޮށްގެން.............."

"ޖެލަސީ ޑޯންޓް ސުއިޓް ޔޫ ޑާލިން...އައިމް ޖަސްޓް..... ނެޗުރަލީ ޗާމިން..ސިމް އަހަރެން ޕްރިފާ ކުރީމަ އަހަރެން ވަކި ކީއްކުރާނީ ލޮލް..."

"ޕްރިފާ ޔޫ؟ ތީ ޑްރާމާ މެގްނެޓެއް އަދި ލިޕްގްލޮސްއަށް އެޑިކްޓްވެފައި ދޯ. މީހުންގެ ފިރިން ޖަހައިގަންނަންވެސް ކުޅަދާނަ......"

"ލޫޒަރ....ތީނަގެ މަކަރުވެރިކަން އެނގުނީމަ ސިމް ޑަމްޕްކޮށްލާފައި އައީމަ މިހާރު ޖެލަސްވެގެންގޮސް ކެތްތެރިކަން ކުޑަވެ ޗެޓްކުރަންފެށީ؟ މޭކަޕް ފިލުވާލައިގެން ސްނެޕެއްއެބަކޮށްލަން...އޭރުން އެނގޭނެ އެލީޒީގެ ރީތިކަން...ސިމް ކަލޭ ދޫކޮށްލާފައި އައީމަ އެއްފަހަރުވެސް ސުވާލުކުރިންތަ؟ތިހާ ރީތި ރަގަޅު މީހެއްނަމަ ނާންނާނެ...އެނގިއްޖެ؟"

ކޫސަނި ގައިގަނޑެއް ޖަހާލާފައި ފޯނު ބޭއްވިއިރު އަހެދްގެ މޫނަށް ރަތްކުލަވެރިވެފައިވިއެވެ. އެކުރެވުނު މޮޔަކަމާއި މެދު އަމިއްލަ ޟަމީރުވެސް އޭނައަށް މަލާމާތްކުރިއެވެ. ބައެއްފަހަރު އޮޔާގޮސް އަތުން ފައިން ގޯސް ހެދެނީއެވެ. އެލީޒީ އެވާހަކަތައް މީޑިއާއަށް ނުލިއްޔާ ވެދާނެއެވެ.

***

އަހެދް ޒަހްރާ ބޭނުންވާ ސޫރަތްތައް ވަކި ފޯލްޑާއަކަށް ލާ ދިނުމުން ވަރަށް އުފާވިއެވެ. ރަހްމާނު ސޫރަތާއި އިންސާން ސޫރަތަކީ ޒަހްރާގެ އެންމެ ލޯބިވާ ސޫރަތްތަކެވެ. ފޫހިވުމެއްނެތި ކިތަންމެ އިރެއްވިޔަސް ތަކުރާރުކޮށް އަޑުއަހަން އިންނާނެއެވެ. އަހެދްއާއި ބާބިލްއާއި ޒަހްރާގެ ދުވަސްތައް ފެށި ނިމިގެން ދަނީ ވަކި އާދައެއްގެ މަތިންނެވެ. ކެއުމާއި އަޅުކަމާއި ނިދުން އަދި ހިތްހަމަޖައްސައިލަން ވަކި ވަގުތުތަކެއް ޚާއްސަކޮށްފައިވިއެވެ. ޒަހްރާ އާދަކޮށް ދަމު ނަމާދަށް ތެދުވެ ގުރުއާން ކިޔަވަން އިނދެފައި ފަތިސް ނަމާދަށްފަހު ޒިކުރުކޮށް ހަދައިގެން ނިދާތީ އެކުދިންވެސް އެގޮތަށް ހޭނުނެވެ. ތަހައްޖުދު ޚާއްސަ ބަޔަކަށްވިއެވެ.

ބާބިލްއަށް ކޭކު އޯޑަރުތައް ލިބުން އިތުރުވީވަރަކަށް ފައިސާގެ ތަނަވަސްކަން އިތުރުވިއެވެ.

ބާބިލް ޗީޒްކޭކު ހެދުމުގައި އަވަދިނެތި އުޅުނުއިރު ޒަހްރާއާއި އަހެދް ޒަހްރާ ފެންވަރަން އެހީތެރިވެދިނެވެ. އިސްތަށިގަނޑުގައި ފުނާ އަޅުވާދިނެވެ. އަދި ނިމިގެން ސެންޓުވެސް ޖަހާލަދިނެވެ. އޭނަގެ ކެމެރާގައި ފޮޓޯ ރައްކާކުރީ ހަނދާނަކަށެވެ. ކުރިން ވިއްޔާ އެއާއިލާގެ ގްރޫޕަށް ލައެވެ. ފަހުން ލިޔަސް އެއްވެސް ކުއްޖަކަށް މުހިއްމުހެން ހީނުވުމާއެކު އޭނަ އެކަންތައް ހުއްޓައިލީއެވެ. އެހެންނޫނަސް އޭނަ ފޮޓޯތައް ލަނީ މުރުތަސިމްއަށް ދައްކަން ކަމަށްވެސް ހީކޮށްފާނެއެވެ.

ޒަހްރާ "ޚަޒާނާ ފޮށި" ހުޅުވާފައި އަހެދްއަށް ގޮވައިލިއެވެ.

"އަހެދް ކޯނޗެއް ބޭނުމީ؟"

"އެވަރުން ގަހަނާތައް ނޭޅިޔަސް މި އެއްޗެހި ފެނުނީމަ ވަރަށް އުފާވޭ...ބަލައިލަން ކިހާ ރީތި...ޖަވާހިރު ވިޔަފާރިވެރިއަކަށްވުމަކީ ހުވަފެނެއް.." އަހެދް ފުރަތަމަ ފަހަރަށް ޒަހްރާގާތު ހިތް ހުޅުވައިލިއެވެ. އޭނަ އެކި ޖަވާހިރުތައް ނަގާފައި ތައުރީފުކުރިއެވެ."މިއީ ކަނޑު ނީލަމެއް ދޯ..މިއީ ފީރޯޒެއް...އަގީދުވެސް ކިހާ ސަޅި ކުލައެއް.."

"މިއިން ފަށަންވީނު..."ޒަހްރާ ހިތްހެޔޮކަމާއެކު ބުނެލިއެވެ.

"ނޫން..މިއީ ހަމަ މިގޭ ކުދިންގެ ހައްގެއް. މިއިން އެންމެ ޖަވާހިރެއްވެސް ބޭނުމެއްނޫން..."އަހެދް ދެކޮޅުހެދިއެވެ."މަސައްކަތްކުރީމަ ކާމިޔާބުވާނެ އިންޝާﷲ....އަބަދުވެސް މަންމަ ބުނަމެއްނު...އެހެންވެ ހަމަ މި ބަލަނީ އެފަދަ ދުވަހެއް އަންނާނެކަމަށް ﷲގެ ބްލެސިންއާއިއެކު...."

"ތިއީ މަންމަގެ ދަރިއެއް...އެހެން ކުދިންނަށް ހައްގުއޮތް ވަރަށް އަހެދްއަށްވެސް ހައްގު އޮންނާނެ....."

އަހެދްގެ ޟަމީރު އެކަމާއި އެއްބަހެއްނުވިއެވެ.

***

ނައީމު ޓިކްޓޮކަށް ލާފައި އިން ވީޑިއޯއެއް ބަލާފައި ބާބިލް އަހެދްއަށް ދެއްކިއެވެ.

"ބޯހަލާކު...ނައީމްބެވެސް އަދި މި އުމުރުގައިވެސް ޓިކްޓޮކް ސްޓާރަކަށްވާހިތުން އެއުޅެނީ...ކޮންމެފަދަ ކަމެއްވެސް ކޮށްލަން ފަހެއްނުޖެހެއްނު. މިއޮތް ޖަހައިލި ރަތްކުޅުގަނޑެއްދޯ..."އަހެދް އޯކަށް ދަމަންފެށިއެވެ. އޭނަ ބޭރަށް ނިކުމެލީ ތާޒާ ވައިކޮޅެއް ހޯދައިލުމަށެވެ. މަތިންދާ ބޯޓެއްގެ އަޑު އިވުމުން އުދަރެހަށް ނަޒަރު ހިންގައިލެވުމާއެކު މުރުތަސިމްގެ މޫނު ސިކުނޑީގެ ސްކްރީނަށް އެރިއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ހިތުގައި ރިއްސައިލައެވެ.

"އަހެދް........."ބާބިލް ހަޅޭއްލަވައިގަތެވެ."އަވަހަށް އާދެބަލަ.....މި ނައީމްބެ އަހެދްގެ ފޮޓޯ ޓިކްޓޮކަށް ލައިގެން..."

އަހެދްގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު