ރާއްޖެ ކޮޅަށް ވަރުގަދަ ވިއެޓްނާމުން ހަތް ލަނޑު

ރާއްޖެއާ ވިއެޓްނާމް ކުޅުނު މެޗުގެ ތެރެއިން--

އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމް އަތުން 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވިއެޓްނާމް އަތުން ބޮޑު ތަފާތަކުން ބަލިވިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ވިއެޓްނާމުން ވަނީ ހަ ލަނޑު ޖަހާފައެވެ.

ކޮލިފައިންގައި ރާއްޖެ އޮތީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ވިއެޓްނާމާއި ރާއްޖޭގެ އިތުރުން ދެން ހިމެނޭ ގުއާމް އާއި ޔޫއޭއީ ވަނީ އިއްޔެ ކުޅެފައެވެ. މި މެޗު ނިމުނީ 0-0ގެ ނަތީޖާއަކުންނެވެ.

ވިއެޓްނާމް ވަނީ އެންމެފަހުން ބޭއްވި އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެ ޓީމުގެ ސްކޮޑުގައި އޮތީ ނިސްބަތުން މި ބައްރުގެ އެހެން ޓީމުތަކާ ބަލާއިރު ވަރުގަދަ ސްކޮޑެކެވެ.

ރަނގަޅު ލީގެއް ނެތް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން މި މެޗުގައި ދެއްކީ ރަނގަޅު ހިތްވަރެކެވެ. އެންމެ ފަހުން ރާއްޖޭގައި އަންހެން ލީގެއް ކުޅުނީ 2014 ވަނަ އަހަރެވެ. ދުނިޔޭގެ ރޭންކިންގެ 37 ވަނައިގައި އޮތް ވިއެޓްނާމުން މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު، ރާއްޖެއިން ބޮޑަށް ކުޅުނީ ޑިފެންސިވް ކުޅުމެކެވެ.

ރާއްޖެއިން ވަނީ 2022 ވަނަ އަހަރު އޭޝިއަން ވިމެންސް ކޮލިފައިންގައިވެސް ވިއެޓްނާމާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 16-0 ގެ ނަތީޖާއަކުންނެވެ. ވިއެޓްނާމް ވަނީ އާސިއާން ގޭމްސްގެ އަންހެން ފުޓުބޯޅައިން އަށް ފަހަރު ރަން މެޑަލް ހޯދާފައެވެ.

މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގެ ދަށުން ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަދުވަހު ބައްދަލުކުރާނީ ގުއާމްއާ އެވެ.

comment ކޮމެންޓް