"ގުރުއާނަކީ ހުރިހާ ރޫހާނީ ބަލިތަކަށްވާ ޝިފާއެކެވެ. ގުރުއާނަށް އެނބުރި އަައުމުން ތިބާގެ ރޫހަށް އާދިރުން ލިބި ސިކުނޑިއަށް ހަމަހިމޭންކަމާއި އަމާންކަން ލިބޭނެއެވެ."

***

މުސްލިމުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގެތައްވެސް ފުދޭވަރަކަށް ހިތްގައިމެވެ. އަދި މަގުތައް އެހާ ހިމޭންވެފައި އަމާނެވެެ. ޔޫސުފްގެ ގެވެސް އިމާރާތްކުރެވިފައިވަނީ ރަތްކުލައިގެ އީޓުންނެވެ. ހުދުކުލައިގެ ދަވާދުލާފައިވާއިރު ކުޑަ ބަގީޗާއަކުން ގޭގެ ޒީނަތްތެރިކަން ދެގުނަ އިތުރެވެ. ވަށިތަކުގައި މާތައް އިންދާފައެވެ. ވަންނަ ދޮރުގައި ޖަހާފައިވާ ފިލަގަނޑެއްގައި "ބިސްމިﷲ"އޮތުމުން ގެއަށް ވަންނަ މީހުންނަށް ބަރަކާތް ލެއްވުމަށް އެދޭފަދައެވެ. ޔަގީނުންވެސް އެފަދަ ލަފުޒެއް ފެނުމުން މުސްލިމުންގެ ހިތްތަކަށް ފިނިކަމެއް ލިބޭނެއެވެ. މުއްސަދި ސަގާފަތެއް އޮތް ތަނެއްކަން ޔަގީނެވެ.

ގޭތެރެވެސް ފަރުމާކޮށްފައިވަނީ އާއިލާއާއި ދީނަށް އަދި މެހުމާންދާރީކުރުން ވެސް ޚިޔާލުގައި ބަހައްޓައިގެންނެވެ. ތަނަވަސް ޖާގަހުރި އަދި އައްޔާއި ވައި ވަންނަގޮތަށް ހުރި ލިިވިން ރޫމެކެވެ. އީރާންގެ މޮޅު ދޫލައެކެވެ. ހިތްގައިމު މަޑު ސޯފާތަކެވެ. ފާރު ޒީނަތްތެރިކޮށްފައިވަނީ އަރަބި ކެލިގްރަފީއިންނެވެ. ރަން އަކުރުން ލިޔެވިފައެވެ. ގުރުއާންގެ އަޑު ބައެއްފަހަރު އިވޭގޮތުން އެގޭތެރޭގައި ހަމަހިމޭންކަމާއި ހިތްހަމަޖެހުން އެކުލެވޭ ހަކަތައެއް ދައުރުވާފަދައެވެ. ހަރުގަނޑުގައި ގިނައީ މެޑިކަލް ފޮތްތަކާއި ޅެން ފޮތްތަކެވެ.

ބަދިގޭ ސަރަހައްދު ވެސް ތަނަވަސްވެފައި އަށްމީހުންނަށް އެއްފަހަރާ ކެވޭކަހަލަ މޭޒެއް ކާބައިގާވެއެވެ. އެކުވެރިކަމާއެކު ދީލަތިކަން ވެސް ރަމްޒުކޮށްދޭ ފަދަ ތަނެކެވެ.

މަތީބައިގާ ނިދާކޮޓަރިތައް ވެސް ހުންނަނީ ތަރުތީބުންނެވެ. އެންމެ އިރުމަތީބައިގާ ނަމާދުކުރަން ޚާއްސަ ކޮޓަރިއެއްވާއިރު ވުޟޫކުރާ ބަޔެއް ވެސް އެތަނުގައިވެއެވެ. ގޭގެ ބިއްދޮށުގައިވާ ކުޑަ ބަގީޗާއަކީ ފެހި ވިނަތަކުން ލޮލަށް ފިނިކަން ގެނެސްދޭ ތަނެކެވެ. އީދު ދުވަސްފަދަ ޚާއްސަ ދުވަސްތަކާއި، ޕިކްނިކަށް ވެސް އެންމެ އެކަށީގެންވާ ތަނެކެވެ. ހަލާލް އެއްގަމުމަސް ވިއްކާ ތަންތަނާއި އިސްލާމިކް ސްކޫލްތައް ފިހާރަތައް އަދި ބޮޑު މިސްކިތަކާއިއެކު ލޯކަލް މާކެޓް ވެސް ހުންނަނީ ހިނގާފައިދެވޭހާ ދުރުމިނުގައެވެ.

ދޮރުތަކުގައިވާ ދަމާފައިވާ ފޮތިތަކުން އިރުގެ އަލިކަން ފުރާނާލާފައި ވަންނަމުންދާއިރު ފަރްޒާނާ ސައިތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. ކޮފީއާއި ސަޔާއެކު ޕާނާއި ބަޓަރ ޗީޒް އަދި މޭޕްލްސިރަޕްއާއި ޕޭންކޭކުގެ އިތުރުން ކޮންމެ މީހަކަށް ބިސްގަނޑެއް އަޅާފައި އޮތެވެ. އައްމާރު ގަމީހުގެ އަތުކުރި އޮޅަމުން އައިއިރު އެމޫނުމަތިން ފެންނަނީ ތާޒާކަމެވެ. ތަނުގައި ހިފައިލީ ސެންޓެއްގެ ލުއިވަހެވެ.

"ދަރިފުޅު...ޑޮކްޓަރ ސަބީހާގެ ދަރިފުޅަކީ ވެސް ޑޮކްޓަރެއް...އަދި ސިންގަލް..ޖަދަލުނުކުރާނެ. ކޮންމެ އެއްޗެއް ބުންޏަސް ފަހަތުން އެއްޗެކޭ ނުބުނާނެ.."

"އެމޭޒިން. މަންމާ...ދެމީހުން ވަރަށް ގުޅޭނެތާ...ސައިލެންޓްކޮށް އަނގައިން ނުބުނެ....ޓޫ ފާރންސްހެން...."

"އެކުއްޖާ ވަރަށް ނަލަ...."

"ފާރންސްވެސް އެހާ ނަލައޭ މަންމާ..."

"އަންހެންކުއްޖަކާއި ގަހަކާއި އަޅާ ކިޔޭނެތަ؟ދެން ކީކޭ ބުނާނީ......މިކުއްޖާގެ ފަރާތުން އެކަހަލަ އުއްމީދެއްކުރާނެ ކަމެއްނެތް..."ފަރްޒާނާ ބޯ ހޫރުވައިލިއެވެ. "އެހެންނޫނަސް ކިހިނެއް އަންހެންކުއްޖަކަށް މިހާ ގޮތްނޭގޭ ތަނެއްގައި އުޅޭނީ....ކޮންމެ އިރަކުވެސް......"

"އެކުއްޖާ ރޭގައިވެސް ނުނިދާ....ދެކޮޅަށް ހިނގާ އަޑު އިވުނު. އަމިއްލަ ނަފުސަށް ވާހަކަދައްކާފައި. އަނެއްކާ ބޮޑުކޮޓަރީގެ ފާރުގައިވެސް ލިޔެފައި އެބަހުރި...." ފަރްޒާނާގެ އަޑަށް މޮޅިވެރިކަމެއް ވެރިވިއެވެ.

"އަނެއްކާ މޭނިކް އެޕިސޯޑެއް ކަމަށްވާނީ.. ނިދުމުގެ އާދަ އޮޅުންބޮޅުން ކޮށްލީ....ގެއަށް އައިސް ވާހަކަދައްކާލާނަން.."

"ދަރިފުޅު އޭނަ ޑޮކްޓަރަށް ދައްކައިލަން ގެންދަންވީނު. އެެންމެނަށްވުރެ ބޮޑަށް އައްމާރު ގެ ބަސްވިކޭ...."

"ޑޮކްޓަރަށް ދާން ބުނެލެވިދާނެ. އެކަމަކު މަންމައަށްވެސް އެނގެއެއްނު. އާޒް ބޭނުމެއްނުވާނެ ބަލިމީހެއްހެން އޭނައާއިމެދު ކަންތައްކުރަން.."

"އެކަމަކުވެސް އެއީ ކޮއްކޮ ދޯ..."

އޭނަ މަންމައާއި ވާހަކަދައްކަން އިނދެ ނާސްތާ ނިންމައިލިއެވެ. އެތަނުން ނިކުމެގެން ދަމުން މަންމަގެ ނިތުގައި ބޮސްދިނެވެ.

އޭނަގެ ކޮއްކޮ އަޒިއެލްގެ ކޮޓަރީގައި ޓަކިދިނުމުންވެސް ޚަބަރެއްނުވިއެވެ. ދޮރު ހުޅުވައިލިއިރު އަޒިއެލް ލޯބޮޑުކޮށްލައިގެން ހުރެ ދެކޮޅަށް ހިނގަމުން ވަރަށް ފޯރިއާއެކު އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ދިޔައެވެ. ފޮތްތަކާއި ނޯޓްފޮތްތައް އެކި ދިމާލަށް އުކާލާފައެވެ. ޑެސްކްމަތީގައި މުސްހަފެއް ހުޅުވާލާފައި އޮތެވެ.

"ހޭއި އާޒް.....އޯކޭތަ؟" އޭނަ ކުޑަކޮށް ހިނިތުންވެލިއެވެ.

"އޯކޭއަށް ވުރެ ރަގަޅު...އަހަރެން ހުރިހާ އެއްޗެއް ގުޅުވާލައިފިން.. ވަގުތު،ހަކަތަ އީމާންކަން މިހުރިހާ އެއްޗެއް އެކަތި އަނެކައްޗާއި ހަމަ އެއް ލައިންގައި މިއުޅެނީ.."އަޒިއެލް ފޮތެއް ހުޅުވާލާފައި ދެއްކި ސަފުހާގައިވީ ޑައިގްރާމްތަކާއި އާޔަތްތަކެވެ. ހިތަށް އެރިގޮތަކަށް ލިޔެފައިވާއިރު ކިރިޔާ ކިޔަން އެނގެނީއެވެ.

އޭނަ އެނދުގެ މަގަތުގައި އިށީނެވެ. އެފޮތަށް އިރުކޮޅެއްވާން ދެން ބަލަން އިނީ ގަޔާވެފައެެވެ.

"އަހަންނަށްވެސް ގަބޫލުކުރެވޭ ޕެޓާންތަކެއް މީގެއިން ފެންނަކަން. އެކަމަކު ސިކުނޑި މާ ހަލުވިކޮށް ރޭސްޖަހަނީ ދޯ..ރޭގައި ނުނިދާ ތިހިރީ.... ނޫންތަ؟"

"އަހަންނަށް ނިދި ބޭނުމެއްނޫން. ދޮންބެއަށް އެނގެއެއްނު...ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ދަމުނަމާދަށް ހޭފުޅު ލައްވާކަން. މިގޮތަށް ހެދީމަ ﷲއާއި އޮންނަ ގާތްކަން އިތުރުވޭ...."

"ތަހައްޖުދު ނަމާދަށް ހޭލުމާއި އެތައް ދުވަހެއްވާންދެން ނުނިދާ ހުރުމާއި ތަފާތު..އަހަރެމެންގެ ރަސޫލާވެސް އަރާމުކުރެއްވި. އަރާމުކުރެއްވުމަކީވެސް ސުންނަތެއް.."

އޭނަގެ ވާހަކަތަަކުން ކުޑަކޮށް ބުމަ ގާތްކޮށްލިނަމަވެސް އަޒިއެލް ހުރީ އަޑުއަހައިގެންނެވެ.

މަޣުރިބުނަމާދަށްފަހު އާދައިގެ މަތިން އެންމެން އެގޭގެ ސިޓިންރޫމްގެ ސޯފާތަކުގައި އިށީދެލައިގެން ތިއްބެވެ.

"ދަރިފުޅަށް އެނގޭތަ؟ ތިހެން ހަމަޖެހިލައިގެން އިންނައިރު ބުނެލާ ކޮންމެ ލަފުޒެއްވެސް ހަމަ ވަރަށް ރަގަޅު. އެކަމަކު މާ މައްޗަށް އުދުހިގަތީމަ ބައްޕަމެން ބިރުގަންނަނީ ބާރަށް އައިސް ބިންމަތީގައި ޖެހިދާނެތީ..." ޔޫސުފް ބުނެލިއެވެ.

"އެކަމަކުވެސް ބޭސް ކާކަށް ބޭނުމެއްނޫން. އެއިން ހުރިހާ އެއްޗެއްވެސް ފޫހިއެއްޗަކަށް ހަދައިލާ...މިގޮތަށް ހުރީމަ މަގޭ ޚިޔާލުތައްވެސް ވަރަށް މާތްކޮށް ހުންނަނީ...." އަޒިއެލް އަވަހަށް ބުނެލިއެވެ.

"އާޒް....ކޮންމެހެން އާޒްގެ އަލިކަން ފަނޑުކޮށްލާކަށް ނޫން. ފުރާނަވެސް އަނދައިގެން ހިނގައިދާނެތީ އެކަމުން ސަލާމަތްކޮށްދޭން..." އައްމާރު ބުނެލިއެވެ. ވަޒީފާއިން އައުމަށްފަހު ގޭތެރޭގައި ލާ އުޅޭ ޓީޝާޓަކާއި ހަރުވާޅެއްގައި ހުރިއިރު ތުނިކޮށް ކޮށާފައިވާ ތުނބުޅިއާއި ގަދަ ބުމަ އަދި ތަނަވަސް ނިތްކުރިން ޝަޚުސިއްޔަތުގެ ވަރުގަދަކަން ފާހަގަކޮށްދެއެވެ.

ފަރްޒާނާ އަޒިއެލްގެ މޫނަށް ބަލަންއިންއިރު ލޮލުން ފެންނަނީ ލޯތްބާއި ކުލުނެވެ. ދަރިފުޅުގެ ސިކުނޑިއަކީވެސް ހަދިޔާއެއް. އެކަމަކު ހަދިޔާއާއިމެދުވެސް އަޅާލަންވާނެ..."

އަޒިއެލް ހިމޭންކަން ޚިޔާރުކުރިއެވެ. އޭނަ އައްމާރުގެ ކޮނޑަށް ލެނގިލިއިރު ވަރުބަލިވެ ނިންޖަށް ބޭނުންވެފައިވާވަރު ދެލޯވެސް ހެކިދިނެވެ. އަޒިއެލްގެ ދިރިއުޅުމުގެ ދަތުރު ގުދުލާފައިވާ މަގެއް ފަދައިން ބައެއްފަހަރު އެހާ ސާފެވެ. ބައެއްފަހަރު ހަމަ އެއާއި ވިއްދައިގެން އަނދިރިކަމާއި މޮޔަކަމުގެ ތޫފާން އާދެއެވެ. އޭނައަކީ ފަލްސަފާގެ ދަރިވަރެކެވެ. ޅެންވެރިއެކެވެ. ވަކި ހިސާބަކުން ކޮލެޖުން ކެނޑުނެވެ. ހިތްދަމައިގަންނަގޮތް ހުރުމާއެކު ހަލަބޮލިކަން އެކުވެފައިވާ ޒުވާނެކެވެ. ބައެއްދުވަހު ރޫމީގެ ކޮންމެވެސް ބަސްކޮޅެއް އޭނަގެ ކޮންމެވެސް އެކައުންޓެއްގައި ޖަހާނެއެވެ. އިލްމުވެރިންނާ އޮންލައިންކޮށް "އިލްމުލް ކަމާލް"އާއި ބެހޭގޮތުން ބަހުސްކޮށްފާނެއެވެ. އެއާއި ވިދިގެން އެތައް ދުވަހެއްވަންދެން ކޮޓަރީގައި ތަޅުލެވިގެން ނުކައި އޮވެދާނެއެވެ.

އައްމާރު އަޒިއެލްގެ ކޮޓަރިއަށް ވަންއިރު ދުންދަނޑިއާއި ކޮންމެވެސް ފަތްޕިލާވެލީގެ ވަހެއް ކޮރިޑޯގައި ހިފާލަފައިވިއެވެ. އަޒިއެލް ކޮންމެވެސް ތަޖުރިބާއެއްކުރިކަމުގެ ހެއްކެކެވެ.އެ ކޮޓަރީގެ ދޮރުގައި ކަރުދާސްގަނޑެއް ހަރުކޮށްފައި ގަވާއިދުތަކެއް ލިޔެފައިވިއެވެ.

"މިތަނަށް ވަދެވެނީ މި އެއްޗެހި ހިފައިގެން އައިމައެވެ. ހިމޭންކަން، ސައި އަދި ވުޖޫދާއި ބެހޭގޮތުން ތެދެވެ.

އައްމާރު މަޑުމަޑުން ދޮރުގައި ޓަކިޖަހައިލިއެވެ.

"ކާކު ފިލޯސަފަރަކަށް އުދަގޫކުރަނީ؟"

" ޔޯ އޯލްޑާ ބްރަދާ...ޕީސް ހިފައިގެން މިއައީ..ސައި ނެތް..އެކަމަކު ލެކްޗާއެއް އެބައޮތް.........."

"ހަމައެކަނި ލެކްޗާ ހިފައިގެން؟"އަޒިއެލް ކުޑަކޮށް ދޮރު ހުޅުވައިލިއެވެ."ވަރަށް ބަލިކަށި އޮފާއެއް ތިގެނައީ އެކަމަކު ވަދޭ."

އެކޮޓަރިތެރެ ހީވަނީ ހަވާދު ފިހާރައެއްގެ ތެރެއަށް ލައިބްރަރީއެއް ގޮވާފައިވާހެންނެވެ. އެކި ވައްތަރުގެ ފޮތްތައް އެކި ދިމާލުގައެވެ. ފަލްސަފާ، ދީނީ ފޮތްތައް، ސައިކޮލޮޖީ އަދި ޅެންފޮތްތަކެވެ. ކުޑަދޮރުގެ ފޮތިތައް ހުރީ ދަމާލާފައެވެ. އެކަމަކު ލާވާ ބައްތިއަކުން އަންނަ ނޫ އައްޔެއް އެތަނަށް ފެތުރިފައިވިއެވެ. އަޒިއެލް ބުނާގޮތުން އެ ބައްތިއަކީ އޭނަގެ އެތެރޭގައިވާ ޑައިމެންޝަންތަކާއި ވާހަކަދައްކަން އެހީވާ އެއްޗެކެވެ.

އަޒިއެލް ހުރީ ހުދުކުލައިގެ ޕިޖާމާއެއްލައިގެންނެވެ."މޭނިކް ހަފްތާ"އަށްފަހު އިސްތަށިގަނޑުވެސް މުޅިން ހާވާލައިގެން ތުނބުޅިވެސް ތަންކޮޅެއް ދިގުވެފައެވެ.އޭނަގެ އަތުގައި ގަލަމެއް އޮތެވެ. ނިތްކުރީގައި ރަތްކުލައިގެ ސްޓިކާއެއް ޖަހައިގެން ހުރި ސަބަބު އަހަން އެކަކަކަށްވެސް ލާހިކެއްނޫނެވެ.

"ރޭގައި ކިތައް ޔުނިވާސް ހުޅުވުނުތަ؟" އައްމާރު އެހިއެވެ.

"ތިނެއް..ފަހަރެއްގައި ހަތަރެއްކަން ނޭގޭ...އެކަމަކު އެކަތި ވީ ހަމަ ހުވަފެނަކަށް. އޭގައި މައްސަލަޖެހުނީ ބިރިޔާނީގަނޑު ޓަސްލާފައި މީހެއްގެ ސިފައަށް ބަދަލުވީމަ..."

"ހިތާމަހުރި..ފުޑް ހެލުސިނޭޓްވީމަ އެންމެ ދެރައީ..."

ދެމީހުން އެކީގައި ހޭންފެށިއެވެ. އެކަމަކު ހަމަ ކުޑަ ހިނދުކޮޅަކަށެވެ. އައްމާރު އެތަނުގެ ތެރެ ސްކޭންކޮށްލީ ކަންބޮޑުވެފައި އިނދެއެވެ. ހުރިހާ ނިޝާންތަކެއް އެބަފެނެއެވެ. އަނގަ ގަދަކަމާއި، ހަރަކާތްތައް އިތުރުވުން އަދި ނުނިދާހުރުމެވެ. އަދި މުޅިން މޭނިއާއެއް ނުވެއެވެ. އެކަމަކުވެސް އޭގެ ވަށަައިގެން އަޒިއެލް އެނބުރެމުންދަނީ ހަނދު މާ ކައިރިވާ ފަދައިންނެވެ. އޭނަ އެނދުގައި އިށީނީ އަޒިއެލްގެ ގުރުއާނާއި އަދި "ކުއަންޓަމް ފިޒިކްސް އެންޑް ސޫފިޒަމް ވޮލިއުމް ޓޫ" ޖަހާފައި އޮތް ފޮތަށް ގެއްލުމެއް ނުވާނެ ފަދައިންނެވެ.

"އާޒް......ރަގަޅަށް ނުނިދާތާ ތިންދުވަސްވެއްޖެ ދޯ......."

"ނިދުމަކީ ފުރާނަ އޯކޭކޮށް ހުރުމަށް ކުރާ އާދޭހުގެ ސަބަބުން ޑިޒައިންކޮށްފައިވާ ކެޕިޓަލިސްޓް އެއްޗެއް......އޯކޭ...އަހަންނަށްވެސް އެނގޭ...އެކަމަކު އަހަންނަށް......ނުނިދޭ... ހީވަނީ ސިކުނޑީގައި ހަޔެއްކަ ޓެބް ހުޅުވާލަފައި އެތަނުން އެކަތިން އަބަދުވެސް މަދަހައެއް ކިޔާހެން....."

"އާޒް ގެ ބަހުރުވައިގާވެސް މިހާރު އަލާމާތްތައް އެބަހުރި..."އޭނަ ހީލަމުން ޖިންސްގެ ޖީބުގައި އޮތް ބޭސްފުޅިއެއް ނެގިއެވެ." އަހަރެމެން މި ބޭސްތައް ކުޑަކޮށް އެޖަސްޓްކޮށްލަނިކޮށް ފަހަރެއްގައި ހަމަ ހެލްޕްއަކަށް ވެވިދާނެ. އޭގެ ފަހުން ރީއިވެލުއޭޓް...............'

"ތިބޭހުން ހުރިހާ އެއްޗެއް ކަޑަކޮށްލައޭ.. ކުލަތައް ފިލައިގެން ދޭ..ގުރުއާންގެ އަޑު ވެސް ތަންކޮޅެއް ފަޑުކޮށްލާ... ނަސްރުހެން...ގުގުރިހެން ވާން ބޭނުމީ........"

"އެނގޭ. އެކަމަކު މޭނިއާއަކީ ގުގުރިއެއްނޫން. އެއީ ފެތުރެމުންދާ ބޮޑު އަލިފާންގަނޑެއްފަދަ...އުދުހެވޭހެން ހީވިޔަސް ހަގީގަތުގައި ކޮންމެވެސް މީހެއްގެ ފުރާޅަށް ވެއްޓޭނީ...އާއްމުކޮށް އަހަރެމެންގެ.."

އަޒިއެލް ތިރިއަށް ބަލައިލިއެވެ." ކުރީފަހަރު އުދުހެމުން އޯޑަރުދިނިން ފަސް ގެލަންގެ އޯގަނިކް މާމުޔަށް އަދި ޕްރައިމް މިނިސްޓަރަށް ސިޓީއެއްވެސް ފޮނުވިން..."

"ސިޓީގައި ލިޔުނީ ކީކޭ؟"

"މަގޭ ތިއަރީ ބުނެދީފައި...މާމުއި ކުޅަދުރަކީ ޑިވައިން އެޖެންޓުން ކަމަށް ބުނިން......."

"ހޫމް. މަންމަ ގާތުގައިވެސް އާޒް ބުނީމެއްނު "އަޒިއެލް ދަ އިލުމިނޭޓެޑް ކިޔާށޭ ތިން ދުވަސްވާންދެން.."

ދެމީހުންވެސް ހީގަތްއިރު ތިރިން ފަރްޒާނާގެ އަޑު އިވުނެވެ.

"ދެމީހުންނަށް ވާ ވަރަށް ސަކަރާތް ޖެހިއްޖެއްޔާ ބައްޕަ އެބަ އައްސަވާ ވައިފައި ރޫޓާގައިި ރީދޫ އުނގުޅާފައި ހުރީ ކީއްވެހެއްޔޭ؟"

"އާހް....އެވީގޮތަކީ މާމުއި ކުޅަދުރުތައް ސިގްނަލް ފޮނުވަން މަސައްކަތްކުރީ. އެހެންވެ އަހަރެމެން ސަލާމަތް ކުރަން ވެގެން ކުރިކަމެއް......"

"ހެހެ......ނަސީބެއްނު ތިހާ ކިއުޓްވީމަ..."އައްމާރު ހީލިއެވެ.

އަޒިއެލް އެންމެ ފަހުން އެ ބޭސްފުޅި އަތުލިއެވެ. އަތުތެރޭގައި ބަހައްޓާފައި އަނބުރައިލިއެވެ. އިރުކޮޅަކަށް އޭނަގެ އަޑުގައިވި މަޖާކަން ކެނޑި މަޑުމޮޅިވިއެވެ.

"ޔޫ ތިންކް ﷲ ތައާލާ އިޒް ޑިޒަޕޮއިންޓެޑް އިން މީ؟"

"ދޮންބެއަށް އެހެން ހިޔެއްނުވޭ.އައި ތިންކް ﷲ ތައާލާ އާޒްއަށް ދެއްވީ މާ ބޮޑު ހިތެއް އަދި މާ ހަލުވި ސިކުނޑިއެއްހެން..އަދި އަހަރެމެންނަށް އާޒް ދެއްވީ ސްޓޭބަލްކޮށް ބަހައްޓަންހެން. އެނގެއެއްނު. ކޮންމެ ކަމެއްގެވެސް ހިކުމަތެއްވޭ......."

ދެމީހުންގެ ދޭތެރޭ ހިމޭންކަމުގެ ސުކޫތުކޮޅެއް ބަދަލުކުރެވުނެވެ. ނުތަނަވަސްކަމެއްނެތި އެފަދަ ވަގުތެއް ބަދަލުކުރެވޭނީ ހަމައެކަނި ދެބެންނަށެވެ.

"އަހަންނަށް މިއަދު ކީދާނެތަ ޑޮކްޓަރ އައްމާރު ދަ މައިލްޑްލީ ވައިސް؟"

"އާ އެކަމަކުު ބޭސް ކަންޏާ އިނގޭ...އަޒިއެލް ދަ އިލުމިނޭޓެޑް.."

ހުކުރުދުވަހު ރީދުލުގެ ހާދިސާ އެގޭގައި މާ ތާރީޚީ ނޫނަސް ފާހަގަކޮށްލެވޭފަދަ ފަސާނާއަކަށް ވެފައިވިއެވެ. ބައްޕަ ޔޫސުފް ނިންމީ ވައިފައި ރައުޓާ "ޝަހީދު"ވެއްޖެ ކަމުގައެވެ. އަޒިއެލް އެކަމާއިހެދި ރޭގަނޑު ކެއުމުގެ ގަޑީގައި ތައުސީފު ކުރިއެވެ. އޭގައި ހިމެނުނީ ޅެމަކާއި، ޑޭޓާ ޕެކެޖްތަކާއި އަދި އިލާހީ ނިންމުންތަކާއި ބެހޭ ތަމްސީލެކެވެ.

***

"ރިވާ ކޮޓެޖް"ގެ ފަސްވަން ފަންގިފިލާގައި ދެ އެޕާޓްމެންޓް ހުންނައިރު އެތަނުންް އެއްތަން ހުންނަނީ ކުއްޔަށް ދީފައެވެ. އެއީ މާހިރާއަށް ލިބުނު ފަންގިފިލާއެވެ. އޭގެ މަތީގައި ހުންނަނީ ކޮއްކޮ ލައިލާއަށް ވީ ބަޔެވެ. ޒަވާޖީ ހަޔާތް ނާކާމިޔާބުވުމުން އެބައި ކުއްޔަށް ދީފައި އޭނަވެސް އުޅެނީ މާހިރާއާއިއެކު އެބައިގައެވެ. ދެން އެތަނުގައި ދިރިއުޅެނީ މާހިރާގެ ދަރިފުޅު ޒޭބާ އާއި ދައްތައެއްގެ ދަރިއެއްކަމަށްވާ ކައިލާއެވެ. ކުޑައިރުއްސުރެ ކައިލާ ގެންގުޅުނީ މާމައެވެ. އަމިއްލަ ދަރިއެއްފަދައިންނެވެ. މާމަ ނިޔާވުމުންވެސް އެކުއްޖާ ދިރިއުޅެނީ މާހިރާއާއެކު އެގޭގައެވެ.

ސިޓިންރޫމް ތެރެއަށް ވެރިވެފައި އޮތީ ރީދޫ އައްޔެކެވެ. ސޯފާސެޓްގައި އަންހެންވެރިން އަލްޖަޒީރާ ޚަބަރު ބަލަން ތިބިއިރުވެސް އެކި ވާހަކަތައް ދައްކަމުން ދިޔައެވެ.

"ކައި....އެތައް ގަރުނެއްފަހުން މަންމަ ކައި ގެންދަން އުޅެނީ ކީއްވެ؟ އަންހެންދަރިއަކު ހުރިކަން އަދި ކިރިޔާ ދައްތައަށްވެސް އެނގުނީދޯ..... ކޮންމެހެން އެއްޗެކޭ ބުނާކަށް ނޫން. އެކަމަކު ކައި އޭރުވެސް ހުންނަންވާނީ މަންމަ ގާތުގައި ދޯ. ބައްޕަ ފިރިހެންދަރިންނާއިގެން ވަކިން އުޅުނީމަ ވީނު...އެކަމަކު ދައްތަވެސް ފިރިހެންދަރިންނަށް އިސްކަން ދިނީ. ކައި އެހާ ކުޑައިރު އެއްލާލާފައި........"މާހިރާ އިނީ ހިތްހަމަނުޖެހިފައެވެ.

"ޗުއްޓީއަކަށް އަންނަން މަންމަ އެދުނީ..ވަރަށް އަވަހަށް އެނބުރި އަންނާނަން އިންޝާﷲ......"ކައިލާ ހިނިތުންވެލުން ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ.

ލަންޑަނަކީ އޭނަގެ ހުވަފެނުގެ މަންޒިލްއެވެ. އެކަމަކު ބޮޑުދައިތަގާތު އެވާހަކަ ބުނާކަށް ނުކެރުނެވެ. އޭނަ ޑިގްރީއަށް ކިޔަވަން މަންމަމެން ގާތަށް ބަދަލުވުމާއިމެދު ޚިޔާލުކުރާތާ ދުވަސްކޮޅެކެވެ. އެއްވެސް މީހަކާއި އަދި އޭނަ ހިއްސާ ނުކުރާ ވިސްނުމެކެވެ. އަދި މަންމަ ގާތުގައި އުޅެވޭނެކަމުގެ ޔަގީންކަމެއްވެސް ނެތެވެ. އެ ހުވަފެނުގައި ކުލަ ޖެއްސެން އޮތީ އެކޮޅަށްގޮސް ކަންތައްވާ ގޮތަކުންނެވެ. އޭނަގެ ދުޢާއަކީ މަންމަމެންނާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުމެވެ.

އޭނަގެ ހިތުގައި މަންމައާއިމެދު އަނެއްހެން ޝަކުވާއެއްނެތެވެ. އޭނަ ދުރުގައި ބެހެއްޓީ ކީއްވެކަން އޭނައަށް އެނގެއެވެ. މަޖުބޫރުވީއެވެ.

"މަށަށް ހީވަނީ ކައިއަކީ ދައްތަގެ އުފަން ދަރިއެއްނޫންހެން.....ތަނަކަށް އެއްލާލާފައި އޮތްވާ ނަގައިގެން ބޮޑުކުރި ކުއްޖެއްހެން.......އެހެންޏަ. ކައި އެމީހުންނާއި ވައްތަރެއްވެސް ނޫން..އެލްމަންޑް ލޮލެއް ލާފައި ހުރުމުން ކުޑަކޮށް ޖަޕާނު ކުއްޖަކާއި ވައްތަރު، އަހަރެމެންގެ ފެމިލީގައި އެ ސަރަހައްދު އެއްވެސް މީހަކު އުޅެނީއެއްނޫން. ހަންވެސް އެހާ އޮމާންވެފައި އެކުދިންހެން ވިދާ..."

"އަޅެ މަންމާ....."ޒޭބާ ރާގެއްލާފައި ކިޔައިލިއެވެ."ސަމާސާއަށްވެސް އެކަހަލަ ވާހަކަދައްކަން ހެޔޮނުވާނެ..."

"ހަމަ ސީރިޔަސްކޮށް މިބުނީ...ކިތައް އަހަރު މިވީ؟ އެކޮޅަށް ގެންދަން ނުބުނާތާގައި ރާއްޖެއަށް އެމީހުން އައިއްޔާ ކީއްތަ ވާނީ؟ދައްތައާއިމެދު ހިތުގައި ޝަކުވާއޮތީއެއްނޫން.....އެކަމަކު.."

"މަންމާ. އާންޓްއަށް ހަމަ އުޒުރެއް އޮތީމައެއްނު...."

ކައިލާ ހަމަ މަޖާވެލާފައި ބަލަހައްޓައިގެން އިނީއެވެ.

"ކޮންދުވަހަކަށް ޓިކެޓްނެގީ؟" ލައިލާ ފޯނުން އަތް ދޫކޮށްލާއިރެއް ނުދެއެވެ. ސައިބޯން އިނދެވެސް ކޮންމެވެސް އެއްޗެއް ބެލުމަކީ ނުހުއްޓުވުނު އާދައެކެވެ. ޓީވީ ބަލަންއިނަސް ކިތަންމެ ސީރިޔަސް މައުޟޫއަކަށް ވާހަކަ ދެއްކިޔަސް އޭނައަށް އިނދެވޭނީ ފޯނުގައެވެ." ވިންޓާ ނިމޭއިރަށް ބާޒާރުކޮށްލަން ލަންޑަންވަރެއްނެތް. ހާދަ އަގުހެޔޮކޮށް އެއްޗެހި ލިބެން ހުރެއޭ...ދައްތަ އަހަންނަށްވެސް ޓިކެޓް ފޮނުވިނަމަ. މަވެސް ޗުއްޓީ ހަދައިލަން ބޭނުން......."

"އަހަރެމެންގެ މީހެއް ވިލާތުގައި ހުއްޓަސް ލިބޭ ފައިދާއެެއްނެތް. ޒޭބްވެސް މަންމަ ބުނާގޮތަށް ނެހެދީމަ ސްކޮލާޝިޕް ނުލިބުނީ. ފިޒިކްސްއިން ޓިއުޝަން ނަގަންބުނީމަ އެއްބަސްވިނަމަ ހުރިހާ މައްދާއިން އެއްވަނަ ލިބިގެން އިނގިިރޭސިވިލާތަށް ދެވުނީހެއްނު..އެކަމަކު މަންމައަށް ހީވަނީ ކޮންމެ ކަމެއްގައިވެސް ﷲގެ ހިކުމަތްތެރިކަން ބޮޑުވާނެ. އެންމެ ރަގަޅަށްކަމަށް ވެދާނެ އެހެން އެވީ..މަންމަވެސް ބޭނުމެއްނޫން ފަރަންޖީއިން ގެ ތެރެއަށްގޮސް އެތަނުން މީހަކާއި ހިތާވެގެން އިންނަން..ދީން ގެއްލިގެން ހިނގައިދާނެ...މަދީނާކަހަލަ ތަނަކަށްގޮސް ތިބުނާ އާޓިފެކްޗާ ކިޔެވޭނެއްނު..."

"އާކިޓެކްޗާ ދޯ...."ލައިލާ ރަގަޅުކޮށްލަދިނެވެ.

"އިނގިރޭސި ބަހުރުވަ އެމީހުން ކިޔާގޮތަށް ކޮންމެހެން ނުކިޔަސް ރަގަޅުވާނެ...ދޮންތަމެން ކިޔެވިއިރު އޯލެވެލް ހެދިޔަސް އެވަރުކަމެއް ނުހުރޭ......މަންމަ އޭރުވެސް ބަލިކަމުން އެހާ ރަގަޅަށް ނުކިޔެވުނީ. އެކަމަކު އިނގިރޭސިންނާއި ވާހަކަދައްކަން ޖެހިއްޖެއްޔާ ފަހަތަކަށް ނުޖެހޭނަން........އެހެންނޫނަސް ކޮންބަޔެއްތަ އެއީ؟ ފަޚުރުވެރިވާންޖެހޭ ބަޔެއްތަ؟ މާފޮނިވެެން އެއުޅެނީ؟އަބަދުވެސް އެމެރިކާއާއި އެއްކޮޅަށް އަރާނެ މުސްލިމް ގައުމަކަށް ހަމަލާދެންޏާ..މިހާރުވެސް އެދައްކަނީނު. މި ނޫން މަންޒަރެއް ނުފެންނާނެ......."މާހިރާ ޓީވީއަށް އިޝާރާތްކޮށްލިއެވެ.

ރޭގަނޑު ކެއުމަށްފަހު ކައިލާއާއި ޒޭބާ ކޮޓަރިއަށްވަނެވެ. ނިދާ ހެދުން ލައިގެން އެނދުގައި ޖައްސައިލީ ބޮކިތައް ނިވާލާފައެވެ. ބޯކޮށް ވާރޭ ވެހެމުންދާ މަންޒަރު ކުޑަދޮރުން ފެނެއެވެ. ފިނިގަދަކަމުން ރަޖާއަޅާލައިގެން ތިބެ ދެކުދިންވެސް ބަލަން ފެށީ ޔޫޓިއުބްގައިވާ ލަންޑަންގެ ވީޑިއޯތަކެވެ.

"ސުބުހާނަﷲ. އެކަމަކު ހާދަ ރީއްޗޭ.....އަހަރެންވެސް ކޮންމެވެސް ދުވަހަކުން ފައިސާ އެއްކޮށްގެން ދާނަން އިންޝާﷲ. އަދި އެވަރުގެ ވަރުގަދަ ޑްރީމެއް ކޮމްޕްލީޓްވާން ފަސްވަރަކަށް އަހަރު ނަގާނެ...ޔޫރަޕް ޓުއާއެއް ނަގަން ބޭނުމީ...އެކަމަކުވެސް ލަންޑަންއަކީ ހަމަ ފޭވެރިޓް..."

"ސިއްރެއް ބުނަންތަ؟" ކައިލާގެ ހިނިތުންވުމުން އެ ކޮޓަރިވެސް ދިއްލުނެވެ.

"ވަޓް؟" ޒޭބާއަށް މޫނުގައި އަތްތިލަ ޖައްސައިލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު