ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ނަމުން, ސިންގަޕޫރުގެ ނެޝެނަލް އޯކިޑް ގާޑެންގައި އޯކިޑް މަލަކަށް މިއަދު ނަން ދީފިއެވެ.
ރައީސާއި އަނބިކަނބަލުން އިއްޔެ ވަނީ ފުރަމާނަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. ދެކަނބަލުން އެ ގައުމަށް ވަޑައިގަތީ ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށެވެ.
އެ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސާއި އަނބިކަނބަލުން ވަނީ ސިންގަޕޫރުގެ ނެޝެނަލް އޯކިޑް ގާޑަންއަށް ޒިޔާރަތް ކުރައްވާފައެވެ. އެ ބަގީޗާގައި އައު 'ހައިބްރިޑް' ބާވަތެގެ އޯކިޑަކަށް ވަނީ 'މުހައްމަދު މުއިއްޒު ސާޖިދާ މުހައްމަދު'ގެ ނަން ދީފައެވެ.
ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަަންއަކީ އެ ބަގީޗާއަށް ޒިޔާރަތްކުރައްވާ ދައުލަތުގެ އިއްޒަތްތެރިންގެ ނަމުގައި އޯކިޑް ހައިބްރިޑްތަކަށް ނަން ދިނުމުގެ ދިގު ތާރީޚެއް އޮންނަ ތަނެކެވެ. އެ އޯކިޑްތައް ބަހައްޓަނީ އެ ބަގީޗާގެ 'ވީއައިޕީ އޯކިޑްސް' ކަލެކްޝަންގައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ނަމުން ވެސް މީގެ ކުރިން އޯކިޑަކަށް ނަން ދީފައިވެއެވެ.
ރައީސް އޮފީހުން ވަނީ ރައީސާއި އަނބިކަނބަލުން އޯކިޑް ގާޑަންއަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރީންގެ ފޮތުގައި ސޮއިކުރައްފައި ވާކަމަށާއި އެ ދެކަނބަލުންނަށް ގާޑަންގެ ތާރީޚާ ގުޅޭ މަޢުލޫމާތު ދީފައި ވާކަމަށްވެސް ބުނެފައެވެ.

ރައީސާއި އަނބިކަނބަލުން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަަންގައި: ދެކަނބަލުންގެ ނަމުން އޯކިޑަކަށް ވަނީ ނަން ދީފައި -- ފޮޓޯ/ ރައީސް
ރައީސްގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސާއި އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ބައްދަލުކުރެއްވުންތަކުގައި ދެ ގައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
މި ދަތުރުފުޅުގައި ރައީސް، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެއެވެ.