މުއްތަލިބު، ކުޑޫއަށް: ފުލެޓް ނުދެވެނީ މަސައްކަތް ނުނިމޭތީ، ދޮގު މައުލޫމާތު ނުފެތުރުމަށް ސަމާލުވެދެއްވާ

ފުލެޓުތަކުގެ މޮޑެލް ރައީސާއި މުއްތަލިބު ބައްލަވަނީ: ފުލެޓުތައް ނުދެވެނީ މަސައްކަތްތައް ނުނިމޭތީ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސަރުކާރުގައި އިއުލާންކުރި ބޯހިޔާވަހިކަމުގެ ސްކީމް، ގެދޮރުވެރިޔާގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓު ނުދެވި ލަސްވަނީ އެ މަސައްކަތް ނުނިމޭތީ ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ހައުސިން މިިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މުއްތަލިބް މިފަދައިން ވިދާޅުވީ، ފުލެޓު ދިނުން ލަސްވާ ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެންނެވެ.

އެ ސްކީމުން ފްލެޓު ލިބޭ މީހުން މިދިޔަ ސަރުކާރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަނޑައެޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މަސައްކަތް ކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެފައެވެ.

އެއަށްފަހު މި ސަރުކާރުން އެ ފޯމުތައް އަލުން ރީއިވެލުއޭޓް ކުރިއެވެ. ނަމަވެސް، މިދިޔަ މެއި މަހުގެ 25ވަނަ ދުވަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މި ފްލެޓު ދޫކުރުމުގައި ބަލާނީ، މިދިޔަ ސަރުކާރުން 2023ވަނަ އަހަރުގެ ނޮވެމްބަރު 15ގައި އާންމުކުރި ލިސްޓަށް ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، މިކަމުގައި މިދިޔަ ސަރުކާރުން އެއްވެސް ގޯހެއް ހަދައިފައި ނެތްކަން މިހާރު ސަރުކާރުން ވެސް ގަބޫލުކޮށް، ރައްޔިތުންނަށް ވެސް އެކަން ހާމަވެފައި ވާކަމަށެވެ.

https://sun.mv/207976

ނަމަވެސް، މިއަދާ ހަމައަށް ވެސް ފްލެޓު ހަވާލުކުރުމުގެ އެއްވެސް މަަސައްކަތެއް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ ލިޔުއްވާފައި ވަނީ، މިއީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އަދި ފްލެޓުތައް ހަވާލުކުރުން އިތުރަށް ލަސްކުރާ ނަމަ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ނިކަމެތިވެ، ނަތީޖާއެއްގެ ގޮތުން އިޖްތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އޮތްކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ.

މި މައްސަލަ ކުއްލި މައްސަލައަކަށް ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ.

މިކަމާ ގުޅިގެން މުއްތަލިބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމާ ގުޅިގެން ދޮގު ޚަބަރު ނުފެތުރުމަށް ސަމާލުވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ވަރަށް ގިނަފަހަރު ދަންނަވައިފައި ވާނީ ފްލެޓު ހަވާލު ނުކުރެވެނީ މަސައްކަތް ނުނިމޭތީ ކަމަށް އަދި ޖުލައި މަހުން ފެށިގެން މި މަސައްކަތް ނިމޭވަރަކުން ފްލެޓު ހަވާލުކުރަމުން ގެންދާނެ ކަމަށް. މަސައްކަތް ކުރަނީ ކުރިއަށް އޮތް ހަފުތާތަކުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އެފްޑީސީއާއި މިނިސްޓްރީ ގުޅިގެން ފަށަން،" ހައުސިން މިިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު ހަތަރެއް، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

އެހެންނަމަވެސް އޭސީސީން ބުނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ.

އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.

އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ފުލެޓް ގެއްލުނު މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވީ، ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.

މި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އޮފިޝަލުން ވަނީ ފްލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައެވެ.

comment ކޮމެންޓް