ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ފުރުސަތު ދިނުމަށް، އެމްއެންޔޫއިން ހޯޓިކަލްޗާ ސެޓްފިކެޓް ކޯހެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ: އެމްއެންޔޫގައި ދަނޑުވެރިކަމުގެ ދާއިރާއިން އެޑްވާން ސެޓްފިކެޓު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި -- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ފުރުސަތު ދިނުމަށް، އެމްއެންޔޫއިން ހޯޓިކަލްޗާ ސެޓްފިކެޓް ކޯހެއް

ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަރަން ބޭނުންވާ މީހުންނަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އެޑްވާންސްޑް ސެޓްފިކެޓް އިން ހޯޓިކަލްޗާ ކޯހަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހޯޓިކަލްޗާއަކީ ކުދި ޖާގަތަކުގައި ތަރުކާރާއިއާއި މޭވާއާއި ބަގީޗާ ގަސް އިންދުމުގެ ދާއިރާއެވެ.

އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީން ފޯރުކޮށްދޭ ހޯޓިކަލްޗާ ޕްރޮފްރާމުން ގަސްގަހާގެހި އާލާކުރުމާ ގުޅޭ އަސާސީ މައުލޫމާތާއި ހުނަރު ދަސްކޮށްދޭނެ ކަމަށެވެ. އެ ޕްރޮގްރާމަކީ އެމްއެންޔޫއިން މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އިލްމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ކޯހެއްކަން އެ ޔުނިވާސިޓީން ފާހަގަކުރިއެވެ.

އެމްއެންޔޫގެ ހޯޓިކަލްޗާ އިން އެޑްވާންސްޑް ސެޓްފިކެޓަކީ ލެވެލް ހަތަރެއްގެ ސަނަދެކެވެ. އެ ސަނަދު ހާސިލުކުރުމަށް 120 ކްރެޑިޓް ޕޮއިންޓް ބޭނުންވާނެ ކަމަށާއި އާންމު ގޮތެއްގައި މި ޕްރޮގްރާމް ފުރިހަމަކުރުމަށް އެއް އަހަރު ދުވަސް ނަގާނެކަން އެ ޔުނިވާސިޓީން ފާހަގަކުރިއެވެ.

އެ ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް އެ ދާއިރާއަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރު ލިބި، ދާއިރާގައި ދިމާވާ މައްސަލަތަކަށް ޢަމަލީ ގޮތުން ހައްލު ހޯދުމަށް މަގުފަހިވާނެ ކަމަށްވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެ ޔުނިވާސިޓީއިން މިހާރު ވަނީ، މި އަހަރުގެ އޯގަސްޓް އިންޓޭކަށް އެ ކޯހަށް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާފައެވެ. އަދި އެޕްލިކޭޝަން ބަލައިގަތުން އަންނަ އޯގަސްޓު މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.

ޕްރޮގްރާމްގެ މައިގަނޑު ކަންތައްތައް:

  • މަންހަޖު: މި ކޯހުގައި ގަސްގަހާގެހި އާލާކުރުމުގެ އުސޫލުތަކާއި، ގްރީންހައުސް ބެލެހެއްޓުމާއި، ބަލިތަކާއި ގަހަށް ގެއްލުންދޭ ސޫފާސޫފި ކޮންޓްރޯލްކުރުމާއި، އާބަން ހޯޓިކަލްޗާ ހިމެނޭ
  • ކިޔަވައިދިނުން: މި ޕްރޮގްރާމް ހިންގަނީ (އޮންލައިން އަދި ކްލާސްރޫމްގައި ހިންގާ ކްލާސްތައް ހިމެނޭ ގޮތަށް) ފުލްޓައިމްކޮށް
  • ޝަރުތުތައް: ޖީސީއީ އޯލެވެލް/އެސްއެސްސީ އިން ތިން މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވުން ނުވަތަ 18 އަހަރު ފުރި، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގުން
  • ކިޔަވައިދޭ ބަސް: އިނގިރޭސި ބަސް
  • އެކްރެޑިޓޭޝަން: މި ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމެއް
  • ފެކަލްޓީ: މި ޕްރޮގްރާމް ހިންގަނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފްއީއެސްޓީ) އިން. މި ފެކަލްޓީ އުފައްދައިފައިވަނީ ފެކަލްޓީ އޮފް ސައިންސް އާއި ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ އެއްކޮށްލައިގެން.

ފާހަގަކޮށްލެވޭ ގޮތުގައި، ހޯޓިކަލްޗާއިން ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށް ޓަކައި އެމްއެންޔޫއިން ވަނީ ޔުނިވާސިޓީގެ ކެމްޕަހުގައި 'ކިޗަން ގާޑެން' ހަރަކާތެއް ތައާރަފުކޮށްފައެވެ.

މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުން އިތުރުކުރުމަށް ޓަކައި އެމްއެންޔޫއިން ތަފާތު ކޯސްތަކަށް ފުރުސަތު ހުޅުވާލައިފައިވެއެވެ.

comment ކޮމެންޓް