މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ވަނީ، އެ ހޮސްޕިޓަލުގައި ކުރިއަށްގެންދާ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލުމުގެ 15 ފުރުސަތެއް އިއްޔެ ހުޅުވައިލައިފައި ވާކަމަށެވެ.
މި އިންޓާންޝިޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިން ފޯމެއް ހުޅުމާލެ ހޮސްޕިޓަލުގެ މެއިލްއަށް އީމެއިލްކޮށްގެންނެވެ.
މި ފޯމު އެ ހޮސްޕިޓަލުގެ ވެބްސައިޓުންނާއި ގެޒެޓުން ލިބޭނެއެވެ.
އިންޓާންޝިޕަށް އެދި ހުށަހެޅުމުގެ ޝަރުތުތައް:
- މެޑިކަލް ކޮލެޖް ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
- ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން
މި ޕްރޮގްރާމަށް ކުރިމަތިލާ މީހުންގެ ތެރެއިން 15 އަށްވުރެ ގިނަ ފަރާތުގެ ޝަރުތުހަމަވާ ނަމަ، ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މެއިލް ފޮނުވާ ތަރުތީބަށް ބަލައިގެން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މެޑިސިން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވުމާ އެކު، ތަޖުރިބާގެ އިންޓާންޝިޕްތަކަށް އޮންނަ ޑިމާންޑް ވަނީ ބޮޑުވެފައެވެ. މިވަގުތު މާލޭ ސަރަހައްދުގައި މިފަދަ އިންޓާންޝިޕްތައް ފުރިހަމަ ކުރެވެނީ އައިޖީއެމްއެޗުންނެވެ. ނަމަވެސް، އެ ހޮސްޕިޓަލުގައި ވެސް ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
އަމިއްލަ ގޮތުން މި އިންޓާންޝިޕް އޭޑީކޭގައި ފުރިހަމަ ކުރެވެއެވެ. ނަމަވެސް، މި ޕްރޮގްރާމަށް މަހެއްގެ މައްޗަށް 14،500 ރުފިޔާ ދައްކަން ޖެހޭތީ އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.
މިދިޔަ މަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ މެޑިކަލް އިންޓާންޝިޕަށް ހުޅުވައިލައިފައެވެ.