ހަންކެޑެ: ސްކޭމެއް ނުނިމި އައްޑޫގެ ޖީލެއް ނިމެނީ

ހަންކެޑެ ތަރައްގީކުރަން އެކި ސަރުކާރުތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، އެ މަސައްކަތްތައް ކުރިއަށްގެންގޮސްފައެއް ނުވޭ --

ވިލިނގިލި ހަދަނީ! ހެރެތެރެ ނިމެނީ! ހަންކެޑެ ފަށަނީ!

މިއީ 2006 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12-13 ވަނަ ދުވަހު ނެރުނު ހަވީރު ނޫހުގެ ސުރުހީއެކެވެ. އައްޑުއަށް ނިސްބަތްވާ, ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީ, އެ ސުރުހީ ޖެއްސެވީ, އޭރު ވެރިކަން ކުރައްވަމުން ގެންދެވި, ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީއާ އިންޓަވިއޫ ކުރެއްވުމަށް ފަހުގައެވެ.

މިއީ އޭގެ 19 އަހަރު ފަހެވެ. ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫގައި ޓޫރިޒަމް ފުޅާކުރާ ވާހަކައާއި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދު ކޮށްގެން, ހަންކެޑެ ތަރައްގީ ކުރާ ވާހަކަ ދައްކަން ފެށީ އޭގެ ވެސް މާ ކުރިންނެވެ. އެ ވާހަކަ ދައްކަދައްކާ ތިއްބައި އުފަންވި ކުދިން ބޮޑެތިވެ, މީހުންނާ އިނދެ ދަރިން ވެސް ހޯދައިފިއެވެ. އެ ލިބުނު ދަރިން ވެސް މިހާރު ބޮޑެތި ވަނީއެވެ. ނަމަވެސް އަދިވެސް ހަންކެޑޭގެ ހުވަފެން އޮތީ ބިލާހެއްގެ ގޮތުގައެވެ.

ހަންކެޑެ---

ރައީސް މައުމޫނަށް ފަހު ވެރިކަން ކުރެއްވި ރައީސް މުޙައްމަދު ނަޝީދާއި, ރައީސް އަބްދުالله ޔާމީނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް އައްޑޫގެ ރައްޔިތުންނަށް ސިޔާސީން ދިން އެންމެ ބޮޑު އެއް އުއްމީދަކީ ހަންކެޑެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު ވެސް ހަމަ އެގޮތެވެ. ރީތި ކުރެހުންތަކާއި ޕްރެޒެންޓޭޝަންތައް ކިތަންމެ ވަރަކަށް ވެސް ދައްކައިފިއެވެ. ބޮޑެތި އަދަދުތައް ކިޔުއްވައި ލައްކަ ހެޑްލައިންތައް ވެސް ހަދައިފިއެވެ. ނުވަނީ އެކަމެވެ.

ވައުދާއި އަހުދުގެ ޓައިމްލައިން

ހަންކެޑެއަކީ އައްޑޫ ސިޓީގެ ދެކުނު ފަރާތުގައި ގުދުރަތީ ގޮތުން ވަކިން އުފެދިފައި އޮންނަ ދިގު، ފަޅު ރަށެކެވެ. މުޅިން ވަކިން އޮތް ނަމަވެސް މަރަދޫއާއި އެ ސިޓީގެ ލިންކް ރޯޑް ނެޓްވޯކާ ސީދާ ގުޅިފައިވާ ރަށެކެވެ. ފަޅާއި ކަނޑުގެ ސަރަހައްދާ ގުޅިފައިވާ މި ރަށުގެ ޚާއްސަ ކަމަކީ މިއީ އައްޑޫ ސިޓީގައި ރިއަލް އެސްޓޭޓް ޓުއަރިޒަމާއި ބީޗްފްރަންޓް ރިސޯޓްތަކާއި ލަގްޒަރީ ޑިވެލޮޕްމަންޓަށް އެންމެ ކަމުދާ ގޮތަށް އޮތް ރަށަށް ވުމެވެ. ގަންއިންޓަނޭޝަނަލް އެއާޕޯޓާ ވެސް ދުރު ނޫން, އަދި ފަހުން ހަދައި ބޭނުން ކުރަން ފެށި, ހަންކެޑެ ބްރިޖް ފަދަ އިންފްރާސްޓްރަކްޗާތަކާއެކު މިރަށަކީ ރާއްޖޭގެ ފަތުރުވެރިކަން ޑީސެންޓްރަލައިޒްކޮށް، އެންމެ ދެކުނަށް އިގްތިސާދީ ކުރިއެރުން ގެނައުމަށް ވަރަށް ބޮޑު ސްޓްރެޓެޖިކް ވެލިއުއެއްއޮތް ރަށެކެވެ.

https://www.sun.mv/190939

ސިޔާސީ ޕްރެޝަރެއް ނެތި, ބޭނުންކަމެއް, ބޭނުންއިރަކު, ބޭނުން ގޮތަކަށް ކުރުމުގެ ފުރުސަތު އޮތް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހަންކެޑެއަކީ މަރަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި މަރަދޫ މީހުންނަށް ގޯތި ދޭން ވެސް އުޅުނެވެ. ނަމަވެސް އައްޑުއަކީ ފަޅު ރަށްތައް މަދު އަތޮޅަކަށް ވުމުން ހަންކެޑެ ހަމައެކަނި ޓޫރިޒަމަށް ޚާއްސަ ކުރަން އެ ސަރުކާރުން ވެސް ފަހުން ނިންމިއެވެ.

ހަންކެޑޭގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ މައުމޫންގެ ވެރިކަމުގައި ހަވާލުކުރީ 2005 ވަނަ އަހަރު ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. އަށާރަ މަސް ތެރޭ ނިންމަން ހަވާލުކުރި އެ މަސައްކަތް އެ ކުންފުނިން ނިންމާފައިނުވާތީ ކުންފުނި ޖޫރިމަނާކޮށް 2008 ވަނަ އަހަރު މަސައްކަތް ހަވާލު ކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްވެސް ކުރިއަކަށް ނުދިޔައެވެ.

ދެހާސް ތޭރަވަނަ އަހަރު ހަންކެޑެ ތަރައްގީކުރަން އަނެއްކާވެސް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ކުންފުނިން ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންތައްވެސް އާންމު ކުރިއެވެ. ސިންގަޕޫރު ކުންފުނިން ނިންމާފައި އޮތީ ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީ ކުރުމަށެވެ. އެކަމެއް ވެސް ނުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހަންކެޑެ ތަރައްގީ ކުރަން, ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލު ކޮށްފައެވެ. އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއު އެ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފައެވެ. ހަންކެޑެ ހުރިހާ ގޮތަކުން ވެސް ތަފާތު މަންޒިލަކަށް ވާނެ ކަމަށް ބުނެ މި މަޝްރޫޢު އިއުލާނުކޮށް، މި މަޝްރޫއުގެ ޑިޒައިންގެ ފޮޓޯ ހިއްސާކުރަމުން، އެ ސަރުކާރުން ބުނީ މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގައި ހަންކެޑެއަށް ޓޫރިޒަމް ގެންނަން, އެ ރަށާއި މަރަދޫ އަދި ހިތަދޫ ވަކިކޮށް, ބޮޑު ހޭދައެއް ކޮށްގެން ބްރިޖެއް އެޅިއެވެ. އެއީ ހަންކެޑެއަކީ މީހުން ދިރިއުޅޭ ރަށްތަކާ ވަކިން އޮންނަ ރަށެއްގެ ގޮތުގައި ހަދައި ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ހުރަހެއް އޮތްނަމަ އެކަން ނައްތާލުމަށެވެ. އެ ބްރިޖު މި ސަރުކާރުގައި ވަނީ ބޭނުން ކުރަން ވެސް ފަށައިފައެވެ. ނަމަވެސް ހަންކެޑެ ތަރައްގީކުރުމުގެ އެއްވެސް ކަމެއް އެމްޑީޕީގެ އެ ވެރިކަމުގައި ވެސް ނުހިނގިއެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ހަންކެޑެ މަޝްރޫއުގެ ބިންގާ އެޅުން--


ރައީސް މުއިއްޒުގެ މި ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހަންކެޑޭގައި ފަސް ގިންތީގެ ހޮޓެލް ތައާރަފުކުރާނެކަން އިއުލާން ކޮށްފައެވެ. އަދި އެ އަހަރު ބޭއްވި މަޖިލިސް އިންތިޚާބާ ދިމާކޮށް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވައި, ބަޑިބޭހުގެ ކުޅިވަރުތަކާއެކު ހަންކެޑެ މަޝްރޫއުގެ ބިންގާ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެޅިއެވެ.

ބިންގާ އަޅުއްވައި ދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މި މަޝްރޫއުގެ ވާހަކަ 2008ވަނަ އަހަރުން ފެށިގެން އަޑު އެހި ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ދެ ހަފުތާ ތެރޭ ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"20،082 އެނދު އެއީ މި ޕްރޮޖެކްޓުގެ ވައުދަކީ. 20،082 އެނދާއެކު އުފެދިގެން މި އަންނަނީ 1986 ސީދާ ވަޒީފާ،" އިހުސާނު ވިދާޅުވިއެވެ.

އޭނާ އެ ރޭ ވިދާޅުވީ، މި މަޝްރޫއުގައި ރައީސް މުއިއްޒު ގެންގުޅުއްވަނީ ތަފާތު ތަސައްވުރެއް ކަމަށެވެ. އެގޮތުން މި މަޝްރޫއު ނިމޭއިރު، ސަރަހައްދީ ތަރައްގީ އައްޑޫއަށް އައިސް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޝްރޫއާ އެކު އައްޑޫގެ ހޯލްސޭލް ރީޓެއިލް ދާއިރާއާއި ފުޑް އެންޑް ބެވަރެޖް އިންޑަސްޓްރީ ވެސް ކުރިއަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ވިދާޅުވި ދެ ހަފުތާގެ ތެރޭގައި އަމަލީ އެއްވެސް މަސައްކަތެއް ނުފަށައެވެ. އެ ޕްރޮޖެކްޓް އޮތީ ހުއްޓިފައެވެ. އެންމެ ފަހުން އިއްޔެ ސަރުކާރުން މި ވަނީ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ހަންކެޑެ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. ކުރިން ދެއްކި ފޮޓޯތަކާއި އިއުލާން ކުރެއްވި ޕްލޭންތަކަށް މިހާރު ވީ ގޮތެއްވެސް ނޭނގެއެވެ.

އައްޑޫ ރައްޔިތުން "ސްކޭމެއްގައި"

ރާއްޖޭގެ ނިސްބަތުން ބަލާއިރު އައްޑޫގެ ރައްޔިތުންނަކީ ޒަމާނުންސުރެވެސް ތައުލީމީ, އަދި ހޭލުންތެރި ބައެކެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ވެސް އަދި އެންމެ މަތީ ތައުލީމު ހާސިލްކޮށްގެން ތިއްބެވި މީހުންގެ ތެރޭގައި ވެސް, އަދި އެންމެ ތަނަވަސް ބޭފުޅުންގެ ތެރޭގައި ވެސް އައްޑޫ މީހުން ގިނައެވެ. ސިޔާސީ މީހުންނަށް އެ ސިޓީ ވަރަށް ވެސް މުހިންމު ވަނީ އެއީ ގާތްގަނޑަކަށް 33000 އެއްހާ މީހުންގެ އާބާދީއަކަށް ވާތީއެވެ. ނަމަވެސް އެއޮތް ބޮޑު އާބާދީއަށް ހުވަފެނަކަށް ފަހު ހުވަފެނެއް ދައްކާތާ އެތައް ޒަމާނެއް މިވަނީ ވެފައެވެ.

https://www.sun.mv/207955

ރާއްޖޭގެ ގިނަ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ގިނައިން ތިބި ދިވެހީންނަކީ އައްޑޫ މީހުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެކަމަކު އެ މީހުންގެ އުފަން ފަސްގަނޑުގައި އަދިވެސް ޓޫރިޒަމް ރަނގަޅަށް ހިނގައެއް ނުގަނެއެވެ. މިހާރު ހިންގަމުން އަންނަ ހެރެތެރެއާއި އީކުއޭޓާ ވިލެޖާއި ގެސްޓްހައުސްތަކަށް ވެސް ޑިމާންޑް ވަރަށް ދަށެވެ. ހަންކެޑޭގެ ހުވަފެން އަބަދު ދައްކާއިރު, ޑޮލަރާއި ޕައުންޑް ލިބޭނެ ކަމަށް ސިޔާސީން ބުނާއިރު އެކަން ވާ ގޮތެއް ނުވެއެވެ.

ގޮންޖެހުންތައް ކިތަންމެ ބޮޑު ނަމަވެސް އައްޑުއަށް ޓޫރިސްޓުން ގެންދިއުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެކަކަށް, އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަމޯލްޑިވްސް ފިރާގު) ވާނެއެވެ. އައްޑޫ މީހަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ފިރާގުގެ މަސައްކަތުން މިހާރު ވެސް އައްޑޫ އާއި ސްރީލަންކާ ދެމެދު ޑައިރެކްޓް ފްލައިޓް އޮވެއެވެ. ސްރީލަންކަންއިން ހަފުތާއަކު ދެ ދަތުރު ކުރަމުން އެ އަންނަނީ ގިނަ ގޮންޖެހުންތަކާއެކުއެވެ. އެހެންކަމުން އައްޑުއަށް ޓޫރިޒަމް ފުޅާ ކުރަން އޮތް އެންމެ ގިނަ ގޮންޖެހުންތަކާއި ހައްލު އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ފިރާގެވެ.

ފިރާގު ވިދާޅުވާގޮތުގައި ސަރުކާރުން އެ އިއުލާން ކުރާ "ހަލާލް ޓޫރިޒަމް" އަކީ ރާއްޖެއާ ގުޅޭ, އަދި ރާއްޖޭގައި ހިންގޭނެ ކޮންސެޕްޓެއް ނޫނެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓޫރިޒަމް އޮތް ރާއްޖެއަކީ ވަކި ގޮތަކަށް ޑިޒައިން ވެފައިވާ އަދި މުޅި ދުނިޔެ ވަކި ގޮތަކަށް ބަލައިގެންފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަންކެޑެ މަޝްރޫއަށް އަލި އަޅުއްވާލައްވައި ފިރާގު ވިދާޅުވީ, ބޮޑެތި އަދަދުތަކުން މަޝްރޫއުތައް އިއުލާން ކޮށްގެން އައްޑުއަށް ވެސް އަދި ސަރުކާރަށް ވެސް ވާނެ ފައިދާއެއް ނެތް ކަމަށެވެ. ހަންކެޑެ މިހާރު ވެސް އޮޕަރޭޝަނަށް ގެނެވެން އޮތް ގޮތަކީ އެ ރަށުގެ ޔޫޓިލިޓީ ކަންކަން ސަރުކާރުން މެނޭޖު ކުރާ ގޮތަށް, މިނީ ހޮޓާތަކެއް, ނުވަތަ ގެސްޓް ހައުސް ހިންގާނެ ޒޯންތަކެއް ތަރައްގީ ކުރުން ކަމަށް ފިރާގު ވިދާޅުވިއެވެ.

"އައްޑޫ މީހުންނަށް އިސްކަން ދޭ ގޮތަށް އެތަންތަން ދޫކުރަންވީ. އޭރަށް މިކަން ވާނީ. ކޮންމެ ބަޔަކު އައިސް ދުބާއީއެއް ހަދަން އުޅެގެން އައްޑޫ ކަހަލަ ތަންތަނުގައި އެކަން ކުރަން ވަރަށް ދަތިވާނެ," ފިރާގު ވިދާޅުވިއެވެ.

އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ހިނގައި ނުގަނެގެން އުޅެނީ ސަރުކާރުތަކުން ހެޔޮ ނިޔަތުގައި އެކަން ކުރަން ނޫޅޭތީ ކަމަށެވެ. މިހާރު ވެސް އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫ އެކުގައި ޕްރޮމޯޓްކޮށް އެ ތިން ސަރަހައްދު ދަތުރުފަތުރުން ގުޅުވާލައިގެން މަސައްކަތް ކޮށްފިނަމަ އައްޑުއަށް ޓޫރިޒަމް ގެންނަން ފަސޭހަ ވާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

"ހުވަދޫގައި ވަރަށް ރިސޯޓް ގިނަ. ގަމުން ހުވަދުއަށް ސީޕްލޭން ޝެޑިލްކޮށް އޮންނަން ޖެހޭ. ރަނގަޅު އަގެއްގައި އެކަން ކުރެވިއްޖެ ނަމަ އައްޑުއަށް ޓޫރިސްޓުން ގެނެވޭނެ." ފިރާގު ވިދާޅުވިއެވެ.

އައްޑުއަށް މިހާރު އަންނަ ހަމައެކަނި އިންޓަނޭޝަނަލް ފްލައިޓް ކަމަށްވާ ސްރީލަންކަންއިން ހަފުތާއަކު ތިން ފްލައިޓް ބާއްވަމުން އައިސް މިހާރު ދެ ފްލައިޓަށް މަދު ކުރަން ވަނީ ނިންމައިފައެވެ. ފިރާގު ވިދާޅުވިގޮތުގައި އެ ބަދަލު ގެންނަން ޖެހުނީ ގަމުގައި އެވަރަށް ބެޑް ނެތުމާއި ހުވަދުއާ ކަނެކްޓިވިޓީ ނެތުމުގެ ސަބަބުންނެވެ.

އައްޑުއަށް ޓޫރިޒަމް ގެންދިއުމަށްޓަކައި, ރާއްޖެ ދުށް އެންމެ ވަރުގަދަ ވިޔަފާރި ވެރިން ކަމަށްވާ, ޗަޕްމާ ހުސައިން އަފީފާއި, ދަމާސް ކުންފުނީގެ ވެރިޔާ މުޙައްމަދު ޞާލިޙް ފަދަ ބޭފުޅުން ކުރެއްވި މަސައްކަތް, ނޫސްވެރިއެއްގެ ހައިސިއްޔަތުން އެންމެ ގާތުން ފެނުނު އެއް ބޭފުޅަކީ ހަވީރު ނޫހުގެ އޭރުގެ ރިޕޯޓަރު ވަޖުދީއެވެ.

ވަޖުދީ ވިދާޅުވީ ޓޫރިޒަމަކީ އައްޑޫ ރައްޔިތުންގެ ބޮޑު އުއްމީދަކަށްވާއިރު އެކަން ހާސިލު ކޮށްދިނުމަށް ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން ސަރުކާރުތަކުން ސީދާ ހުރަހެއް ނާޅާ ކަމަށާއި އެކަން ކާމިޔާބު ނުވެ އޮތީ އެހެނިހެން ވެސް ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ވަޖުދީ ފާހަގަ ކުރެއްވީ ރާއްޖޭގެ އެހެން ހިސާބުތަކުގައި އޮތްފަދަ ރީތި ގޮނޑުދޮށްތައް އޮތް ރަށްތަކެއް އެ ސިޓީގައި ނެތުމެވެ.

"އެކަން އައްޑޫގައި ނެތްއިރު އަގު ބޮޑުކޮށް ރިސޯޓް ހިންގަން އުޅެފައި ހުރީ. ގެސްޓުން އަގު ބޮޑުކޮށެއް ނާންނާނެތާ އެކަން ނެތިއެއް," ވަޖުދީ ވިދާޅުވިއެވެ.

ވަޖުދީ ފާހަގަ ކުރެއްވި އަނެއް ސަބަބަކީ ދަތުރުފަތުރުގެ ދަތިކަމެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީގައި ރަނގަޅު ފެންވަރެއްގެ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތްނަމަވެސް އަދި ވެސް ޓޫރިސްޓުން ގިނައިން ގެންދަން ޖެހެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ޑޮމެސްޓިކް ފްލައިޓްގައެވެ. މީގެ ސަބަބުން ދަތުރުފަތުރަށް ޓޫރިސްޓުން ކުރަން ޖެހޭ ހޭދަ އާއި އުފުލަން ޖެހޭ ތަކުލީފަކީ އައްޑުއަށް ޓޫރިސްޓުންގެ ތަރުހީބު ދަށްވާ ސަބަބެއް ކަމަށް ވަޖުދީ ވިދާޅުވިއެވެ.

ނަމަވެސް އައްޑޫގައި ޓޫރިޒަމް ފުޅާ ކުރެވޭނެ ގޮތެއް ވަޖުދީގެ ނަޒަރުގައި އެބައޮތެވެ. އެއީ ޑައިވިންއަށް އަމާޒު ކުރުމެވެ. އައްޑޫގައި ޑައިވް ކުރަން ޚާއްސަ, އަދި ވަރަށް ރަނގަޅު ތަންތަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ވެސް ވާން އޮތީ ދަތުރުފަތުރާއި ޓޫރިސްޓުންގެ އަތުން ނަގާ ފީ ފަދަ ކަންކަމަށް ބަދަލު ގެނެސްގެން ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

މި ސަރުކާރުން ހަންކެޑެ ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރިކަން ރޭ އިއުލާން ކުރުމާއެކު ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެ ކޮންސެޕްޓަށް ހަންކެޑެ ނުހިންގޭނެ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހަންކެޑެ މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް ޔަގީންކޮށްދީފައި ވާކަމަށެވެ. އަދި މިއީ ހުރިހާ ޕްލޭނެއް ނިމި، ފައިސާ ވެސް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި އައްޑޫގެ ޓޫރިޒަމާއި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށް އިދިކޮޅު އެމްޑީޕީ މިހާރު ލީޑް ކުރައްވާ ފައްޔާޒު ވިދާޅުވިއެވެ.

"އަދިވެސް އެ ފައިސާ ރާއްޖެ ގެނެސް، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވަނީ ސަރުކާރުން ދަރަނި ރީފައިނޭންސް ކުރުމުގެ ވާހަކަ ދައްކަމުންދާތީ. އެކަން ވެސް ކުރެވިފައި ނުވޭ. މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވާގޮތުގައި ހަންކެޑެ ހަލާލް ޓޫރިޒަމް މޮޑެލްއަށް ނުހިންގުނު ނަމަވެސް، އައްޑޫ ސިޓީގައި ހިއްކައިގެން ހަދާފައިވާ އެހެން ރަށްތައް އެކަމަށް ޚާއްސަ ކުރެވިދާނެއެވެ.

އުއްމީދު ކުރާނެ ވަރަކަށް ކުރަންވީއެވެ. ކޮންމެ އިންތިޚާބަކަށް މި ވާހަކަ އަދިވެސް އަންނާނެއެވެ. އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެބައޮތެވެ. އެހެންވީމަ އަނެއްކާ ވެސް އަނެއް ހުވަފެން ދައްކައި ހަންކެޑެ ކުންފުންޏަކާ ހަވާލު ކުރާނެއެވެ. ސަރުކާރުތައް ބަދަލުވެއްޖެއެވެ. ޕްލޭންތައް ބަދަލުވެއްޖެއެވެ. ނުވެ އޮތީ އެންމެ ކަމެކެވެ. އެއީ ހަންކެޑޭގެ ހުވަފެން ހަގީގަތަކަށް ހެދުމެވެ. އެ ވާހަކަ އަޑު އިވިއިވި ޖީލެއް މިއޮށް ނިމެނީއެވެ. ވަޖުދީ ޖެއްސެވި ސުރުހީއަށް ވެސް 19 އަހަރުވީއެވެ. މިއީ އައްޑޫގެ ރައްޔިތުން ޖެހިފައިވާ ސްކޭމެކެވެ.

comment ކޮމެންޓް