ހަންކެޑެ މަޝްރޫއަށް ކުއްލި ބަދަލުތައް ގެނައުމުން އިތުބާރު ގެއްލޭނެ، ނިންމުން ބަދަލުކުރަން ޖެހޭ: އަޒާން

މެންބަރު އަޒާން، ރައީސް މުއިއްޒާ އެކު: ހަންކެޑެ މަޝްރޫއަށް ކުއްލި ބަދަލުތައް ގެނައުމުން އިތުބާރު ގެއްލޭނެކަމަށާއި ނިންމުން ބަދަލުކުރަން ޖެހޭކަމަށް އަޒާން ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫ ސިޓީގައި އިންޓަގްރޭޓޭޑް ޓޫރިޒަމް ކޮންސެޕްޓަށް ކުރިއަށްގެންދިޔަ ހަންކެޑެ މަޝްރޫއަށް ކުއްލި ބަދަލުތައް ގެނައުމުން އިންވެސްޓަރުންނާއި ބޭންކުތަކުގެ އިތުބާރު ގެއްލޭނެކަމަށް އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ސަރުކާރު ތަމްސީލުކުރައްވާ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއު ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް ކުރިއަށް ގެންދިއުމަށް ނިންމައި ސަރުކާރުން އިއްޔެ ވަނީ އެކަން އިއުލާނު ކޮށްފައެވެ.

https://sun.mv/207952

މިކަމާ ގުޅިގެން އަޒާން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހަންކެޑެ މަޝްރޫއު ހުއްޓާލާ, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ނިންމި ނިންމުމާ އޭނާ ވެސް ދެކޮޅުކަމަށެވެ.

މި މަޝްރޫއަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފަވާ މަޝްރޫއެކެވެ. މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގަ ކަމަށާއި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ވަނީ ދައްކާފައި ވާކަމަށް އަޒާންގެ ޕޯސްޓުގައި ވެއެވެ.

މި ސަރުކާރުން ވެސް ކުރިން ނިންމީ ކުރީސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފުތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ.

"އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން މިވަނީ އިއުލާންކޮށްފަ. މިއީ ކަންބޮޑުވާ ކަމެއް،" އަޒާންގެ ޕޯސްޓުގައި ވެއެވެ.

މި ޕޯސްޓުގައި ވާގޮތުން، ހަންކެޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މިވަގުތު މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެންނެވެ. ލޯނު ފަސްކުރުމުގެ އިޖުރާތްތައް ހިނގަމުން ދަނިކޮށް އާ ލޯނެއް ދިނުން ޗައިނާގެ ޤާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭކަން އޭނާ ފާހަގަކުރައްވައިފައި ވެއެވެ.

"އަޅުގަނޑުގެ ނަޒަރުގައި ހަންކެނޑެ މަޝްރޫޢުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން،" އަޒާންގެ ޕޯސްޓުގައި ވެއެވެ.

ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށް ނުރުހުމާއެކު އޭނާ ލިޔުއްވާފައި ވެއެވެ. އަދި އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، މި ގޮންޖެހުން އަބަދުވެސް އައްޑޫއަށް ކުރިމަތިވާކަމަށް ލިޔުއްވާފައި ވެއެވެ.

އެގޮތުން، އައްޑޫގެ ބައެއް ރަށްތަކަށް އިންވެސްޓު ކުރުމަށް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުން ވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވާކަން އަޒާން ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުން މި މަޝްރޫއުގެ ކޮންސެޕްޓް ބަދަލުކުރީ ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް އަޒާންގެ ޕޯސްޓުގައި ވެއެވެ.

"އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލޭނެ ކަމެއް. ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ގޮވައިލަން،" އަޒާން ލިޔުއްވާފައި ވެއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން މިއީ، އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

https://sun.mv/207955

ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ.

އައްޑޫ ސިޓީ ހަންކެޑެއިގައި ތަރައްގީކުރާ ހަލާލް ޓޫރިޒަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ.

comment ކޮމެންޓް