ރާއްޖެއާއި ސިންގަޕޫރު ގުޅިގެން މަތީ ތައުލީމާއި މަސައްކަތުގެ ހުނަރު ތަރައްގީކުރުން ހިމެނޭ ގޮތަށް، ސިންގަޕޫރާއެކު ތިން އެމްޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ، ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.
އެ ދަތުރުފުޅަށް ރައީސާއެކު މަތީ ފަންތީގެ ވަޑައިގެންނެވިއިރު، ތިން މިނިސްޓްރީއަކުން ވަނީ ސިންގަޕޫރާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ އެ ގައުމުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކުރައްވައިފައެވެ.
އެ އެމްއޯޔޫގައި ވަނީ މަތީ ތައުލީމާއި މަސައްކަތްތެރިކަމުގެ ހުނަރާއި ސިޔާސަތުތައް ތަރައްގީކުރުމާއި ދިރާސާ ކުރުމުގައި އެއްބާރުލުން ދިނުން ހިމަނައިފައެވެ.
އެ އެއްބަސްވުމުގައި ސިންގަޕޫރުގެ ފަރާތުން ސޮއިކުރެއްވީ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަންގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ގޮތް މޮންގް ސޮންގްއެވެ.
ދެވަނަ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝްނަން އެވެ. އެ އެއްބަސްވުމުގައި ވަނީ ގާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެއްބަސްވުމުގައި ސޮއިކުރެއްވުން: މަތީ ތައުލީމާއި މަސައްކަތުގެ ހުނަރު ތަރައްގީކުރުން އެ އެއްބަސްވުމުގައި ހިމެނޭ -- ފޮޓޯ/ ރައީސް އޮފީސް
އިތުރު އެއްބަސްވުމަށް ސޮއިކޮށްފައިވަނީ ތިމާވެއްޓާއި ދެމެހެއްޓެނިވި ދާއިރާއިންނެވެ. އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހީމާއި ސިންގަޕޫރުގެ އެންވަޔަރަމެންޓް މިނިސްޓަރު ގްރޭސް ފުއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ސިންގަޕޫގެ ރައީސް ޝަންމުގަރަތުނަމްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ 50 އަހަރުވީ ސިޔާސީ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ ދެ ބޭފުޅުންގެ ބައްދަލުވުމުގައި، ދެ ގައުމަށް ވެސް ފައިދާ ހުރި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި ކަމަށެވެ. އެގެ ތެރޭގައި ތައުލީމާއި ތަމްރީނާއި ދެމެހެއްޓެނިވި ހަކަތައިގެ މަސައްކަތާއި ސިނާއީ ތަރައްގީގެ ދާއިރާ ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.
ހަމައެއާއެކު، މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް ވެސް ދެ ރައީސުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިގުތިސާދީ ގޮތުންނާއި ތައުލީމީ ދާއިރާއިން ވެސް ކުރިއަރައިފައިވާ ސިންގަޕޫރުން މިހާރު ވެސް ރާއްޖެއަށް ފަންނީ ގޮތުންނާއި ޓީޗަރުން ތަމްރީނު ކުރުން ފަދަ ދާއިރާތަކުން އެހީ ފޯރުކޮށްދެއެވެ.