ހަސަން މަމްދޫހު (މަންޑޭ) ކޭޕާކު ފުލެޓުތައް ގިނަ ބަޔަކަށް އޮޅުވާލައިގެން ވިއްކި މައްސަލަ ބަލައި، ފުރަތަމަ އެތަނަށް ރުފިޔާ ދެއްކި މީހުންނަށް ފުލެޓުތައް ލިބޭނެތޯ ޔަގީންކޮށް، މައްސަލަ ބެލުމަށް މާލިއްޔަތު ކޮމިޓީން ފަށައިފިއެވެ.
ކޭޕާކު ފުލެޓުތަކުގެ މައްސަލައިގައި މަންޑޭ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ފައިސާ ދެއްކި މީހުން މިހާރު ތިބީ އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއްގައެއް ނޫން ކަމަށް ކޭޕާކު ވިކްޓިމްސް އިން ވަނީ ބުނެފައެވެ.
އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ.
މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނާޒިމް ވިދާޅުވީ، ކޭޕާކު މައްސަލައިގައި އެއްވެސް ހައްލަކާ ހިސާބަށް ދާތަން ނުފެންނަ ކަމަށެވެ.
އެގޮތުން، އެ ތަނުން އެޕާޓުމަންޓުތައް ގަތް މީހުންނަށް ކޮންމެވެސް ހައްލެއް ލިބި، ގޮތެއް ނިމެން ޖެހޭ ކަމަށް ނާޒިމް ގަބޫލުކުރައްވައެވެ.

ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ): މާލިއްޔަތު ކޮމިޓީން ވަނީ އެމައްސަލަ ބެލުމަށް ހުށަހަޅާފައި --
އެ މައްސަލައިގައި ޖިނާއީ ބައި މިހާރު ކުރިއަށްދާއިރު، ފުލެޓުތައް ގަތް މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އަލި މަގެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންވީމައި ކޮންމެސް ގޮތެއް އެބަ ޖިހޭ ނިމެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެޓްލީސްޓް އެންމެ ފުރަތަމަ ކުންފުންޏަށް ފައިސާ ދެއްކި މީހުންނަށް އެޕާޓުމަންޓުތައް ލިބޭނެކަން ނުވަ ނޫންކަން. އެވަރު އެބަ ޖެހޭ އެނގެން.
ނާޒިމް ހުށަހެޅުއްވީ، އެޗްޑީސީއަށް އަމިއްލައަށް ހައްލުނުކުރެވޭނަމަ ކޯޓު މެދުވެރިކޮށް ފުރަތަމަ ކޭޕާކު ފުލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް އެ ތަން ހޯދައިދިނުމަށެވެ.
ކޮމިޓީއަށް އެޗްޑީސީން ހާޒިރުވާއިރު، އެ މައްސަލައަށް ގޮތެއް ނިންމައިގެން އައުމަށް ބުނަން ފެންނަ ކަމަށާއި މެންބަރުންގެ ވަކި ސުވާލުކުރުމަށް ބޭނުންވާނެތީ އެކަމަށް ވެސް އެ ކޯޕަރޭޝަނުން ތައްޔާރުވެގެން އައުމަށް އެޗްޑީސީއަށް އަންގަން ނާޒިމް ހުށަހެޅުއްވިއެވެ.
އެޗްޑީސީއަކީ އެތައް ބައެއްގެ ބޯހިޔާވަހިކަމާ ގުޅިފައިވާ ތަނަކަށް ވާއިރު، އެމީހުންގެ މާލީ ރައްކާތެރިކަން ޔަގީން ކުރުމަކީ ކޮމިޓީގެ މަސައްކަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް
އެ މައްސަލައިގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ކޮމިޓީގައި ބައެއް މެންބަރުންގެ ތެރޭގައި މައްސަލަ ހޫނު ވެސް ވިއެވެ. އެކަމަކު، ކޮމިޓީގައި ބައިވެރިވެ ވަޑައިގެން، ގިނަ މެންބަރުން ވަނީ ނާޒިމްގެ ހުށަހެޅުމަށް ތާއިދުކުރައްވާފައެވެ.
ކޭޕާކު މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ، ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.
އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ.
ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. ތަހުގީގުގެ ތެރެއިން ބެލިއިރު އޭރު އެ ޕެންޓްހައުސްގެ އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނެވެ.