މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމި، މަޝްރޫގެ 60 ޕަސެންޓް ނިންމައިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖު ތަރައްގީ ކުރުމުގައި އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކީ ޕައިލްތައް ޖެހުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި 263 ޕައިލް ޖަހައި، އެ މަސައްކަތް އެއްކޮށް ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ އެ މަސައްކަތާއެކު މުޅި މަޝްރޫއުގެ 60.48 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އެ ގައުމުގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެއިރު މުއްތަލިބު ވަނީ، އެ ކާމިޔާބީއާއެކު މަސައްކަތުގެ ދުވެލި އަވަސްވެ، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެފްކޮންސްއިން ތިލަމާލެ ބުރިޖުގެ މަސައްކަތާ ހަވާލުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި 2021ވަނަ އަހަރުގެ އޯގަސްޓު މަހު ކަމަށްވާއިރު، މަސައްކަތް ނިންމަން ފުރަތަމަ ދީފައި އޮތް ތާރީޚަކީ މިދިޔަ އަހަރެވެ.
އެ ބުރިޖު ނިންމަން ނުވަތަ ނުނިމޭނަމަ ބުރިޖުގެ ވަކި ބައެއް ހުޅުވަން ޞާލިޙްގެ ސަރުކާރުގެ އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ. އަދި އެ ސަރުކާރު ނިމުމުގެ ކުރިން ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް އެ މަޝްރޫއު ނިންމަން އޮތް މުއްދަތު ވަނީ އަންނަ އަހަރަށް އިތުރުކޮށްފައެވެ.
އެ މަޝްރޫއު ލަސްވާތީ ޞާލިޙާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ރާއްޖޭގައި ސިނާއީ އެންމެ ބޮޑު މަޝްރޫއުތައް ފެއްޓެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިދިޔަ އާދިއްތަ ދުވަހުވަނީ، އެ މަސައްކަތް ކުރިއަށްދާ ގޮތުން މި ދައުރުގައި ވެސް ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ ތިލަމާލެ ބުރިޖު އަޅަން ނަގާ މުއްދަތު އިތުރުވާނަމަ އެ މަޝްރޫއުގެ ޚަރަދު ވެސް އިތުރު ވާނެ ކަމަށާއި އެފަދަ މަސައްކަތްތައް ސިފަކުރެވޭނީ ސްކޭމްގެ ގޮތުގައި ކަމަށެވެ.