އިމިގްރޭޝަނުން ކޮލޮމްބިއާގެ އަންހެނަކު ހޯދަން އިއުލާންކޮށްފި

އިމިގްރޭޝަނުން ހޯދަން އިއުލާންކުރި މީހާ: އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ގުޅައިގެން ހިއްސާކުރުމަށް އެދިފައިވޭ -- ފޮޓޯ/ އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން ރާއްޖޭގައި ދިރިއުޅޭ ކަމަށް ބެލެވޭ ކޮލޮމްބިއާގެ ޒުވާން އަންހެނަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

އިމިގްރޭޝަނުން ހޯދަން އިއުލާންކޮށްފައިވަނީ ކޮލޮމްބިއާއަށް ނިސްބަތްވާ، 35 އަހަރުގެ ލޯރާ މާސިޑީސް ގުއޭރާ އެސްކުއެޑްރޯ އެވެ.

އެ އިދާރާއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އޭނާ، މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހާޒިރުވުމަށް އަންގައިފައެވެ. އެގޮތުން ހާޒިރުވާން ޖެހޭނީ ރަސްމީ ގަޑީގައި 8:00 އާއި 14:00އާ ދެމެދުގައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެ އިދާރާއިން ވަނީ އެ ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 91999017 އަށް ގުޅައި ނުވަތަ [email protected] އަށް މެއިލްކޮށް ހިއްސާކުރުމަށް ވެސް އެދިފައެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި ގަވައިދާ ޚިލާފަށް އުޅޭ ކަމަށް ފާހަގަވާ މީހުން ހިފަހައްޓައި، މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބައެވެ.

އެ މީހުންނަށް ގަވައިދާ އެއްގޮތަށް އުޅުމުގެ ފުރުސަތު ނުވަތަ އެނބުރި ގައުމަށް ދިޔުން އިޚުތިޔާރު ކުރުމުގެ ފުރުސަތު ދޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ބައެއް މީހުން ޑީޕޯޓްކޮށް އެކަން މީގެ ކުރިން އިއުލާން ވެސް ކޮށްފައިވެއެވެ.

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓް ހިއްސާ ކުރަނީ ބިދޭސީން ކަމަށްވާއިރު، މި ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ.

comment ކޮމެންޓް