އަސާސީ ބޭސްތައް ހަމަނުވަނީ ބޭނުންވާ ވަރަށް ސަޕްލަޔަރުންގެ އަތުން ބޭސް ހޯދަން ދަތިވާތީ: ޝިމާދު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު: ވިދާޅުވީ، އަސާސީ ބޭސްތައް ހަމަނުވަނީ ބޭނުންވާ ވަރަށް ސަޕްލަޔަރުންގެ އަތުން ބޭސް ހޯދަން ދަތިވާތީ ކަމަށް --- ފޮޓޯ/ އެސްޓީއޯ

ބޭސްފިހާރަތަކުން އަސާސީ ބޭސްތައް ފުރިހަމައަށް ބުލިބެނީ ބޭނުންވާ ވަރަށް ބޭސް ސަޕްލަޔަރުންގެ އަތުން ހޯދަން ދަތިވާތީ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އާސާސީ ބޭސްތައް ހަމަނުވާ ކަމުގެ ޝަކުވާތައް އާންމުން ކުރަނިކޮށް، މިއަދު އިޖުތިމާއީ ކޮމިޓީއަށް ވަނީ އެ މައްސަލައިގައި ސުވާލުކުރުމަށް އެސްޓީއޯއާއި އާސަންދައިގެ ވެރިންގެ ހާޒިރުކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަށް އިޝާރަތް ކުރައްވައި، މެންބަރަކު ވަނީ އަދިވެސް ބޭސް ހަމަނުވަނީ ކީއްވެތޯ ސުވާލުކުރައްވަފާއެވެ.

ޖަވާބުގައި ޝިމާދު ވިދާޅުވީ، އަސާސީ ބޭހުގެ ފަސް ބޭހެއް ނޫނީ ހުރިހާ ބޭހެއް މާޗުމަހުގެ ފަހުކޮޅު ހަމަކުރި ކަމަށެވެ. އޭގެފަހުން ދެވަނަ ފަހަރަށް ބޭސް ހޯދަން މަސައްކަތް ކުރިއިރު، އެ އަދަދަށް ބޭސް ލިބުމުގައި ދަތިތައް ދިމާވި ކަމަށް ޝިމާދު ވިދާޅުވިއެވެ.

އަސާސީ ބޭސް ހުރިތަން ވެސް އަޅުގަނޑުމެންނަށް އެނގޭ. ގެނެވެން ވެސް ގެނެވުނު. ދެވަނަ ފަހަރު ހޯދަން އުޅުނުއިރު ހަގީގަތުގައި އެކުއަންޓިޓީ ސަޕްލަޔަރުން އަތުން ލިބުމުގައި ދަތިކަން މިދިމާވަނީ. އެހެންވެގެން މިހާރު ބަރާބަރަށް ފުރިހަމައަށް [ބޭސް] ނުހުންނަނީ

އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސް ހަމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން، އެކި ގައުމުތަކާ އެއްކޮށް މަސައްކަތްކޮށްގެން ވެސް ރާއްޖެއަށް އެތެރެނުކުރެވޭ 500އަށްވުރެ ގިނަ ބޭސްހުރިކަން ނިއުޝާދު ފާހަގަކުރެއްވިއެވެ.

ޝިމާދު ވަނީ، ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ތެރެއިން އެސްޓީއޯއަށް ގެނެވެނީ ގާތްގަނޑަކަށް 30 އިންސައްތަ ބޭސް ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/208045

ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް، މިކަމަށް ކުރާ ޚަރަދުތަކުގެ ހިސާބުތަކުން އެކަށީގެންވާ ހެޔޮ ބަދަލެއް އަދި ނުފެންނަ ކަމުގެ ޝަކުވާ ދޭތެރެއަކުން ފެންމަތިވެއެވެ.

comment ކޮމެންޓް