ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމާ ގުޅޭ މަޝްވަރާތަކަށްފަހު މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް ނިންމައިލައިފި

މޯލްޑިވްސް މެރިން އިންޑަސްޓްރީގެ ތިން ވަނަ ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުޙައްމަދު

މޯލްޑިވްސް މެރިން އިންޑަސްޓްރީގެ ތިންވަނަ ފޯރަމް އިއްޔެ ބާއްވައިފިއެވެ.

މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން މި ފޯރަމް އިއްޔެ ބޭއްވީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އާއި އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން (އައިއޯޑީއޭ)އާ ގުޅިގެނެވެ.

މި ފޯރަމްގައި ވަނީ، ކަނޑުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި ދާއިރާގެ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތާމެދު މަޝްވަރާކޮށްފައެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީގެ ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުޙައްމަދު

އެގޮތުން، މި ފޯރަމްގައި ޖުމުލަ ހަތަރު ޕެނަލް ޑިސްކަޝަނެއް ވަނީ ބާއްވާފައެވެ.

ފުރަތަަމަ ޕެނަލް ޑިސްކަޝަންގައި މަޝްވަރާކޮށްފައި ވަނީ، ކަނޑުގެ ވަސީލަތްތައް ޒިންމާދަރުކަމާ އެއްކޮށް ދެމެހެއްޓެވިނި ގޮތެއްގައި ބެލެހެއްޓުމާ ގުޅޭ ގޮތުންނެވެ.

އެއަށްފަހު، މަޝްވަރާ ކުރީ ކަނޑު މަގުން އުފުލާ މުދަލުގެ މެނޭޖުމަންޓާއި ކްލިއާކުރުމުގެ ހިންގުތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށްވާއިރު، ތިން ވަނަ ޕެނަލްގައި ވަނީ، ކަނޑުގެ ސަރަޙައްދުތަކާއި އުޅަނދުފަހަރުގެ ދެމެދުގައިވާ ޖިއޮގްރަފިކަލް ގެޕްތައް ފޫބެއްދުމުގައި ޓެކްނޮލޮޖީއާއި އިންފްރާސްޓްރަކްޗާގެ ދައުރަށް އަލިއަޅުވާލާފައެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީގެ ތިން ވަނަ ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުހައްމަދު

އެންމެ ފަހު ޕެނަލްގައި ވާހަކަދެއްކީ، ވޯޓަ ސްޕޯޓްސްއާއި ޑައިވިންގެ ދާއިރާ ފުޅާކުރުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، މި ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓްރީން އިންޓަރެކްޓިވް ވޯކްޝޮޕެއް ކުރިއަށް ގެންދިޔައެވެ. އެ ވޯކްޝޮޕްގައި މިނިސްޓްރީން ތަންފީޒުކުރާ ހިންގުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ގަވާއިދު ހަދާ ފަރާތްތަކާއި ދާއިރާގެ ބޭފުޅުންނާ މުޢާމަލާތްކުރުމަށް ވަނީ ބާރުއަޅާފައެވެ.

މޯލްޑިވްސް މެރިން އިންޑަސްޓްރީގެ ތިން ވަނަ ފޯރަމްގެ ތެރެއިން --- ސަން ފޮޓޯ/ މާނިއު މުހައްމަދު

ގޯލްޑް ސްޕޮންސަ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ ފަރާތުން ފޯރަމްގައި ވަނީ ލަކީޑްރޯއެއް ނަގައި، ޕްރިމިއާ އެނުއަލް ޓްރެވަލް ކަވަރެއް ދީފައެވެ.

މި ފޯރަމްގައި ސަރުކާރުގެ ބޭފުޅުންނާއި ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ޕަބްލިކާއި ޕްރައިވެޓް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް