ތ. ވިލުފުށީ ފަޅުތެރޭގައި އޮއްވައި އިއްޔެ އަނދައި ހުލިވި ދެ ދޯނީގެ ވެރި ފަރާތަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އިއްޔެ ވިލުފުށީ ކައުންސިލުން މެންބަރަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އަލިފާން ރޯވީ ތެޔޮ އުފުލަން ބޭނުންކުރާ ދެ ދޯނީގައެވެ. އެ ހާދިސާގައި ވަނީ، ދެ ދޯނީގެ ވެރިފަރާތާއި އޭނާގެ ދަށުން މަސައްކަތް ކުރާ ބިދޭސީ މީހަކު ފިހިފައެވެ. އެ މީހުންނަށް ފަރުވާ ފުރަތަމަ ދިނީ، ވިލުފުށީ ސިއްހީ މަރުކަޒުގައެވެ.
މިއަދު ވިލުފުށީ ކައުންސިލްގެ ނައިބު ރައީސް ހުސައިން އަބްދުއްސަލާމް އާދަމް 'ސަން'އަށް ވިދާޅުވީ، ދޯނީގެ ވެރިފަރާތް އިއްޔެ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށާއި ބިދޭސީ މީހާ މާ ބޮޑަށް ފިހިފައިނުވާ ކަމަށެވެ.
އޭގެފަހުން، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، މަޢުލޫމާތު ލިބުނީ ހެނދުނު 09:41ގަައި ކަމަށް އިއްޔެ އެމްއެންޑީއެފުން ބުންޏެވެ.
އަލިފާންގަނޑު ނިއްވާލައި، ވިލުފުށީ ރައްޔިތުންގެ އެހީއާ އެއްކޮށް ދެ ދޯނި އެމްއެންޑީއެފުން ވަނީ ވިލުފުށީ ބަނދަރުން ބޭރުކޮށްފައެވެ.