ސުއޭޒް ކެނަލްއަށް ތެޔޮ ބާޖެއް އަޑިއަށް ގޮސް ހަތަރު މީހުން މަރުވެއްޖެ

ސުއޭޒް ކެނަލްގައި ކިއުގައި މަޑުކޮށްގެން ތިބި ބޯޓުތަކުގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ/އޭއެޕްޕީ

މިސްރުގެ ސުއޭޒް ކެނަލްއަށް ތެޔޮ ބާޖެއް އަޑިއަށް ގޮސް، އޭގައިތިބި ހަތަރު ފަޅުވެރިން މަރުވެއްޖެއެވެ.

އެ ހާދިސާގައި އިތުރު 4 މީހަކު ވަނީ ގެއްލިފައެވެ.

އެ ހާދިސާއާ ގުޅިގެން މިސްރު ސަރުކާރުން ބުނީ އާދަމް މެރިން ކިޔާ އެ ބާޖު އަޑިއަށް ދިޔައީ އިއްޔެ ރޭ ސުއޭޒް ކެނަލްގެ ގެބެލް އެލް ޒައިތު ސަރަހައްދަށް ކަމަށެވެ. ހާދިސާގައި 22 މީހަކަށް އަނިޔާ ވެފައިވާ ކަމަށްވެސް މިސްރު ސަރުކާރުން ބުނެފައިވެއެވެ.

އެ ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ހަތަރު މީހަކު އެއާލިފްޓްކޮށް ހޮސްޕިޓަލަށް ގެންދިޔައިރު، އިތުރު 18 މީހަކު އެމްބިއުލާންސްގައި ގެންދިޔަ ކަމަށް މިސްރުގެ ސިއްޙަތާބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ރަތް ކަނޑުގެ ގަވަނަރު، އަމްރު ހަނަފީ ވިދާޅުވީ ގެއްލިގެން ހޯދަމުންދާ ފަޅުވެރިން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި މިސްރުގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ބައިވެރިވާ ކަމަށެވެ.

ގެބެލް އެލް ޒައިޓް އަކީ ސުއޭޒް ކެނަލްގެ ދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ މިސްރުގެ ތެޔޮ އުފައްދާ ބޮޑު ސަރަހައްދެކެވެ.

ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒް ކެނަލަކީ ކަނޑުމަގުން ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ހުރަސްކުރާ މަގެކެވެ.

ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް ފޮނުވާ ތެލުގެ 7 ޕަސެންޓް އަދި އެ ނޫން ބާވަތްތަކުގެ މުދަލުގެ 10 ޕަސެންޓް ފޮނުވަނީ ސުއޭޒް ކެނަލް މެދުވެރިކޮށެވެ. އަދި 103 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަރަބި ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ މިސްރަށް ބޭރު ފައިސާގެ ބޮޑު ބައެއް ފޯރުކޮށްދެނީ ސުއޭޒް ކެނަލް މެދުވެރިކޮށް ކުރާ ވިޔަފާރީންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް