އެމެރިކާގެ ޓީވީ ޗެނަލް ސީބީއެސްއަށް އެ ގައުމުގެ ކުރީގެ ނާއިބު ރައީސް ކަމަލާ ހެރިސް ދެއްވި އިންޓަވިއުއެއް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭނަށް ގެއްލުންވާ ގޮތަށް އެޑިޓްކޮށްފައިވާ ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަ ހުށަހެޅުއްވުމުން، އެ ޗެނަލްގެ ބެލެނިވެރި ކުންފުނި ޕެރެމައުންޓްއިން 16 މިލިއަން ޑޮލަރު ބަދަލަށް ދޭން އެއްބަސްވެއްޖެއެވެ.
އެ މައްސަލަ ގުޅިފައިވަނީ، މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، ޓްރަމްޕާ ވާދަކުރެއްވި ކަމަލާ ސީބީއެސްގެ އެންމެ މަޝްހޫރު ޝޯ '60 މިނިޓްސް'އަށް ދެއްވި އިންޓަވިއުއާއެވެ. އެ އިންޓަވިއުގައި އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކާ ބެހޭ ގޮތުން ކުރި ސުވާލަކަށް ކަމަލާ ދެއްވި ޖަވާބު '60 މިނިޓްސް' ޝޯގައިއާއި ސީބީއެސްގެ އެހެން ޝޯއެއްގައި ދެއްކި ގޮތް ތަފާތު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ދިފާއުގައި ސީބީއެސްއިން ބުނީ، ކަމަލާ ދެއްވީ ވަރަށް ދިގު ޖަވާބެއް ކަމުން، އެ ޖަވާބު ކުރު ކުރުމަށް އާންމު އުސޫލުން، ޓީވީގައި ޚަބަރުތައް ގެނެސްދޭ މިންގަނޑާ އެއްގޮތަށް ބައެއް ބައިތައް އުނިކުރީ ކަމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ، ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް އިންޓަވިއު އެޑިޓް ކުރީ ކަމަލާއަށް ފައިދާވާ ގޮތަށް އަދި ޓްރަމްޕްގެ ކެމްޕޭނަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
އެ މަސައްލަ އެމަނިކުފާނު ކޯޓަށް ހުށަހެޅުއްވީ މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅެވެ. ޓްރަމްޕް ފުރަތަމަ ދައުވާ ކުރެއްވީ 10 ބިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ހޯއްދަވަން ނަމަވެސް ފަހުން އެ އަދަދު ވަނީ 20 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.

އެމެރިކާގެ ކުރީގެ ނާއިބު ރައީސް ކަމަލާ ހެރިސް،. ހެރިސް ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވާފައި.ފޮޓޯ/ގެޓީ
އެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ބުނެ، މައްސަލަ ބާތިލް ކުރުމަށް ފަނޑިޔާރުންގެ ކިބައިން ސީބީއެސް އިން ކުރިން އެދިފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އެއަށްފަހު މިދިޔަ މެއި މަހު ދައުވާ ސެޓްލް ކުރުމަށް ޕެރަމައުންޓުން 15 މިލިއަން ޑޮލަރު ހުށަހެޅިއެވެ. ނަމަވެސް ޓްރަމްޕް ބޭނުންފުޅުވީ 25 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދަކަށް ސެޓްލް ކުރުމަށެވެ.
އެންމެ ފަހުން ދެ ފަރާތުން ވަނީ 16 މިލިއަން ޑޮލަރުގެ ބަދަލަކަށް އެއްބަސްވެފައެވެ.
ޕެރެމައުންޓުން ބުނެފައިވާ ގޮތުގައި، އެ ފައިސާ ދާނީ ޓްރަމްޕްގެ ރިޔާސީ ލައިބްރަރީއަށެވެ. އަދި ބަދަލު ދޭން ހެދި އެއްބަސްވުމުގައި މައާފަށް އެދިފައިނުވާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމުގެ ހައްގަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ޓްރަމްޕް ހުށަހެޅުއްވި މައްސަލައަށް ފާޑުކިޔައި، އެއީ މީޑިއާއަށް ލިބިފައިވާ ރައްކާތެރިކަން ނައްތާލުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މިދިޔަ އަހަރު ކެމްޕޭންގައި ޓްރަމްޕް ވަނީ ރައީސް ކަމަށް އިންތިޚާބުވެއްޖެނަމަ ސީބީއެސްގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ.