ކަފިހި ހުރަހުން ދަނިކޮށް 74 އަހަރުގެ މީހެއްގެ ގައިގައި ސައިކަލެއް ޖެހި، އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް

އެކްސިޑެންޓުވެ، ކަފިހި ހުރަސް މަތިން ދިޔަ މީހާއާއި ސައިކަލު ދުއްވި މީހާ މަގުމައްޗަށް ވެއްޓިފައި --

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ކަފިހި ހުރަސް މަތިން މަގު ހުރަސްކުރަނިކޮށް، 74 އަހަރުގެ މީހެއްގެ ގައިގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ހިތަދޫގައި ހިނގި އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަަނީ އުމުރުން ދުވަސްވީ މީހަކު ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލެއް ގޮސް އެ މީހާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ މަގުމައްޗަށް ވެއްޓުނުއިރު، ސައިކަލުގައި އިން މީހާ ވެސް މަގުމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ފުލުހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، ހިތަދޫގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބުނީ 19:24ހާއިރެވެ.

އެ މުއައްސަސާއިން ބުނީ، ސައިކަލު ދުއްވަން އިން މީހާއާއި ހިނގާފައި ދިޔަ މީހާއަށް ފަރުވާ ދިނުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ސައިކަލު ދުއްވަން އިނީ 59 އަހަރުގެ ފިރިހެނެކެވެ. އަދި ހިނގާފައި ދިޔައީ 74 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އެމާޖެންސީގައި ކަމަށްވާއިރު، ސައިކަލު ދުއްވަން އިން މީހާގެ އުޅަނބޮށި މަށައިގެންގޮސްފައިވާ ކަމަށް އެނގިފައިވެއެވެ. އަދި 74 އަހަރުގެ މީހާއަށް ބޭރު ފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު ހުޅުމާލޭގައި ވެސް ކަފިހި ހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި، ސައިކަލެއް ޖެހުނު މައްސަލައެއް ފުލުހުން ބަލަމުންދެއެވެ. އެ ހާދިސާގައި ހިނގާފައި ދިޔަ 54 އަހަރުގެ ދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެއެވެ.

https://www.sun.mv/207549

އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާއިރު، ގުޅިފައިވާ ރަށްތަކުގައި، ޚާއްސަކޮށް ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު 1,538 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އައްޑުއިން ރިޕޯޓުކޮށްފައިވާ 18 މައްސަލައެއް ހިމެނެއެވެ.

comment ކޮމެންޓް