ދަރަނީގެ މައްސަލަ ދިމާވަނީ ދުނިޔޭގެ މާލީ ނިޒާމު އޮތް ގޮތުން، ހިންގުމުގެ މައްސަލައަކުން ނޫން: ނައިބު ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު: ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4)ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް، ވަކީން ޚާއްސަކޮށް ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ގައުމުތަކަށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށެވެ.

އެ މަނިކުފާނުވަނީ ވަނީ ސިޑްސްއަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މުހިންމު، މާލީ އިސްލާހުތަކަކަށް ވަކާލާތު ކުރައްވައިފައެވެ. އަދި ތަރައްގީއަށް ވުނަކުރުމަށް މަގުފަހިކުރުމަށް ޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްގީކޮށް، އާންމު ލޯނުތަކަށްވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ކޮންސެޝަނަލް ލޯނު ހޯދުމާއި، މި ގައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް އިލްތިމާސްކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއަދުގެ މާލީ މާހައުލުގައި ސިޑްސްގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވައިފައެވެ.

ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން، އެ މަނިކުފާނު ދެއްވިއެވެ. ސިޑްސްއަށް ޚާއްސަ ކުރެވިގެން ހައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރައި ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަ ކުރައްވައި، މިފަދަ ޚިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ވެސް އެ މަނިކުފާނު ވަނީ ބާރުއަޅުއްވައިފައެވެ.

މި އިވެންޓުގައި، އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އދ.ގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ވެސް ބައިވެރިވެވަޑައިގަތެވެ.

ޖޫން މަހުގެ 30އިން ޖުލައި މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފްއެފްޑީ-4ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް އެ މަނިކުފާނު ވިދާޅުވިއިރު، މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު، ނުވަތަ 10.6 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރު، ނުވަތަ 17 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

މި އަހަރަށް ފާސްކުރި 56.4 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ކަނޑައަޅާފައިވަނީ ތިން ބިލިއަން ރުފިޔާއެވެ. ޖޫން 12ގެ ނިޔަލަށް އޭގެ ތެރެއިން ބާކީ ހުރީ 800 މިލިއަން ރުފިޔާއެވެ.

https://www.sun.mv/207329

ރާއްޖޭގައި ދަރަނި ބޮޑުވެފައިވަނީ އެތައް އަހަރެއް ވަންދެން ސަރުކާރުތަކުން ދެމެހެއްޓޭ ވަރަށްވުރެ އިތުރަށް ޚަރަދު ބޮޑު ކުރުމުގެ ސަބަބުން ކަމަށްވާއިރު، ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް އެންމެ މުހިންމު ކަމަކީ ޚަރަދު ކުޑަކުރުން ކަމަށް ކަމާ ގުޅުންހުރި މާހިރުންނާއި ބޭރުގެ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

މި ސަރުކާރުން ޚަރަދުކުޑަކުރުމަށް، 7.7 ބިލިއަން ރުފިޔާގެ މާލީ އިސްލާހީ ފިޔަވަޅުތައް މި އަހަރުގެ ބަޖެޓުގައި ހިމަނައިފައިވެއެވެ. އެގޮތުން ސަބްސިޑީ ފަދަ ޚަރަދުތައް ކުޑަ ކުރަން އޮތް ނަމަވެސް، ފަހުން ސަރުކާރުން ވަނީ އެ ފިޔަވަޅުތައް ނާޅަން ނިންމައި، މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ޚަރަދު ކުޑަކުރަން ނިންމައިފައެވެ.

comment ކޮމެންޓް