ފާއިތުވި ހަ މަސް ތެރޭ ދަ ޑިމޮކްރެޓްސްއިން 120 މެންބަރުން މަދުވިއިރު، އެ މުއްދަތުގައި އެމްޑީޕީއާ ގުޅިފައިވަނީ 10 މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުން ދައްކައިފިއެވެ.
ދަ ޑިމޮކްރެޓްސްއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެއިރު ވެރިކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން އެ ޕާޓީން ވަކިވި މެންބަރުން އުފެއްދި ޕާޓީއެކެވެ. އެގޮތުން އެމްޑީޕީ ދެ ފެކްޝަނަކަށް ބެހުނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ތާއިދުކުރާ މީހުންނަށެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވީ ނަޝީދާއި އެ މަނިކުފާނަށް ތާއިދުކުރާ މެންބަރުންނެވެ. އެ ދެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވެ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ނަޝީދު ވަނީ އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަށް ތާއިދުކުރައްވައިފައެވެ.
އެއަށްފަހު މިދިޔަ މަހު ނަޝީދާއި ޑިމޮކްރެޓްސްވަނީ އެމްޑީޕީއާ އަލުން ގުޅެން ނިންމައިފައެވެ. އެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިދިޔަ މަހުގެ 23ގައި ބޮޑު ޖަލްސާއެއް ވެސް އެމްޑީޕީން ބޭއްވިއެވެ.
އެހެންނަމަވެސް، އީސީން މިރޭ އާންމުކުރި ދަފުތަރުން ދައްކާ ގޮތުގައި، މިދިޔަ ޖަނަވަރީ މަހާއި މިދިޔަ މަހުގެ 30އާ ދެމެދު ޑިމޮކްރެޓްސްއިން 120 މެންބަރުން ވަކިވެފައިވާއިރު އެމްޑީޕީއަށް އިތުރުވެފައިވަނީ 10 މެންބަރުންނެވެ.
މިދިޔަ އަހަރުގެ ލިސްޓު އާންމުކުރިއިރު، އެހާތަނަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މެންބަރުންގެ އަދަދަކަށް އޮތީ 43,755 އެވެ. މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 43,765 އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ޑިމޮކްރެޓްސްގައި ތިބީ 3,667 މެންބަރުން ނަމަވެސް މިހާރު އެ އަދަދު ވަނީ 3,547އަށް ދަށްވެފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކީ މިހާރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ. އެ ޕާޓީގައި 68,665 މެންބަރުން އެބަތިއްބެވެ.
އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދަކީ:
- ޢަދާލަތު ޕާޓީ: 8,844
- ޖުމްހޫރީ ޕާޓީ: 13,456
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,011
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް: 2,272
- މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,836
- ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,046
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޕާޓީގެ ލީޑާޝިޕުން މަރުހަބާ ކިޔައިފައިވާއިރު، ނަޝީދެކޭ އެއްގޮތަށް އެ ބޭފުޅުން ވެސް ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންނެވެ.
ޞާލިޙް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވީ، ނަޝީދު އެމްޑީޕީއާ ގުޅުމުގެ ހަފުލާ ބޭއްވުމުގެ އެއް ދުވަސް ކުރިންނެވެ. އޭގެ ކުރިން ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިންތިޚާބަށް ޝައުގު ފާޅުކުރައްވައިފައެވެ. އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް މަސްދަރުތަކުން ހާމަކޮށްފައިވެއެވެ.
ފައްޔާޒުވަނީ، އެމްޑީޕީން ދެން ބާއްވާ ޕްރައިމަރީއެއްގައި، 2023ގައި ކަންތައްތައް ހިނގައިދިޔަ ގޮތް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.