މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން މިފަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ކަނބުލޮ"ގެ ޕޯސްޓަރު އާންމުކޮށްފިއެވެ.
ފިލްމުގެ ޕްރޮޑަކްޝަން ސެޓާން ސްޓޫޑިއޯއިން ސޯޝަލް މީޑިއާއަށް ދާދިފަހުން ދޫކޮށްލާފައިވާ ޕޯސްޓަރުގައި ފެންނަނީ މި ފިލްމުގެ ލީޑު އެކްޓަރު މަރިޔަމް އައްޒައެވެ. އައްޒަ ހުންނަނީ ތުއްތު ކުއްޖަކު އުފުލައިލައިގެންނެވެ. މި ފިލްމަކީ އިޖުތިމާއީ މައްސަލައަކަށް އަލިއަޅުވާލާނެ ފިލްމެއް ކަން ޕޯސްޓަރުން ވެސް އެނގެއެވެ. މި ޕޯސްޓަރުން ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވެއެވެ.
https://www.instagram.com/p/DLl6LpUxWEd
އަލަށް ނެރެން އުޅޭ ފިލްމުގެ ފަހަތުގައި ވަނީ ކަމަނާގެ ޓީމެވެ. އެގޮތުން އައްޒަ މި ފިލްމުގެ ލީޑަށް ހަމަޖައްސާފައިވާއިރު އޭނާ އަކީ ކަމަނާގެ ވެސް ލީޑު އެކްޓަރުގެ ރޯލު ކުޅެފައިވާ ތަރިއެވެ.
އައްޒަގެ އިތުރުން ފިލްމުގެ ރޯލުތަކުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލްގެ އިތުރުން ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދާއި، މަރިޔަމް ޝަކީލާ ފެންނާނެއެވެ.
މިދިޔަ އަހަރު ނެރުނު ފިލްމު ކަމަނާ އަކީ ހަގީގީ ވާހަކަތަކަކަށް ބިނާކޮށް ގެނެސްދިން ޑްރާމާ ފިލްމެކެވެ. ކިޑް ޕްރޮޑަކްޝަން އަދި ސެޓާން ސްޓޫޑިއޯސް އިން ގެނެސްދިން ކަމަނާ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި އަދި ގިނަ ބަޔަކު ރޮއްވާލި ފިލްމެކެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ކަނބުލޮ އަކީ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ.
މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009ވަނަ އަހަރު ނެރުނު ވާހަކަ ކަމަށްވާ "ޔުކްތާ"އަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ޔުކްތާ އަކީ 2009 ވަނަ އަހަރުގެ ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ.
މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރާނީ މަހުދީ އަހުމަދެވެ. އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތްތައް ވަނީ މިހާރު ފަށައިފައެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ކަނބުލޮ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓު 31 ގައެވެ. މި ފިލްމު ޕްރިމިއާ ކުރާނީ އޮލިމްޕަހުގައެވެ.