ސިންގަޕޫރު ދަތުރުފުޅުން ކަމެއް ދަސްކުރައްވާނަމަ!

ދިވެހި ބައެއް ވެރިން ސިންގަޕޫރު ދަތުރުގެ ތެރެއިން: ސިޔާސީން އެންމެ ގިނައިން މިސާލު ޖައްސަވާ އަދި ގިނައިން ދަތުރު ކުރައްވާ އެއް ގައުމަކީ ސިންގަޕޫރު -- ސަން ގްރެފިކްސް: އަލީ އަލްތޯފް

ފުޓްބޯޅަ ކުޅުންތެރިއަކު މެޗެއް ބަލަން އިންނައިރު އެހެން ކުޅުންތެރިންގެ މޮޅު ހުނަރުން ކަންކަން ދަސްކޮށް އޭނާގެ ކުޅުމުގައި އެކަންކަން ކުރެވޭތޯ ބަލާނެއެވެ. ލިޔުންތެރިއަކު މޮޅު ލިޔުމެއް ކިޔާއިރު އެ ލިޔުން ލިޔެފައިވާ ގޮތާމެދު ވިސްނައި އެ ބަދަލު އޭނާގެ ލިޔުންތަކަށް ގެނެވޭތޯ ބަލާނެއެވެ. ފިލްމު ޑައިރެކްޓަރަކު ފިލްމެއް ބެލިޔަސް ހަމަ އެގޮތެވެ. ކައްކާއެއް މީރު އެއްޗެއް ކެޔަސް ހަމަ އެ އުސޫލެވެ.

އެ މީހެއްގެ ދާއިރާއިން އެ ފެންނަ, ނުވަތަ ދަސްވާ މޮޅު ގޮތް އެ މީހާގެ މަސައްކަތުގައި ހިމަނައި ކުރިއެރޭތޯ ބެލުމަކީ ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް ހިތަށް އަރާ ސުވާލަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް އެހެން ނުވަނީ ކީއްވެގެންތޯއެވެ؟

"ސިންގަޕޫރު!", "ސިންގަޕޫރު!", "ސިންގަޕޫރު!"


މިއީ އިންތިޚާބުތަކުގައި ސިޔާސީ ބޭފުޅުން އެންމެ ގިނައިން ދައްކަވާ މިސާލެވެ. ބައެއް ފަހަރު ދިވެހި ގައުމުގެ ނަމަށް ވުރެން އެ ގައުމުގެ ނަން ވިދާޅުވާލެއް ގިނަހެން ހީވެއެވެ. އެ ވަރުން ނިމުނީއެއް ނޫނެވެ. މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން, ވެރިކަން ލިބިވަޑައިގަތުމުން އެންމެ ގިނައިން ދަތުރުތައް ކުރައްވާ އެއް ގައުމަކީ ވެސް ސިންގަޕޫރެވެ. އެ ގައުމުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައެވެ. ތަރައްގީގެ މަޝްރޫއުތައް ހިނގާ ގޮތާއި ހިންގި ގޮތް ބައްލަވައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމަށް އެ ގައުމުވާއިރު އެ ގައުމުގެ އެތަން މިތަނަށް ވަޑައިގެން, އަގު ބޮޑު ހޮޓާތަކުގައި ނިދިކުރައްވައެވެ.

ރައީސާއި އަނބިކަނބަލުން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަަންގައި: ދެކަނބަލުންގެ ނަމުން އޯކިޑަކަށް ވަނީ ނަން ދީފައި -- ފޮޓޯ/ ރައީސް
ބޮޑު ވަފުދަކާއެކު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް ރާއްޖެ ވަޑައިގެންނެވީ ރޭގައެވެ. ލައްކަ ތަންތަނަށް ޒިޔާރަތް ކުރައްވައި, މާމަލަށް ނަން ދެއްވައި, އެގްރީމެންޓްތައް ހައްދަވައި, އެތައް ފޮޓޯތަކެއް ނެންގެވުމަށް ފަހުގައެވެ.

ކުރީގެ ވެރިންނާއި މިހާރުގެ ސަރުކާރުން ގައުމަށް ޚިދުމަތް ނުކުރެއެކޭ ނޫނެވެ. ނަމަވެސް އަބަދު ސިންގަޕޫރުގެ ވާހަކަ ދައްކަވާއިރު, އަދި އިރުއިރުކޮޅުން ސިންގަޕޫރަށް ވަޑައިގަންނަވާއިރު އެ ގައުމުން ކުޑަކޮށް ވެސް ކަމެއް ދަސް ކުރައްވާހެނެއް ހިޔެއްނުވެއެވެ. އޭގެ ހެއްކަކީ ފަސޭހައިން ކުރިއެރުވެން އޮތް މި ކުޑަކުޑަ ގައުމު މިއަދު މިއޮތް ހާލަތެވެ. މިއީ އެތައް ސިޔާސީންގެ އިހުމާލެވެ.

ހެޔޮނިޔަތެއް އޮތްނަމަ ސިންގަޕޫރުން އެތައްކަމެއް ދަސްކުރެވޭނެ

ސިންގަޕޫރުގެ ތަރައްގީގެ ފަހަތުގައި ވަނީ, ގައުމު ދެކެ ވަރަށް ލޯބިވާ, ޖެހިލުން ކުޑަ, އިންތިހާއަށް ހީވާގި, އިހުލާސްތެރި ވެރިޔާ, ލީ ކުއާން ޔޫ އެވެ. އެ ބޭފުޅާ އެ ގައުމުގެ ވެރިކަން ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވިހާ ދުވަހެވެ. އެ ގައުމަށް މިނިވަންކަން ވެސް ލިބުނީ ރާއްޖެއާ ދާދި އެކީގައި ކަހަލަ ގޮތަކަށެވެ. ސިންގަޕޫރު ތަރައްގީވެގެން އައި އެ މުއްދަތަކީ މިހާރު ދުނިޔޭގެ އެހެން އިގްތިސާދީ ބާރުތައް ކަމަށްވާ ޗައިނާ ފަދަ ގައުމުތައް ވެސް ކުރިއެރި ދުވަސްވަރެވެ. ވަރަށް ފަގީރު ކަމުން ދުނިޔޭގެ ބާރަކަށެވެ. އެ ގައުމުތަކުގެ ރައްޔިތުންގެ ނަސީބަކީ, ތިމާ ގިނަ ދުވަހު ވެރިކަމުގައި ހުރުމަށާއި ތިމާއާއި ތިމާ ވަށައިގެންވާ މީހުން އެކަނި ތަނަވަސް ކުރަން ވިސްނުމުގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތްއޮތް ވެރިން ލިބުމެވެ. ދިވެހީންނަށް ނުލިބުނީ އަދި ނުލިބެނީ އެ ނަސީބެވެ.

ލީ ކުއާން ޔޫގެ 31 އަހަރުގެ ވެރިކަމުގައި ވަނީ, މަދިރި އުފެދޭ ޗަސް ބިމެއްގެ ގޮތުގައި އިނގިރޭސީންގެ އިސްތިއުމާރުގެ ދުވަސްވަރު އޮތް ސިންގަޕޫރު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފައިނޭންޝަލް ސެންޓަރަށް ހައްދަވައިފައެވެ. އޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ގައުމުގައި މަސްތުވާތަކެތީގެ ވަބާ އޮތީ އިންތިޚާއަށް ބޮޑުވެފައެވެ. ތައުލީމީ ގާބިލް މީހުން ވަރަށް ވެސް މަދެވެ. ކުށް އެހާގިނައެވެ. ނަމަވެސް ވަރަށް ފޯކަސް, ސިޔާސަތުތަކެއްގެ ދަށުން ސިންގަޕޫރު، އާދައިގެ ކުޑަކުޑަ ބަނދަރެއްގެ ގޮތުގައި އޮއްވައި، ދުނިޔޭގެ އެންމެ މުއްސަނދި އަދި ކުރިއަރާފައިވާ ވިޔަފާރީގެ "ހަބަކަށް" ބަދަލުކުރެއްވީ ލީ ކުއާން ޔޫއެވެ.

https://www.sun.mv/180753

އެކަން ކުރެއްވުމަށް ލީ ކުއާން ޔޫ އެންމެ އިސްކަން ދެއްވީ ގާބިލް މީހުން މަގާމުތަކަށް ގެނައުމަށެވެ. އެކަން އަދިވެސް ސިންގަޕޫރުގައި ތަންފީޒު ކުރެއެވެ. އެ ގައުމުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކުރަނީ މެރިޓް އުސޫލުންނެވެ. ވަޒީރުންނަށް ވެސް އަދި އެހެން އިސް މަގާމުތަކަށް ވެސް އާދެވޭނީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ލައްކަ ކަންކަން ހާސިލް ކުރައްވައިގެންނެވެ. އެ ގައުމުގެ މުއައްސަސާތައް ވަރުގަދަ ވެފައި, ތަންފީޒު ކުރެވެނީ އެހެންވެއެވެ.

"ވަރުގަދަ އިދާރާތަކެއް އުފައްދަން މަގާމުތަކަށް އައްޔަން ކުރަންވާނީ ކޮލެޓީ މީހުން. އެފަދަ މީހުން ނެތި އެ އިދާރާތައް ފެއިލް ވާނެ. އެފަދަ މީހުން ތިބެއްޖެނަމަ ނުވާނެހެން ހީވާކަންކަން ހަގީގަތަކަށް ހެދޭނެ," ލީ ކުއާން ޔޫ ވިދާޅުވެފައިވެއެވެ.

ނަމަވެސް ރާއްޖޭގައި އެކަން އޮތީ ވަރަށް ދެރަވަރުކޮށެވެ. އެންމެ އިސް މަގާމުތަކަށް ބެލިނަމަވެސްމެއެވެ. ވަކި މީހެއްގެ އަތްބަކަށް ވީތީ, ނޫނީ ދަރިއަކަށް ވީތީ ސީދާ ވަޒީރުކަން އެބަލިބެއެވެ. ސޯޝަލް މީޑިއާގައި އިދިކޮޅު މީހުންނާ ޒުވާބުކޮށްދޭ މަތިން މާ ސިންގާ މުސާރަ ލިބޭ ވަޒީފާތައް އެބަދެއެވެ. ކުރީގެ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގައި ވެސް އޮތީ އެގޮތެވެ. މި ސަރުކާރުގެ ސީދާ އަދަދު ހާމަ ނުކުރާ ސިޔާސީ މީހުންގެ ތެރޭގައި ވެސް މިފަދަ މީހުން ގިނައެވެ.

ސިޔާސީ ބާރުވެރިކަމަށް ދިވެހި ވެރިން ކުރާ ކަމަކީ ވަޒީފާތައް ބަހައިގެން ސިޔާސީ ބޭނުމަށް ރައްޔިތުން ބޭނުން ކުރުމެވެ. އޭގެ ސަބަބުން އަމިއްލަ މަސައްކަތް ކުރާނެ ދިވެހީން ލިބުން ދަތިވެއްޖެއެވެ. ފެނަކަ އާއި އެމްއޭސީއެލްފަދަ ކުންފުނިތަކުގައި ކުރާނެ ކަމެއް ނެތި, މުސާރަ ނަގާލަ ނަގާލާ އެތައް ބަޔަކު އެބަތިއްބެވެ. ސިންގަޕޫރަށް ބަލާއިރު އެ ގައުމުގެ މަސައްކަތު އާބާދީގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި އުޅެނީ އެންމެ 10 ޕަސެންޓެވެ. އަނެއް 90 ޕަސެންޓް އުޅެނީ ޕްރައިވެޓް ސެކްޓަރުގައެވެ.

ހަމައެކަނި ސިޔާސީ މަގާމެއް ނޫނެވެ. ރާއްޖޭގައި މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ފަދަ ގިނަ ތަންތަނުގައި ވެސް ތިއްބެވީ ސިޔާސީ ނުފޫޒުން އެ މަގާމުތަކަށް އައިސްތިބި ބޭފުޅުންނެވެ. މުޅިންހެން އިސް މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ ގާބިލުކަމަށް ވުރެން ސިޔާސީ ގޮތުން އޮތް ގާތްކަމާއި ވަފާތެރި ކަމަށް ބަލައިގެންނެވެ. ނަތީޖާއެއްގެ ގޮތުން އޭރަކު އޮންނަ ސަރުކާރަކުން ކޮންމެ ފަދަ ކަމެއް ކުރިޔަސް ގިނަ މުއްސަސާތަކުގެ ވެރިންނަށް އެކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވާކަން ނުވަތަ ކަމެއް ކުރާކަށް ނުކެރޭނެއެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ ގިނަ މުއައްސަސާތަކުގައި އާރެއް, ބާރެއް, ނެތެވެ.


ސިންގަޕޫރުގެ ތަރައްގީގެ އަނެއް ސިއްރަކީ ކޮރަޕްޝަނަށް އޮންނަ "ޒީރޯ ޓޮލެރެންސް" އެވެ. އެއީ ކޮންމެ މަގާމެއްގައި ހުންނެވި, ކިތަންމެ ތަނަވަސް މީހެއް ވިޔަސްމެއެވެ. ކޮރަޕްޝަން ހިންގިކަން ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަދަބު ތަންފީޒު ކުރާނެއެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ދައްކާގޮތުގައި ކޮރަޕްޝަން މަދު ގައުމުތަކުގެ ތެރެއިން ސިންގަޕޫރު އޮތީ ދުނިޔޭގެ ތިން ވަނަ އަދި އޭޝިއާގެ އެއްވަނަ މަގާމުގައެވެ. ވޯލްޑް ބޭންކުން 2023ވަނަ އަހަރު އެކުލަވައިލި ގަވަމެންޓް އިފެކްޓިވް ރޭންކިންގައިވާ ގޮތުން ސިންގަޕޫރަކީ ކޮރަޕްޝަން ކޮންޓްރޯލް ކުރުމާއި ރެގިއުލޭޓަރީ ކޮލިޓީ އާއި ގާނޫނުގެ ވެރިކަމަށް ބޯލެނބުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ އެއް ޕަސެންޓްގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރާއްޖޭގައި ކޮރަޕްޝަން އޮތް ހާލަތު ބުނެދޭން މާ ދިގުކޮށް ލިޔުމުގެ ބޭނުމެއް ނެތެވެ. އެންމެ ކުރުގޮތަކީ ކޮރަޕްޝަން ނެތް ހަމަ އެއްކަމެއް ވެސް ނެތޭ ބުނުމެވެ. މިއީ ހަމަ ހަގީގަތެވެ. މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ވެސް ރާއްޖެ އެއް ޕޮއިންޓު ގެއްލި، ތިން ދަރަޖަ ފަހަތަށް ވަނީ ގޮސްފައެވެ. އެއީ، 39 ޕޮއިންޓުން 38 ޕޮއިންޓަށެވެ. މި އަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ތެރޭގައެވެ. ރާއްޖޭގެ ސްކޯއާއި ރޭންކުން ހާމަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ބުނެއެވެ.

ސިޔާސީ ވެރިންނާއި އިދާރާތަކާއި މުއައްސަސާތަކުގެ ވެރިންގެ އަމަލުތަކަށް ބަލާއިރު ހީވަނީ އެ މީހެއްގެ ދައުރުގައި ހޯދުނު ގޮތަކަށް ތަނަވަސްކަން ހޯދަން އުޅޭހެންނެވެ. މީގެ އެންމެ ހިތާމަވެރިކަމަކީ ކޮންމެ ފަދަ ކޮރަޕްޝަނެއް ހިންގިޔަސް ގިނަ މީހުންގެ މައްޗަށް އިންސާފު ގާއިމު ނުކުރެވުމެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ އޭގެ މިސާލެކެވެ. ދެ ބިލިއަނާ ގާތް ކުރާ އަދަދެއްގެ ފައިސާ ދިވެހި ދައުލަތުން ގެއްލުނުއިރު އަނބުރާ ފައިސާ ނުލިބުނުތާ އެކަން ކުރި މީހުންނަށް އަދަބެއް ވެސް ނުލިބުނެވެ. އެ ފައިސާ ހޯއްދަވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެންމެ ފަހު ވަގުތު ކުރެއްވި ކަމަކީ އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުވާ ބޭފުޅުން މިނިވަން ކޮށްދެއްވުމެވެ.

https://www.sun.mv/181142

ސިންގަޕޫރުގެ ކާމިޔާބީގެ އަނެއް ސިއްރަކީ ދިގު މުއްދަތަކަށް ޕްލޭންކޮށްގެން ކަންކަން ކުރުމެވެ. އެ ގައުމުގެ ބިންތަކާއި ވަސީލަތްތަކާއި, ބޯހިޔާވަހިކަމާއި، ދަތުރުފަތުރުކުރުމުގެ ސިޔާސަތުތައް ވެސް ބައްޓަންކޮށްފައި ވަނީ ކުރިއަށް އޮތް 30 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށްބަލައި ހަދާފައިވާ މާސްޓާ ޕްލޭންތަކަކުންނެވެ. މި ޕްލޭންތަކަކީ ސިޔާސީ ވިސްނުމުގެ ބަދަލުގައި އާއްމުންގެ ކަންބޮޑުވުމާއި އެ ދާއިރާއެއްގެ މާހިރުންގެ ލަފަޔާއި އިތުބާރު ހުރި ޑޭޓާގެ އެހީގައި އަބަދުވެސް ބަލައި, ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރާގޮތަށް ބައްޓަންކޮށްފައިވާ ޕްލޭންތަކެކެވެ. އޭގެ ނަތީޖާއެއްގެގޮތުން އެ ގައުމުގެ އާބާދީގެ 80 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ, ސްކޫލްތަކާއި ޕާކުތަކާއި ދަތުރުފަތުރުގެ ނިޒާމާ ގުޅުވައިގެން, ވިސްނުންތެރިކަމާއެކު ފަރުމާކޮށްފައިވާ ޕަބްލިކް ހައުސިންގައެވެ.

ދިވެހި ރާއްޖެއަށް ބަލާއިރު މި ގައުމުގެ ސިޔާސަތު އެއް ވެރިކަމުގައި ވެސް ދެތިން ހަތަރު ގޮތަކަށް ބަދަލުވާތަން އެބަފެނެއެވެ. ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުންތައް ވެސް އިރުއިރުކޮޅާ ބަދަލުވެއެވެ. ގައުމީ ތަރައްގީގެ ޕްލޭނެއް ނެތެވެ. އެއް ބަޔަކު ވެރިކަމަށް އައިސް ބޮޑެތި ލޯނުތައް ނަގައިގެން އާބާދީއެއް ނެތް ރަށްރަށަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްފާނެއެވެ. އަނެއް ބަޔަކު ވެރިކަމަށް އައިސް އެކަން އެ ހުރި ވަރެއްގައި ބަހައްޓާފައި އެއް ފަސް ކުރަން އުޅެފާނެއެވެ. ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާ ލެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ނަމަވެސް އަދި މިހާތަނަށް މިސަރުކާރު ފާހަގަ ކުރެވެނީ, ނިންމާ ނިންމުންތައް އިރުއިރުކޮޅާ ބަދަލު ކުރުން އާދަޔާ ހިލާފަށް ގިނަ ވެރިކަމެއްގެ ގޮތުގައެވެ.

ދިވެހީންގެ އާބާދީ ހަތަރު ލައްކަ ވެސް ހަމަނުވެއެވެ. މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. ދުނިޔޭގެ ފެންވަރުގެ އެތަކެއް ރިސޯޓެއް އެބަ ހިންގައެވެ. އެތައް ބިލިއަނަރުންނަކާއި މިލިއަނަރުންނެއް ޗުއްޓީ ހޭދަ ކުރަނީ މި ރާއްޖޭގައެވެ. އެކަމަކު ދިވެހީންގެ ހާލަތަށް ބަލާށެވެ. ހަތަރު ލައްކަ ހަމަނުވާ މި އާބާދީގައި ބޯހިޔާވަހިކަމެއް ނެތެވެ. ގިނަ ދިވެހީންނަކީ ކުލީގެ އަޅުންނެވެ. ލިބޭ އެއްޗަކުން ހަރަދުތައް ބެލެހެއްޓެނީ މަދު އާއިލާއަކަށެވެ. ދެކޮޅު ނުޖެހުމުގެ ހާސްކަމުގައި މީހުން ހަފުސްވަނީއެވެ. ކުށްކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އާއިލީ މައްސަލަތައް އިންތިހާއަށް އިތުރެވެ. މުޅި ގައުމުގައި މާޔޫސްކަމެވެ. އަނެއްކޮޅުން ގައުމު މިއޮތީ ދަރާ ބޯނުހިކޭ ހިސާބުގައެވެ. މާލީ އިދާރާތަކުން އެ ތިބީ ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ދީދީއެވެ. ކިހާ ލަދުވެތިތޯއެވެ.

50 ދަތުރުން ސިންގަޕޫރުން އެތައް ކަމެއް ދަސްވި

މޮރިޝަސްގެ ލަޒްގަރީ ހޮޓެލް ޗެއިނެއް ކަމަށްވާ ލަކްސްގެ ރީޖަނަލް ޑިރެކްޓާ އޮފް އެޗްއާރް އެންޑް ޓްރެއިނިންގެ މަގާމުގައި ހުންނެވި، ފަހުރުވެރި ދިވެއްސެއް ކަމަށްވާ ހުސެއިން އަފީފް ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ސިންގަޕޫރަށް 50އަށް ވުރެން ގިނަ ފަހަރު ވަނީ ދަތުރު ކުރައްވައިފައެވެ. ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ ޕްރޮފެޝަނަލުންގެ ޖަމިއްޔާ (މާޕް)ގެ އެއް ފައުންޑާ ކަމަށްވާ އަފީފް ދަންނަ, އެކުވެރިން ސިންގަޕޫރުގައި ވަރަށް ގިނައެވެ. އަދި އަފީފަކީ އަބަދުހެން ފޮތް ވިދާޅުވާ. އިލްމު ހޯއްދަވާހޯއްދަވާ ހުންނަވާ ބޭފުޅަކަށް ވާތީ ސިންގަޕޫރުގެ ކަންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިލައްވައެވެ.

ބައިނަލްއަގްވާމީ ކީނޯޓު ސްޕީކާ އަދި އެގްޒެކެޓިވް ކޯޗު އަފީފް ހުސެއިން-- ފޮޓޯ:
އަފީފް ވިދާޅުވާގޮތުގައި ސިންގަޕޫރުގެ އެންމެ ތަފާތު އެއް ކަމަކީ ކަންކަން ވަރަށް އަވަހަށް ތަންފީޒުކޮށް އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ނެރުމަށް އިސްކަން ދޭ މިންވަރެވެ. ހަމައެހެންމެ ކަމެއް ހިނގުމުން އަނެއް މީހާ ކުށްވެރި ކުރުމުގެ ސަގާފަތް ނުވަތަ އުސޫލު ސިންގަޕޫރުން ނުފެންނަ ކަމަށް އަފީފް ވިދާޅުވިއެވެ.

"ކަމެއް ގޯސްކޮށް ހިނގައިފިނަމަ އެކަމެއް ހިނގި ގޮތް ބަލައި, ދިރާސާކޮށް އެކަން އެއަށް ވުރެން ރަނގަޅަށް ކުރުމުގެ ކަލްޗާއެއް އޮންނަނީ... އެ މީހުން އަބަދުވެސް އުޅޭނީ ކަންކަން ކުރުމުގައި. ވާހަކަ ދެއްކުމުގައެއް ނޫން." މަޝްހޫރު މޯޓިވޭޝަން ސްޕީކާ, އަފީފް ވިދާޅުވިއެވެ.

ގައުމެއް ވިޔަސް ކުންފުންޏެއް ވިޔަސް އެތަނެއް އަނެއް ހަރުފަތަށް ގެންދިއުމަށް ވެރިންގެ ލީޑާޝިޕަކީ އެންމެ މުހިންމު އެއް ކަންތަކެވެ. އަފީފް ވިދާޅުވާ ގޮތުގައި ސިންގަޕޫރުގެ ލީޑަރުންނަކީ މާ ގިނައިން ވާހަކަ ދައްކަވާ ބައެއް ނޫން ކަމަށާއި އެ މީހުން އިސްކަން ދެއްވަނީ ކަންކަން ކުރުމަށެވެ.

"ވާހަކަ ދެއްކުމުގައި ބިޒީވެގެން ނޫޅޭނެ. ކަންކަން ކޮށްފައި މީހުންނަށް ދައްކާފައި ރިޒަލްޓަށް އެ މީހުން އިންސްޕަޔާ ވާނީ." އަފީފް ވިދާޅުވިއެވެ.

ދެން އަފީފަށް އެ ގައުމުން އެންމެ ފާހަގަ ކުރެވޭ އަނެއް ކަމަކީ ރާއްޖޭގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަސް ކަމަށްވާ ކޮރަޕްޝަނާ ދެކޮޅު ސިންގަޕޫރުން ގެންގުޅޭ ސިޔާސަތެވެ. ސަރުކާރުން ފެށިގެން އަމިއްލަ ވިޔަފާރިތަކުގައި ވެސް ކޮރަޕްޝަނަށް އޮންނަނީ "ޒީރޯ ޓޮލެރެންސް" އެވެ. މިއީ ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް ވަރަށް ވިދާޅުވާ ބަހެކެވެ. އެކަމަކު އެކަން އޮންނަނީ ދިމާ އިދިކޮޅަށެވެ.

"އެ މީހުން އަބަދު އެހެން ނުއެއް ކިޔާނެ. މިސާލަކަށް ސިންގަޕޫރުގެ ޕްރައިމް މިނިސްޓަރު ލީ ކުއާން ޔޫ ވެރިކަމުގައި ހުންނެވިއިރު ޕޯޑިއަމްތަކުގައި ވިދާޅުވެފައި އެބަހުރި ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަމަށް. މިހާރު ނުޖެހޭނެ އެ ވާހަކަ ދައްކާކަށް،" އަފީފް ވިދާޅުވިއެވެ.

"އެއީ ސިންގަޕޫރުގެ ސިސްޓަމުގެ ތެރޭގައި އެ އޮތީ އެކަން ލިޔެވިފައި. މީހުންގެ ހިތުގައި ސިކުނޑީގައި އެކަން ހަރުލާފައި އޮތީ. ސިންގަޕޫރަށް 60 އަހަރުވާއިރު އެންމެ އެންމެ ކާމިޔާބު ކަމަކީ އެއީ. އެކަމަކު ރާއްޖޭގައި އެހެނެއް ނޫން މިވަނީ."

އަނެއް ކަމަކަށް އަފީފް ފާހަގަ ކުރެއްވީ އެ ގައުމުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގުޅުން ރަނގަޅުވުމާއި ގައުމުގެ ކަންކަމަށް އިސްކަން ދޭ މިންވަރެވެ. ރައްޔިތުންގެ ފައިސާއިން އެ މީހުންނަށް މުސާރަ ދެނީ ގައުމަށް ޚިދުމަތް ކުރަންކަން އެ މީހުން ގަބޫލު ކުރާކުރުމާއި ގުޅިގެން އެ ޚިދުމަތުގައި އުޅޭއުޅުން އަފީފަށް ވަރަށް ފާހަގަ ކުރެއްވެއެވެ.

ކޮންމެވެސް ގޮތަކަށް ކޮންމެވެސް ކަމެއް އަބަދު ވެސް ދަސްކުރަން އުޅޭ މީހުންނަކީ ކުރިއަރާނެ މީހުންނެވެ. ދުނިޔޭގެ އެންމެ ތަނަވަސް މީހުންގެ ތެރޭގައި ފޮތް ކިޔާ މީހުން ވެސް ގިނައީ އެހެންވެއެވެ. އެ މީހުން އެ ހިސާބަށް ގެންގޮސްދޭ ސަވާރީއަކީ އެ ހޯދާ އިލްމެވެ. މިއީ އަފީފަށް ސިންގަޕޫރުން ވަރަށް ބޮޑަށް ފާހަގަވާ ކަމެކެވެ. ކަންކަން އަބަދުވެސް ދަސްކުރުމުގެ ސަގާފަތެއް އެ މީހުންގެ ތެރޭގައި ވަރަށް ބޮޑަށް އޮންނަ ކަމަށް އަފީފް ވިދާޅުވިއެވެ.

https://www.sun.mv/189287

މި ވާހަކަ ވަރަށް ދެއްކިއްޖެއެވެ. ވަރަށް ލިޔެވިއްޖެއެވެ. އެކަމަކު ހިތާމައަކީ ކަންކަން ރަނގަޅުވާތަން ނުފެންނާތީއެވެ. ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކަށް ވުރެން އާބާދީ މަދު މި ރާއްޖެ ތަރައްގީ ކުރުމަކީ އިހުލާސްތެރިކަމެއް ހުރެއްޖެނަމަ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެކަން ވާނީ އެއާ ގުޅުވައިގެން ކުރަން ޖެހޭ ކަންކަން ކޮށްގެންނެވެ. ގާބިލް މީހުން ގާތްކޮށްގެންނެވެ. މޫނަށް ކަނދުރާއަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކޮށްގެންނެވެ. ދިރާސާކޮށް, ދިގު މުއްދަތަށް ފޯކަސް ކޮށްގެން ތަރައްގީ ގެނެސްގެންނެވެ.

އެއީ ސިންގަޕޫރުން ދަސްކުރަން ޖެހޭ ކަންކަމެވެ. ސިންގަޕޫރުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކެވި ނަމަވެސް, އަދި ކިތަންމެ ދަތުރެއް އެ ގައުމަށް ކުރެއްވި ނަމަވެސް މިކަންކަން ރާއްޖޭގެ ސިޔާސީންނަށް އަދި ދަހެއް ނުވެއެވެ. އެކަން ދަސް ކުރައްވާނަމަ ކޮން ފަދަ ނަސީބެއްތޯއެވެ.

comment ކޮމެންޓް