ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު ދަތުރުކޮށްފިއެވެ.
އެކާވީސް އަހަރުން ދަށުގެ މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ މިއަދު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގައި ޗައިނީސް ޓައިޕޭއާ ވާދަކޮށް ފަސޭހަކަމާއެކު 61-39 ޕޮއިންޓުންނެވެ.
މުބާރާތުގެ ޕްލޭޓް ކެޓަގަރީގައި ވާދަކުރަމުން އަންނަ ރާއްޖެ ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައެވެ. ރާއްޖޭން ސެމީ ފައިނަލަށް ދަތުރުކުރީ ދެވަނަ ޓީމުގެ ގޮތުގައެވެ.
ރާއްޖެ ބަލިވީ ޕާކިސްތާން އަތުން އެކަންޏެވެ. މުބާރާތުގެ ފައިނަލުގައި ރާއްޖެއިން ކުޅެން ޖެހޭނީ ޕާކިސްތާނާއެވެ. މުބާރާތުގެ ފައިނަލަށް ޕާކިސްތާނު ދަތުރުކުރީ ސެމީގައި ޖަޕާން ބަލިކޮށްގެންނެވެ. އެއީ 64-39 ގެ ނަތީޖާއަކުންނެވެ.
ގްރޫޕް ސްޓޭޖުގެ ރޭންކިންގައި ޕާކިސްތާނަށް 10 ޕޮއިންޓް ލިބުނުއިރު، ރާއްޖެއަށް ވަނީ 8 ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އޮތް ޗައިނީސް ޓައިޕޭއަށް ހަ ޕޮއިންޓް، އަދި ޖަޕާނަށް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ސައުދީ އަރަބިއްޔާއަށް ދެ ޕޮއިންޓް އަދި ދެކުނު ކޮރެއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިއީ ރާއްޖޭގެ ނެޓްބޯޅައިގައި ބޮޑު ކާމިޔާބީއެކެވެ. އަދި ޒުވާން ނެޓްބޯޅަ ޓީމަކުން މިހާތަނަށް ނެރުނު އެންމެ ރަނގަޅު އެއް ނަތީޖާއެވެ.