ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޝިމަންއާއި މަހްޒޫމަށް ދައުވާކޮށްފި

ޝިމަންއާއި މަހުޒޫމް: އެމީހުންގެ މައްޗަށް ޕީޖީން ވަނީ ދައުވާކޮށްފައި ---

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

ޔުމްނުގެ މައްސަލައިގައި އިންސާފަށް ގޮވާލައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މަހުޒޫމާއި ޝިމަން ތިން ދުވަހަށް ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، އޭގެފަހުން، ބަންދު މުއްދަތު ހަމަނުވަނީސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

އެމައްސަލައިގައި އެދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ، މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން، މަހުޒޫމްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހެޅީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށް ޕީޖީން ބުންޏެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ބަންދުކުރުމެވެ.

ދައުވާ ކުރި ސަބަބެއް ކަމަށް ބުނީ، މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރާތީ ފުލުހުން އަޑުގަދަ ކުރާ ނެގި ވަގުތު މަހުޒޫމް ފުލުހެއްގެ މޭމަތީ އަތްއަޅައި ކޮއްޕަލާފައިވާތީ ކަމަށެވެ.

ޝިމަންގެ މައްޗަށް ދައުވާ ކުރީ، ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

މިގޮތުން، ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީން ބުނީ، މިދިޔަ މެއި އެއްވަނަ ދުވަހުގެ ރޭ މުޒާހަރާ ކުރި ސަރަޙައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، އޭނާ ފުލުހުންގެ ސަފު ރޫޅާލުމަށްފަހު، ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ އެ ފުލުހުންގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށެވެ.

ޝިމަންގެ ދައުވާގެ އަސާސީ އަދަބަކީ، ހަތަރު މަހާއި 24 ދުވަހަށް ބަންދުކުރުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މުޒާހަރާތަކުން އެދެ ޒުވާނުން ހައްޔަރުކުރުމުން އޭރު އެމްޑީޕީއާއި ޑިމޮކްރެޓުން އެ މީހުން ދޫކޮށްލުމަށް ގޮވާލިއެވެ.

comment ކޮމެންޓް