މި ސަރުކާރުން ވެސް ޗާގޯސްއާ ގުޅޭ ގޮތުން ސިޔާސަތު ބަދަލުކުރި ކަމަށް ބުނެ އެމްޑީޕީގެ ފާޑުކިޔުން

ރައީސް މުއިއްޒު، ރިޔާސީ ބަޔާން އިއްވަވަނީ: ރާއްޖޭގެ ދެކުނު ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ވިދާޅުވެ ރައީސް ވެރިކަމަށް ވަޑައިގަތްއިރު، މި ސަރުކާރުން ވެސް ޗާގޯސްއާ ގުޅޭ ގޮތުން ސިޔާސަތު ބަދަލުކުރި ކަމަށް ބުނެ އެމްޑީޕީންވަނީ ފާޑުކިޔައިފައި -- ފޮޓޯ/ މަޖިލިސް

މި ސަރުކާރުން ވެސް ޗާގޯސްއާ ގުޅޭ ގޮތުން ސިޔާސަތު ބަދަލުކުރި ކަމަށް ބުނެ އެމްޑީޕީން މިއަދު ފާޑުކިޔައިފިއެވެ.

ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސް ހޯދުމަށާއި، ޗާގޯސްއާ ކައިރިން ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދުން އިން ކަނޑައެޅުމަށް، މޮރިޝަސްއިން އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާއިރު، އދ.ގައި ރާއްޖެއިން އަބަދުވެސް ވޯޓު ދެމުން އައީ މޮރިޝަސްއާ ދެކޮޅަށެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އޮގަސްޓު މަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ އެ ސްޓޭންޑް ބަދަލުކޮށްފައިވާކަން ސިޓީފުޅަކުން މޮރިޝަސްއަށް އަންގަވައިފައެވެ.

އެއަށްފަހު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 2023ވަނަ އަހަރުގެ އޭޕްރިލް 29ގައި ނިންމީ، ރާއްޖެއާއި މޮރިޝަސްއާ ފުށުއަރާ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ދިނުމަށެވެ.

އެ މައްސަލައިގައި ރައީސް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީ ހާމަނުކުރެއްވުމުންނާއި، ޞާލިޙްގެ ސަރުކާރުން އިމުގެ މައްސަލައިގައި އަމަލުކުރީ ގޯސްކޮށް ކަމަށް ބުނެ އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީން ފާޑުކިއެވެ.

ޕީއެންސީގެ ޓިކެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމަށް ވަޑައިގަތީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެއެވެ.

އެ މަސައްކަތުން ކުރިއެރުމެއް ލިބިފައިނުވާއިރު އެކަމާ ގުޅޭ ގޮތުން ރައީސް އެންމެ ފަހުން ވިދާޅުވެފައިވަނީ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް އެ މަސައްކަތަކީ ވަރަށް އުނދަގޫ، ކަވި މަސައްކަތެއް ކަމަށެވެ.

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން: އެމްޑީޕީން ވަނީ މި ސަރުކާރު ހިންގާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ޔޫރަޕިއަން ޕާލިމެންޓާ ބައްދަލުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރާ ހިންގާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެމްޑީޕީން ވަނީ ޔޫރަޕިއަން ޕާލިމެންޓާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝިއުނާއާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ އިތުރުން ސަރުކާރުން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ ވެސް ބައިވެރިވެވަޑައިގަތް ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި އެ ޕާޓީގެ ވަފުދުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާ ގުޅުންހުރި ސިޔާސަތުތަކާ ގުޅޭ ކަންބޮޑުވުންތައް ހިމެނެއެވެ. އެގޮތުން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ މިނިވަންކޮށް މޮނިޓާކުރުން ކުޑަވެ، ސަރުކާރުގެ ބައިނަލްއަގުވާމީ ގުޅުންތައް ސިޔާސީ ކޮށްފައިވާ ކަމަށެވެ.

އޭގެ އެއް މިސާލަކީ، މި ސަރުކާރުން ޗާގޯސްއާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތު ބަދަލުކުރުން ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން އެ ބައްދަލުވުމުގައި ގީލާ ވިދާޅުވީ، ސަރުކާރުން ޑިއޭގޯ ގާސިއާ ގުޅޭ ސިޔާސަތެއް ނުގެންގުޅޭ ކަމަށް, ކަމަށް އެ ޕާޓީން ބުންޏެވެ. ނަމަވެސް މި ސަރުކާރުން ރިޔާސީ ކެމްޕޭނުގައި ވާހަކަދައްކައިފައިވަނީ އެގޮތަށް ނޫން ކަމަށާއި އެ މައްސަލައިގައި ތަފާތު ދެ ގޮތަކަށް ވާހަކަ ދެއްކުމުން، ސަރުކާރުގެ ތެދުވެރިކަމާއި ސިޔާދަތަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުންތައް އުފެދޭ ކަމަށް އެމްޑީޕީން ބުންޏެވެ.

ކުރީ ސަރުކާރުގައި، ޞާލިޙް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެ މަނިކުފާނު އެއިރު ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަން ކަމަށެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި އެއީ ދެ މައްސަލައެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެ ސިޓީ މި ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައިވާއިރު، ސިޓީގައި ލިޔުއްވާފައިވަނީ ވަނީ ޞާލިޙް ވިދާޅުވި ވާހަކައެެވެ.

އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރުއެވެ. އަދި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައި ވަނީ 2036ގެ ނިޔަލަށެވެ.

https://sun.mv/198968

ނަމަވެސް 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.

އިނގިރޭސިވިލާތުން އެކަމަށް އެއްބަސްވުމުން ރައީސް މުއިއްޒު ވަނީ، ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް ވިދާޅުވެ ސިޓީފުޅެއް ފޮނުއްވައިފައިވާކަން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހާމަކުރައްވައިފައެވެ. އެ ސިޓީ ހާމަކުރަން މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީން ގޮވާލުމުން، މި ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ.

comment ކޮމެންޓް